17 May 2024, 14:34
އަންނަ ނޮވްމެބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ބާއްވާ ރިޔާސީ އިންތިޚާބުގެ ބަހުސަށް 'ސީއެންއެން'އިން ދިން ދައުވަތު އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި އިންތިޚާބުގައި ވާދަކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގަބޫލުކުރައްވައިފިއެވެ.
'ސީއެންއެން'އިން އިންތިޒާމްކުރާ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ.
"ޖޫން 27 ވަނަ ދުވަހު ބަހުސް ކުރުމަށް ސީއެންއެންއިން ދައުވަތު ގަބޫލުކޮށްފިން،" އެކްސްގައި ކުރި ޕޯސްޓެއްގައި ބައިޑެން ވިދާޅުވިއެވެ. އެ ބަހުސްގައި ބައިވެރިވަޑައިގަންނަވާނެ ކަމަށް ފަހުން ޓްރަމްޕް ވެސް ވަނީ ވިދާޅުވެފައެވެ.
އިތުރު ނިއުސް ނެޓްވޯކެއް ކަމަށްވާ އޭބީސީއިން ބާއްވާ ރިޔާސީ ބަހުސްގައި ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށް ދެ ބޭފުޅުން ވެސް ވަނީ ވިދާޅުވެފައެވެ. އޭބީސީން ބާއްވާ ރިޔާސީ ބަހުސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ބަހުސްގައި ބައިވެރިވެޑައިގަންނަވާނެ ކަމަށް ދެ ބޭފުޅުން ވެސް އިއުލާނުކުރައްވާފައިވާއިރު، ދެ ބޭފުޅުން ވެސް އަންނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
'ސީއެންއެން'އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ބަހުސް އޮންނާނީ އެ ނެޓްވޯކްގެ އެޓްލާންޓާ ސްޓޫޑިއޯސްގައެވެ. އަދި، ބަހުސް ބެލުމަށް އޯޑިއަންސެއް ނުތިބޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މިއީ ރިޔާސީ އިންތިޚާބުތަކުގައި ކުރެވޭ ބަހުސްތަކުގައި އާދަޔާ ހިލާފު މަދުން ނޫނީ ފެނިފައި ނުވާ ކަމެކެވެ.
އޯޑިއަންސް ހާޒިރުނުވެ، އެމެރިކާގައި އެންމެ ފުރަތަމަ ރިޔާސީ ބަހުސަކީ ޖޯން އެފް ކެނެޑީ އާއި ރިޗާޑް ނިކްސަން އާ ދެމެދު 1960 ވަނަ އަހަރު ބޭއްވި ބަހުސެވެ.
މި ފަހަރުގެ ރިޔާސީ ބަހުސް މޮޑެރޭޓް ކުރާނީ ސީއެންއެންގެ ޖޭކް ޓެޕާއާއި ޑާނާ ބެޝްއެވެ. އޭބީސީގެ ބަހުސް މޮޑެރޭޓް ކުރާނީ ޑޭވިޑް މުއީ އާއި ލިންސީ ޑޭވިސްއެވެ.