13 Jun 2012, 09:20
ރާއްޖޭގެ ސިޔާސީ މަޝްރަހުން ފެންނަން އޮތް އެންމެ ބޮޑު ޕާޓީތައް ކަމަށްވާ އެމްޑީޕީއާ ޑީއާރްޕީ އަދި ޕީޕީއެމާ އެއް ހަމައަކަށް ދެވޭތޯ މަސައްކަތް ކުރާމަންޒަރު އެންމެ ބޮޑަށް ފެންނަނީ ޖުމްހޫރީ ޕާޓީގެ ތެރެއިންނެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަގުސަދުގައި އެޕާޓީގެ މެންބާޝިޕް އިތުރުކުރަން ކުރާ މަސައްކަތް މި އަހަރު ފެށުނު އިރު ވެސް އޮތީ ޖައްސާފަ އެވެ.
ސަރުކާރު ބަދަލުވުމަށް ފަހު އިއްތިހާދުގެ ކޯލިޝަން ތެރެއިން ޖުމުހޫރީ ޕާޓީއަށް ލިބިގެން ދިޔަ އެންމެ ބޮޑު އެއްކާމިޔާބީއަކީ އެމްޑީޕީގެ ފަންޑް ރައިސިން ކޮމެޓީގައި ޗެއާމަން އަދި އެމްޑީޕީގައި ނުފޫޒުގަދަ އަބްދުﷲ ޖާބިރު ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމެވެ. އެއީ ޕާޓީގެ އުއްމީދަށް ވަރަށް ބޮޑަށް އާވެގެން ދިޔަ ކަމަކަށް ވިއެވެ. މިހާރު މިފެންނަނީ އެމްޑީޕީގެ ލީޑާޝިޕްގައި މަސައްކަތްކުރެއްވި ޑރ. އިބުރާހިމް ދީދީ (ޑީޑީ) އާއި އެޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ސާހާއި އެޕާޓިގެ އޭރުގެ މެންބަރު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެން ރަޝީދު ހަސަން އެ ނޫން ވެސް ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާ މަންޒަރެވެ.
ކަން މިހެން އޮތް ނަމަވެސް ޖުމުހޫރީ ޕާޓީއަށް ވަފާތެރި ބައެއް ފަރާތްތައް ޑީޑީ އަދި އަލްހާނު ޖުމުހޫރީ ޕަޓީއާއި ގުޅިވަޑައިގަތުން ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. އަދި އޭގެ ކުރިޔަށް ގުޅިވަޑައިގެންނެވި ޖާބިރާ މެދު ޝައްކު އުފައްދާ ފަރާތްތައް ވެސް މަދެއް ނޫނެވެ.
ޑީޑީއާއި އަލްހާން ޖުމްމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމުގެ ޑީޑީ އަށް ޕާޓީގެ ރައީސް ކަން ލިބޭ ގޮތަށް ޖުމުހޫރީ ޕާޓީގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސް އަދި ހަމައެކަނި ރައީސް ކަމުގެ މަގާމަށް ޑީޑީ ވާދަކޮށް ރައީސް ކަމަށް ވަޑައިގަތުމަކީ އިއްތިފާގެކޭ ބުނެވިދާނެ ހެއްޔެވެ؟
ޖުމްހޫރީ ޕާޓީއަށް އިހުލާސްތެރި ކަމަށް ވިދާޅުވާ ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި އެޕާޓީގެ ފިކުރު ވަކި ގޮތަކަށް ބަދަލުކޮށްލަން ހާއްސަކޮށް އެމްޑީޕީން ގުޅުނު ބޭފުޅުން މަސައްކަތް ކުރައްވާނެ އެވެ. އަދި ޕާޓީގެ ލީޑަޝިޕަށް އެބޭފުޅުންގެ ނުފޫޒު ފޯރުވަން ވެސް މަސައްކަތް ކުރައްވާނެ އެވެ.
