ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯއަށް އިއްޔެ ދިން ބަޑީގެ ހަމަލާއާ ގުޅިގެން ފުރާނައަށް ނުރައްކާވި ނަމަވެސް، މިހާރު އެ ހާލަތުން އަރައިގަނެވިފައިވާ ކަމަށް ބޮޑުވަޒީރުގެ ނައިބު ތޯމަސް ތަރާބާ ވިދާޅުވެއްޖެއެވެ.

ސްލޮވާކިއާގެ ޓީވީގެ ސްޓޭޝަނަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފީކޯއަށް ހަމަލާ ދިނީ ގައުމުގެ ވެރިރަށް ބްރަޓިސްލާވާއާ 93 މޭލު ދުރުގައި އޮންނަ ހާންޑްލޯވާގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަން އުޅުއްވަނިކޮށެވެ.

އެގައުމުގެ ސަރުކާރުން ވަނީ ފީކޯއަށް ހަމަލާ ދިނީ އަވަހާރަކޮށްލުމުގެ ނިޔަތުގައި ކަމަށާއި އެއީ ސިޔާސީ ބޭނުމެއްގައި ދިން ހަމަލާއެއް ކަމަށް ބުނެފައެވެ.

ސްލޮވާކިއާގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ 'ޓީއޭ3'އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފީކޯގެ ބަނޑަށް އަމާޒުކޮށް ހަތަރު ފަހަރު ބަޑިޖަހައިފައިވެއެވެ.

އެ ހަމަލާދިން ކަމަށް ޝައްކު ކުރެވޭ 71 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ.

ސެކިއުރިޓީ ޕޮލިސީ ތިންކް ޓެންކެއް ކަމަށްވާ ގްލޮބްސެކްގެ ނައިބު ރައީސް އަލެނާ ކުޑްޒްކޯ ވިދާޅުވީ އެ ގައުމުގައި ސިޔާސީ ފިތުނަ ބޮޑުވެފައި އޮތް ނަމަވެސް އެފަދަ މިންވަރަކަށް އަނިޔާވެރިވާނެ ކަމަށް އެއްވެސް މީހަކަށް ކުރިން ހީކުރެވިފައި ނެތް ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އާންމު އިންތިޚާބުގައި ސްމަ-އެސްޑީ ޕާޓީން އަޣުލަބިއްޔަތު ހޯއްދަވައިގެން ފީކޯ މިހާރު ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވަނީ ތިން ވަނަ ދައުރެއްގައެވެ.

ފީކޯއަށް ދިން މި ހަމަލާ އެ ގައުމުގެ ރައީސް، ޒުޒާނާ ކަޕުޓޯވާ އާއި ބޭރުގެ ގިނަ ގައުމުތަކުން ކުށްވެރިކޮށްފައިވެއެވެ.