14:14


ބ. ކަމަދޫގައި ދޮޅު އަހަރުގެ ކުއްޖަކު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.


ކަމަދޫން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު އެ ރަށު ހުޅަނގު ފަރާތުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު އެރަށު އަގުހާ ސިދާން ސޯދިގަކީ އެއްމާބަނޑު ދެ ފިރިހެން ކުދިންގެ ތެރެއިން އެއް ކުއްޖެއް ކަމަށާއި ސިދާން ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ރަށު ބަޔަކަށް ކަމަށެވެ.


ރިސޯޓެއްގައި ވަޒީފާ އަދާކުރާ ސިދާންގެ ބައްޕަ މުހައްމަދު ސޯދިގް މިއަދު ސަންއެފްއެމަށް ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގިކަން އެނގުނީ ރިސޯޓްގައި އުޅެފައި އޭނާގެ އޮފް ދުވަހު ގެއަށް ގޮސް އޭނާގެ އެއްމާބަނޑު ދެ ދަރިންނާ އެކު ގޭގައި މަޑުކޮށްލުމަށް ފަހު، މަސް ބާނަން ގޮސް ހުއްޓާ ކަމަށެވެ. ސޯދިގް ބުނީ އެ ހާދިސާ ހިނގި އިރު އޭނާގެ އަންހެނުން ވީ އޮފީހުގައި ކަމަށާއި އެ ވާހަކަ އޭނާގެ ކައިރީގައި ބުނީ އޭނާގެ ރައްޓެއްސެއް ކަމަށެވެ. އަދި ދަރިފުޅު ހެލްތް ޕޯސްޓަށް ގެންގޮސްގެން އުޅޭ ވާހަކަ މީހަކު ބުނުމުން ދިޔައިރު ދަރިފުޅު އޮތީ މަރުވެފައި ކަމަށް ވެސް ސޯދިގް ކިޔައިދިނެވެ.


ކަމަދޫ ހެލްތް ޕޯސްޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުއްޖާ މަރުވެފައި ވަނީ ގެނބިގެން ކަމަށާއި ހެލްތް ޕޯސްޓަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.


ފުލުހުން ބުނީ އެ ކުއްޖާ މިހާރު އޮތީ ކަމަދޫ ހޮސްޕިޓަލްގައި ކަމަށާއި އެ ކަންތައްތައް ތަހުގީ ކުރުމަށް ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ.


11:35


ކަމަދޫން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދު 10:30 ހާއިރު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ފިރިހެން ކުއްޖެއް ކަމަށެވެ.


ފުލުހުން ބުނީ އެކުއްޖާ މިހާރު އޮތީ ކަމަދޫ ހޮސްޕިޓަލްގައި ކަމަށާއި އެކަންތައްތައް ތަހުގީ ކުރުމަށް ފުލުހުންގެ ޓީމެއް އެރަށަށް ދާން ފުރާފައިވާ ކަމަށެވެ.


11:05


ބ. ކަމަދޫ ފަޅުތެރޭގައި ދޮޅު އަހަރުގެ ކުއްޖަކު މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ. ... އިތުރު ތަފުސީލު އަންނަނީ