13 Jun 2012, 09:36
ވޮޝިންގޓަން (ޖޫން 13): ޔޫރަޕްގެ ޤައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކުގެ ނޭދެވޭ އަސަރު ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރާނެ ކަމަށާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މުސްތަޤްބަލްގައި އޮތީ ދަތިދުވަސްތަކެއް ކަމަށް ވޯލްޑް ބޭންކުން ބުުނެފި އެވެ.
އެ ބޭންކުން ނެރުނު ރިޕޯޓެއް ބުނާ ގޮތުން ޔޫރޯ ޒޯންގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ފައިސާގެ ދަތިތަކުގެ ސަބަބުން މިހާރަށް ވުރެ ބޮޑެތި އިޤްތިސާދީ ދަތިތަކެއް، ކުރިއަރަމުން އަންނަ ޤައުމުތަކަށް މުސްތަޤްބަލްގައި ކުރިމަތިވާނެ ކަމުގަ އެވެ. ވޯލްޑް ބޭންކްގެ އިޤްތިސާދީ ތަޖްރިބާކާރެއް ކަމަށްވާ ހާންސް ޓައިމޯ ކުރިއަރަމުން އަންނަ ޤައުމުތަކަށް ނަސީޙަތްތެރިވަމުން ވިދާޅުވީ މި މައްސަލަތަކާ ކުރިމަތި ލުމަށް ޓަކައި އެ ޤައުމުތަކުން އިސްކަންދޭންވީ އިންފްރާސްޓްރަކްޗާ ތަރައްޤީ ކުރުމަށާއި އުފެއްދުންތެރިކަން އިތުރުކުރުމުގެ މައްޗައް ކަމުގަ އެވެ.
މިކަމަށްޓަކައި ޚަރަދުތައް ކުޑަކުރުން ކޮންމެހެން ބޭނުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ޔޫރޯ ޒޯންގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ފައިސާގެ ދަތިތަކުގެ ސަބަބުން އެޤައުމުތަކާ އެކު ވިޔަފާރިކުރާ ކުރިއަރަމުން އަންނަ ޤައުމުތަކަށް ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވޯލްޑް ބޭންކުން ކުރިން ބުނެފައިވެ އެވެ.
ޔޫރޯ ޒޯންގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކުގެ ސަބަބުން ކުރިއަރަމުން އަންނަ ޤައުމުތަކަށް ކުރިމަތިވާ ގެއްލުންތަކުގެ ތެރޭގައި ޔޫރަޕްގެ ފަތުރުވެރިން އެ ޤައުމުތަކަށްދާ މިންވަރު ދަށްވުމާއި ފަތުރުވެރިންްކުރާ ޚަރަދުތައް މަދުވުން ހިމެނެ އެވެ. މީގެއިތުރުން ކުރިއަރަމުން އަންނަ ޤައުމުތަކުން ޔޫރަޕަށް އެކްސްޕޯޓްކުރާ އެކިބާވަތްތަކުގެ މުދާވިކުން މަދުވުމުން އެމުދަލުން ލިބޭ ފައިދާ ކުޑަވެގެންދިޔުން ހިމެނޭ ކަމަށް އިޤްތިސާދީ ރިޕޯޓްތައް ބުނެ އެވެ. -- ބީބީސީ