13 Jun 2012, 09:25
އދ. މަޖިލިސް (ޖޫން 13): ސޫރިޔާގައި މިހާރު ހިނގަމުންދަނީ އަހްލީ ހަނގުރާމައެއް ކަމަށް އދ. އިން ސިފަކޮށްފި އެވެ.
ސޫރިޔާގައި ސުލްޙަ ޤާއިމްކުރުމަށް ޙަރަކާތްތެރިވާ އދ. ގެ ވަފްދުގެ ވެރިޔާ ހެރްވީ ލެޑްސަން ސޫރިޔާގެ ޙާލަތު ސިފަކުރައްވަމުން ވިދާޅުވީ ރައީސް ބައްޝާރުލްއަަސަދްގެ ވެރިކަން ވައްޓާލުމަށް ސޫެރިޔާގައި ފެށި އިޙްތިޖާޖްތައް ފުރިހަމަ މާނައިގެ އަހްލީ ހަނގުރާމައަކަށް މިހާރު ބަދަލުވެއްޖެ ކަމުގަ އެވެ.
ސޫރިޔާގެ ބައެއް ސަރަޙައްދުތަކުގެ ކޮންޓްރޯލް ސަރުކާރަށް ގެއްލި އެސަރަޙައްދުތަައް އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާއިރު އެތަންތަން އަނބުރައި ހޯދުމަށް ސަރުކާރު ސިފައިން ވަރުގަދަ އަށް ހަނގުރާމަ ކުރަމުންގެންދާ ކަމަށްވެސް އދ.ގެ ސުލްޙައިގެ ވަފްދުގެ ވެރިޔާ ލެޑްސަން ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސް ވެސް އިއްޔެ ބުނި ގޮތުގައި ސޫރިޔާގައި މިހާރު ކުރިޔަށް ދަނީ ރައްޔިތުންގެ އުތުރިއެރުމެއްގެ ބަދަލުގައި ފުރިހަމަ މާނައިގެ އަހްލީ ހަނގުރާމައެކެވެ. މިހަނގުރާމައިގެ ސަބަބުން ސޫރިޔާ ރައްޔިތުން ޙާލުގައިޖެހި އެމީހުންގެ އިންސާނީ ޙާލަތު ވަރަށްބޮޑަށް ދަށަށްދާ ކަމަށާއި އަދި ރައްކާތެރިތަންތައް ހޯދުމަށް ޓަކައި ރެފިއުޖީންގެ ގޮތުގައި ސޫރިޔާގެ އެތައް ހާސްބަޔަކު އަވަށްޓެރި އުރުދުންއާއި ތުރުކީއަށް ހިޖްރަކުރަމުންދާ ކަމަށް ރެޑްކްރޮސް އިން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސޫރިޔާ ސަރުކާރާ ހަނގުރާމަކުރަމުން ގެންދާ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރާއި ތަމްރީން ފޯރުކޮށްދެނީ އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގެ އިތުރުން ޤަތަރާއި ސަޢޫދީ އަރަބިޔާއިންނެވެ. ސޫރިޔާ ސިފައިންގެ ލަޝްކަރުތަކަށް ހަތިޔާރު ފޯރުކޮށްދެނީ ރަޝިޔާ އާއި އީރާނާ ޗައިނާއިންނެވެ. އެމެރިކާއިން ވަނީ ރަޝިޔާ އިން ސޫރިޔާ ސިފައިންނަށް ދާދިފަހުން ހެލިކޮޕްޓަރުތަކެއް ފޮނުވާފައިވާ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވަނީ ރަޝިޔާ އިން ފޮނުވި ހެލިކޮޕްޓަރުތައް ސޫރިޔާ ސިފައިން އާންމުންނަށް ޙަމަލާދިނުމުގައި ބޭނުންކޮށްފާނެ ކަމަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ރަޝިޔާއިން ބުނެފައި ވަނީ ސޫރިޔާއަށް ފޮނުވީ ރެސްކިއު އޮޕަރޭޝަންތައް ފަދަ ހަނގުރާމައާ ގުޅުންނެތް މަދަނީ ހެލިކޮޕްޓަރު ތަކެއް ކަމުގަ އެވެ. (އަލްޖަޒީރާ)