ޖުމުހޫރީ ޕާޓީގެ އިސްބޭފުޅަކު ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި ޑީޑީ އާއި އަލްހާނު ފަދަ ބޭފުޅުން ޖުމުހޫރީ ޕާޓީގެ ތެރޭގައި ބާރުގަދަ ކުރަން މަސައްކަތް ކުރައްވައެވެ. މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެޕާޓިގެ ރައީސް ނައިބު ރައީސް އަދި ސެކްރެޓަރީ ޖެނެރަލް ހޮވުމަށް ބޭއްވި ބައްދަލުވުމަށް ފެނިގެން ދިޔައީ ވެސް އެތަނެވެ.
އެޕާޓީގެ އަލަށް އުފެއްދި އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމުގެ ޖަލްސާ ކުރިއަށް ދިޔައިރު އެޕާޓީގެ ތެރޭގައިވެސް ފެކްޝަން ތަކެއް އުފެދޭ އިޝާރާތް ވަނީ ވެފައެވެ. ނައިބު ލީޑަރު ޖާބިރާއި އެޕާޓީގެ ކައުން ސިލް މެންބަރު ފުވާދު ގާސިމާއި ދެމެދު ޒުވާބު އުފެދި ޕާޓީގެ ކައުން ޖަލްސާއިން ނުކުމެ ވަޑައިގެންނެވީ އެޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ރިޔާސަތުގައި އިންނަވަނި ކޮށެވެ.
އެދެބޭފުޅުން ގެ ރުޅިގަނޑު ފަޅައިގެން ދާނެ ކަމަށް މީގެކުރިން ވެސް ބެލެވުނެވެ. މިފަހަރު ސަބަބެއްކަމަށްވީ ހެލްތު މިނިސްޓަރުގެ މައްސަލައެވެ. މިއީ އެނގޭ ވަރެވ. އަފި ތިލަ ނުވާ ކިތަންމެ ކަމެއް ހުރުމަކީ ގާތް ކަމެކެވެ.
ޕާޓީގެ ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގައި ކޯލިޝަން ސަރުކާރެއް އޮއްވާ ޖާބިރުގެ އެ ހުށައެޅުމަކީ އެންމެ ރަނގަޅު ހުށައެޅުން ނޫނެވެ. އެފަދަ ކަމެއްގެ ސަބަބުން ކޯލިޝަން ފަނިވެ މުޅި އިއްތިހާދަށް އަސަރުކުރުމަކީ ކައިރިކަމެއްކެވެ. ޖާބިރުމެންގެ ނިޔަތާއިމެދު ސުވާލު އުފެދެ އެވެ.
\"އަޅުގަނޑުމެން ނުހަނު ބުރަ މަސައްކަތުން ގެނައި ކޯލިޝަން ސަރުކާރެއް މިއީ މި ކޯލިޝަނަށް ބުރޫ އަރުވާލާކަށް ޖާބިރަކަށް ލާހިކު ކުޅަދާނަ ކަމެއް ނޫން. ޑރ. ޖަމްޝީދުގެ ބަދަލުގައި ހެލްތު މިނިސްޓްރަކަށް ޖުމުހޫރީ ޕާޓީގެ ފަރާތުން ޑީޑީ ކަނޑައަޅަން ވާހަކަތައް ދެއްކުމުގެ މައިގަނޑު މަގުސަދަކީ ކޯލިޝަން ރޫލާލައި ނިކަމެތިކޮށްލުން. އެކަން ކުރާކަށް ނުކެރޭނެ،\" ކައުންސިލް މެންބަރު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ތެރޭގައި ލީޑަރު ގާސިމް އިބްރާހީމް ނުފޫޒެއް ނެތްކަން ދައްކަވަމުން ޑީޑީ ވިދާޅުވީ ގޮތުގައި އެހެނިހެން ޕާޓީތަކުގައި ލީޑަރު ވިދާޅުވީމާ ވޯކްއައުޓް ކުރައްވާ ބޭފުޅާ ވެސް ހަނު ހުންނަވާނީ ކަމަށާއި ނަމަވެސް އެބޭފުޅުން ނުކުމެ ވަޑައިގެން ދިޔައީ ލީޑަރު އިންނަވަނިކޮށް ކަމަށެވެ.
