މި މަހުގެ ފުރަތަމަ ހަފުތާގައި ނެޓްފްލިކްސްގައި ޕްރިމިއާކުރި ވެބް ސީރީޒް "ހީރާމަންޑީ"ގެ ކާސްޓުންނަށް ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް ލިބެމުން އަންނައިރު އަންހެން ތަރިންނެކޭ އެއްގޮތަށް ފިރިހެން ތަރިންނަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

ފިލްމުގައި ގެނެސްދިން ފިރިހެން ކާސްޓުންގެ ސްކްރީން ވަގުތު މަދު ނަމަވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް އެކްޓަރަކީ ޒުވާން ނަވާބު ތާޖްދާރުގެ ރޯލް ކުޅުނު ތާހާ ޝާހު ބަދުސްޝާއެވެ.

ތާހާ އަކީ މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ފިލްމުތަކުން ބެލުންތެރިންނަށް ފެނިފައިވާ އެކްޓަރެކެވެ. އެހެންނަމަވެސް، ގިނަ ބައެއްގެ ސަމާލުކަން އޭރު އޭނާއަށް ނުލިބުނީ ބައެއް ޕްރޮޑިއުސަރުންގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ނުލިބޭތީ ކަމަށް ތާހާ ވަނީ ބުނެފައެވެ.

އެކްޓަރު ތާހާ ޝާހު ވެބް ސީރީސް "ހީރާމަންޑީ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ތާހާ ފިލްމު އިންޑަސްޓްރީއާ ގުޅުނުތާ 14 އަހަރު ވެފައިވާއިރު ފިލްމުތަކަށް ކާސްޓުކުރާ ބައެއް ޑައިރެކްޓަރުންގެ ޖަވާބެއްގެ އިންތިޒާރުގައި ހަ އަހަރު ވަންދެން އޭނާ ކެތްތެރިކަމާ އެކު އިންތިޒާރުކުރި ކަމަށް ތާހާ ވަނީ ބުނެފައެވެ. ބައެއް އޮޑިޝަންތަކަށް ބޮޑު ފީއެއް ނެގުމަށްފަހު ތާހާއަށް ޚިޔާނާތްތެރިވި ޑައިރެކްޓަރުންތަކެއް ވެސް އުޅޭ ކަމަށް ޒުވާން އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ އިންސްޓަންޓް ބޮލީވުޑް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ތާހާ ބުނިގޮތުން ފިލްމު އިންޑަސްޓްރީގައި އެކަކު އަނެކަކަށް ގުޅުން ބަދަހިކުރުމުގައި ވަރަށް ބޮޑު ތަފާތު ކުރުން ގެންގުޅެއެވެ. އޮޑިޝަންއަށް ފައިސާ ނެގުމުގެ ސިލްސިލާގެ ޝިކާރައަކަށް ތިން ހަތަރު ފަހަރު މަތިން ވީނަމަވެސް އެއްވެސް އިރަކު އުއްމީދު ކަނޑާނުލާ ކަމަށް ތާހާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

ޔަޝްރާޖް ކުންފުނީގެ ފިލްމު "ލަވްކާ ދި އެންޑް"އިން 2011ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ނަމަވެސް އެދެވޭ ކުރިއެރުމެއް ބޮލީވުޑުން ނުލިބޭ ކަމަށް ތާހާ ވަނީ ބުނެފައެވެ. ކެތްތެރިކަމާ އެކު މާޔޫސްނުވެ، ސާބިތުކަންމަތީ ހުރުމުގެ ނަތީޖާއަކަށްވީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފިލްމު ކުންފުނި ބަންސާލީ ޕްރޮޑަކްޝަންގެ ޕްރޮޖެކްޓެއް ލިބުން ކަމަށް ތާހާ ވަނީ ބުނެފައެވެ.

ޢުމުރުން 26 އަހަރުގެ ޒުވާން އެކްޓަރު "ހީރާމަންޑީ"ގައި ކުޅުނު ރޯލަށް އިންޑިއާގެ އިތުރުން ބައިނަލްއަޤުވާމީ ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު މިއީ ތާހާއަށް ކުރިމަގުގައި ފިލްމު ދާއިރާއިން ފުރުސަތުތައް ލިބުމަށް ހުޅުވުނު ދޮރެއް ކަމަށް އެކްޓަރު ވަނީ ސިފަކޮށްފައެވެ. ވެބް ސީރީޒް "ހީރާމަންޑީ"ގެ އިތުރުން ތާހާ ވަނީ ޒީ5އިން ގެނެސްދިން ވެބް ސީރީޒް "ތާޖް:ޑިވައިޑެޑް ބައި ބްލަޑް"ގެ ވެސް މުހިއްމު ރޯލަކުން ފެނިފައެވެ.