13 Jun 2012, 09:33
މައުލޫމާތު ހިއްސާ ކުރުމުގެ އެމްއޯޔޫއެއްގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އިމިގްރޭޝަން ޑިޕާޓްމަންޓުން ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު އެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ އޮފް އެމިގްރޭޝަން، ޑރ. މުހައްމަދު އަލީ އެވެ.
މީރާއިން ބުނީ އެމްއޯޔޫގެ ސަބަބުން މީރާގެ އޮޑިޓް، އެސެސްމަންޓާއި ތަޙުގީގުތަކަށް ބޭނުންވާ މައުލޫމާތުގެ ތެރެއިން އިމިގްރޭޝަނުން ލިބެން ހުންނަ މައުލޫމާތު، ހަރުދަނާ ނިޒާމެއްގެ ތެރެއިން ލިބި ދެ މުއައްސަސާއިން ތަންފީޒުކުރާ ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށެވެ.
މީގެ އިތުރުން ޓެކްހާ ގުޅޭ ކުށްތަކާއި އިމިގްރޭޝަން ދާއިރާއާ ގުޅޭ ކުށްތަކާބެހޭ މައުލޫމާތު ދެ ފަރާތުގެ މެދުގައި ބަދަލުކޮށް، އެފަދަ ކުށްތައް މަދުކުރަން ފިޔަވަޅުތައް އެޅޭނެ ކަމަށް ވެސް ބުންޏެވެ.