ޑީޑީގެ ނަޒރުގައި އެއީ ޑިމޮކްރަސީގެ ނަމޫނާ އެއް ދެއްކުމެވެ. އަދިޕާޓީގެ ތެރޭގައި މައްސަލައެއް ނެތްކަން އަދި އެޕާޓީއަކީ ޑިމޮކްރަސީ ޕާޓިއެއްކަމަށް ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތަސައްވަރު މިހާރު މުޅިން ބަދަލުވެ ޑިމޮކްރެޓިކް ނިޒާމެއްގެ ސިފަތައް ޖެހޭ މަންޒަރު މިހާރު ފެންނަމުން ދިއުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.
ނަމަވެސް އެޕާޓީގައި ވޯޓް ދިނުމަށް ތިބި 24 މެންބަރުންގެ ތެރެއިން 13 މެންބަރުންގެ ވޯޓު ލިބުމުން އެކަމުގައި ކޮންމެވެސް ވަރެއްގެ ފޮރުވިފައިވަ ސިއްރުތަކެއް ޑީޑީއަށް އެނގިނުލައްވާ ކަމަށް އަމިއްލަ އަށް ހެއްދެވި ނަމަވެސް އެކަން އެންމެ ރަނގަޅަށްވެސް އެބޭ ފުޅާއަށް އެނގިވަޑައިގަންނަވާނެކަން ކައުންސިލްގެ ބައިވެރިވި ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އަދި ޖުމުހޫރީ ޕާޓީގެ ނުފޫޒު ގަދަ މެންބަރުން ޕާޓީގައި ލީޑަރެއް ހުރެ ރައީސެއް ހުރުމަކީ ގަބޫލު ކުރަން އުނދަގޫކަމެއްގެ ގޮތުގައިވެސް ވަނީ ސިފަކުރެ އެވެ.
ޖުމްހޫރީ ޕާޓީގެ ތެރޭގައި \"ކޯޅުންތަކައެއް\" ހިނގައިދިޔަ ނަމަވެސް ޕާޓީގެ ލީޑަރު ގާސިމް އެ މައްސަލަ ސީރިއަސް ކޮށް ނެގިހެނެއް ހިޔެއްނުވެއެވެ. ނަމަވެސް މިހާރު ޖުމުހޫރީ ޕާޓީގެ މިސްރާބު ޖަހާފައިވާ ގޮތުން އެޕާޓިއަށް ވެސް ދެ ފެކްޝަނެއްގެ ބިރު އޮތްކަމަށް ހީވެ އެވެ.
\"އެކަހަލަ ކަންތައްތަކަކީ ޑިމޮކްރަސީގައި ދިމާވާނެ ކަންކަން. އެކަމާ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ހައިރާނެއް ނުވޭ. ހިޔާލު ތަފާތުވެގެން ދެބޭފުޅުން ނުކުތީ އިލެކްޝަންގެ ކަމަކާއި ގުޅިގެނެއް ނޫން. ސަރުކާރުން އަޅުގަނޑުމެންނަށް ލިބެންވާ ވަކިކަހަލަ ކަންތަށް ތަކާއި ގުޅިގެން ދެކެވުނު ވާހަކެއްގެ ތެރޭގައި ހިޔާލު ތަފާތުވެގެން ދެބޭފުޅުން ނުކުމެ ވަޑައިގަތީ،\" ގާސިމް ވިދާޅުވި އެވެ.
ކުޑަކުޑަކަމަކުން ޕާޓީގެ ނުފޫޒުގަދަ އަދި އިސްމ ަގާމުތަކުގައި ތިއްބެވި ފަރާތްތައް ރުޅިގަދަވެ ޒުވާބުކުރުމަށް ފަހު ގަޔަށް އަތްލާ ހިސާބަށް ކަންތައް ދިއުމުން އެއީ ސީރިއަސް ކަމެއްގެ ގޮތުގައި ސިފަކުރާ މީހުންމަދެއް ނުވާނެއެވެ.