ކައުންސިލްތަކުގެ އިދާރާ އާއި ތަކެތި ސިޔާސީ ކަންކަމުގައި ދޫނުކުރުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އިލްތިމާސްކޮށްފި އެވެ.

އެލްޖީއޭ އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ގާއިމްކޮށްފައިވާ ކައުންސިލްތަކުގެ ތެރެއިން ބައެއް ކައުންސިލްތަކުގެ އިދާރާ އާއި ތަކެތި ސިޔާސީ ޕާޓީތަކުގެ ބޭނުންތަކަށް ދޫކުރުމުގެ ޝަކުވާ އެކި ފަރާތްތަކުން އެލްޖީއޭ އަށް ހުށައަޅަމުން އަންނަ ކަމަށާއި ކައުން ސިލްތަކުގެ އިދާރާ އާއި ތަކެތި ސިޔާސީ ބޭނުންތަކަށް ދޫނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

\"...ލޯކަލް ކައުންސިލްތަކަކީ ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދެން ޖެހޭ އަސާސީ ހިދުމަތްތައް ރައްޔިތުންނާ ގާތުން ރައްޔިތުންގެ ބައިވެރިވުމާ އެކު ފޯރުކޮށްދިނުމުގެ މަތިވެރި މަގުސަދުގައި ގާއިމު ކުރައްވާފައިވާ މުއައްސަސާތަކެއް. މިފަދަ މުހިންމު ހަިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގައިމުކުރެވިފައިވާ އިދާރާތައް ވާންވާނީ ސިޔާސީ ވިސްނުންތަކުން އެއްކިބާވެ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވަ އިދާރަތަކަށް،\" ބަޔާނުގައިވެ އެވެ.

އެލްޖީއޭ އިން ބުނެފައި ވަނީ ކައުންސިލްތަކުގެ އިދާރާތައް ސިޔާސީ ހަރަކާތްތަކުގެ ބޭނުންކުރުމަކީ މުއައްސަސާތަކައި މެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދަނެ ކަމަށާއި އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ހިދުމަތްތައް ދިނުމުގައި ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެލްޖީއޭ އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މާލޭ ސިޓީ ކައުން ސިލްގެ ހޯލްގައި އެމްޑީޕީން ގައުމީ މަޖިލިހުގެ ޖަލްސާތައް ބާއްވާ އަދި އެ ޕާޓީގެ ނޫސް ކޮންފަރެންސް ތައްވެސް ސިޓީ ހޯލްގައި ބާއްވަމުން ގެންދާ ދުވަސް ވަރެއްގައި ކަން ފާހަގަކުރެވެ އެވެ