ޓެކްސީތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް މިހާރު ހުރި މައްސަލަތައް ހައްލުކުރުމުގެ ގޮތުން ވަރަށް އަވަހަށް ޓެކްސީތަކުގައި މީޓަރުތައް ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ މުހައްމަދު ވިދާޅުވީ، މީޓާ ޓެކްސީ ތައާރަފުކުރުމުގެ މަސައްކަތަކީ އެ މިނިސްޓްރީން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން މީޓާ ޓެކްސީ ތައާރަފުކުރުމަށްޓަކައި މިހާރު ދިރާސާއެއް ވެސް ހަދާފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.

"އެ ދިރާސާގެ އަލީގައި އަޅުގަނޑުމެން މީގެ ސްޓޭކްހޯލްޑަރުންނާ އެކީގައި ބައްދަލުވުންތައް ބާއްވައިފިން. އެގޮތުން ޑްރައިވަރުންނާ އެކީ އަޅުގަނޑުމެން ބައްދަލުވުންތައް ބާއްވައިފިން. އެޕްތައް ގެންގުޅުއްވާ ފަރާތްތަކާ އެކީ އަޅުގަނޑުމެން ބައްދަލުވުންތައް ބާއްވައިފިން. ހަމައެގޮތުން ޓެކްސީ ސެންޓަރުތަކާ އެކީ ވެސް އަޅުގަނޑުމެން ބައްދަލުވުންތައް ބާއްވައިފިން،" އަލީ ވިދާޅުވިއެވެ.

މަޖީދީމަގުން ޓެކްސީ އެށް ދަތުރުކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީ ޚިދުމަތް ދިނުމުގައި މިހާރު ދިމާވާ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބޭނީ މީޓާ ޓެކްސީ ތައާރަފުކޮށްގެން ކަމަށް އަލީ ވިދާޅުވިއެވެ.

"މިކަމަށްޓަކައި މިހާރު ވެސް މިނިސްޓްރީ ތެރޭގައި މީގެ ފްރޭމްވޯކެއް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މިކަން އަޅުގަނޑުމެން ކުރާނަން،" އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ، މިނިސްޓްރީން ހޯދި ހޯދުންތަކުން އެނގުނީ މިކަމަކީ އާންމު ރައްޔިތުން ވެސް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ސެންޓަރުތަކުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ތިބީ މިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް އަލީ ވިދާޅުވިއެވެ.

މި ފަހުން ޓްރާސްންޕޯޓް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ޓެކްސީ ކުރާ އަގުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހަތް ސީޓާއި 10 ސީޓާ ދެމެދުގެ ވެހިކަލްތަކަށް ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައި، ޑޮމެސްޓިކް ޓާމިނަލްއަށް ކުރާ ދަތުރުތަކުން އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް ޗާޖު ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.