12 Jun 2012, 23:47
ސީއެޗްއެސްސީގެ ކެންޓީން ހިންގަން ގ. ސައުތު ބްރީޒް، މުހައްމަދު ތައުފީގު (ސައުތު ތައުފީގު) އާއެކު އެޑިޔުކޭޝަން މިނިސްޓްރީން ވެފައިވާ އެއްބަސްވުމަށް އަމަލުކުރެވެން ނެތް ކަމަށް ބުނެ ކެންޓީން ހޯދަން ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
ސިވިލް ކޯޓުން ބުނީ ދައުވާ އަނބުރާ ގެންދިޔައީ މި މަހުގެ ހަ ވަނަ ދުވަހު ބަންޑާރަ ނާއިބުގެ އޮފީހުން ކޯޓަށް ސިޓީ އެއްފޮނުވައި ދައުވާ އަނބުރާ ގެންދަން އެދުމަށްފަހު ކަމަށެވެ. ދައުވާ އަނބުރާ ގެންދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފުވެފައެއް ނުވެއެވެ.
\"ދެންފަހެ، ގ. ސައުތު ބުރީޒު މުހައްމަދު ތައުފީގަށް ކުއްޔަށް ދޫކޮށްފައިވާ ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަންގެ ކެންޓީން މުހައްމަދު ތައުފީގުގެ އަތުން އަނބުރާ ހޯދުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މި ދައުވާ އަނބުރާ ގެންދިޔުމަށް ބަންޑާރަ ނާއިބް އޮފީހުގެ ސިޓީއިން މި ކޯޓުގައި އެދިފައިވާތީ މިގޮތުގެ މައްޗަށް ދައުވާ ފޯމް ބާތިލް ކުރުމުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ،\" ސިވިލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވެއެވެ.
އެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައިވާއިރު އެތަން ސައުތު ތައުފީގަށް ކުއްޔަށް ދިނުމުގައި ސީއެޗްއެސްސީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭތީ އޭނާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.
ސަފޫރާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އެ ތަން ސައުތު ތައުފީގަށް ކުއްޔަށް ދީފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ޚިލާފަށް ކަމަށް ބުނެއެވެ.
އެ ގަވާއިދުގައި ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޫކުރާ ނަމަ ކުލި ލިބެން ޖެހޭ މުއްދަތުގައި ކުލި ނުލިބޭ ގޮތަށް އެއްބަސްވުމުގައި އެއްވެސް މާއްދާއެއް ހިމަނައިގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ އިރު އެ ދެ ތަނުގެ ކުލި މައާފް ކުރެވޭނެ ދުވަސްތަކެއް ކަމުގައި ރަމަޟާން މަހުގެ ދުވަސްތަކާއި ދިރާސީ އަހަރުގެ ޗުއްޓީ ދުވަސްތައް އެތަން ކުއްޔަށް ދިން އެއްބަސްވުމުގައި ހިމަނާފައިވާކަމަށް ވެސް ޝަރީއަތަށް ފޮނުވި އެ މައްސަލައިގައި ވެއެވެ.