ޖިއްދާ (ޖޫން 12): މިޔަންމާގެ ބައި މަދު މުސްލިމުންނާ ދެކޮޅަށް އެސްޓޭޓްގެ ހައްދުފަހަނަޅާފައިވާ ބުދު ދީނުގެ މީހުން ހިންގަމުންގެންދާ މީހުން މެރުމާއި ޓެރިޒަމްގެ ހަރަކާތްތަކާއި އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް އެޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އިން ގޮވާލައިފި އެވެ.

އޮގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަކްމަލުއްދީން އިޙްސާން އޮގްލޯ ވިދާޅުވީ މިޔަންމާގެ ރެކިން ސްޓޭޓްގެ ބައިިމަދު ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ހައްދުފަހަނަޅާފައިވާ ބުދުދީނުގެ ޖަމާއަތްތަކުން ޖިސްމާނީގޮތުން އަނިޔާކޮށް މީހުންމަރައި މިސްކިތްތައްތަޅައި ގެދޮރުގައި ހުޅުޖަހައި ވަޒަނުން ބޭރުކުރަމުން ގެންދާތާ އެތަށް އަހަރެއްވެއްޖެ ކަމަށާ މުސްލިމުންނާ ދެކޮޅަށް ހިންގާ މިޖަރީމާތައް މިހާރު ކުރިޔަށްވުރެ ބޮޑުވެފައިވާކަމަށެވެ.

އޮގްލޯ އިސްލާމީ ޤައުމުތަކަށާއި ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލެއްވީ މިޔަންމާގެ ހައްދުފަހަނަޅާފައިވާ ބުދުދީނުގެ މީހުންގެ ކިބައިން އެޤައުމުގެ ބައިިމަދު ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުން ސަލާމަތް ކުރުމަށް ޓަކައި މިޔަންމާ ސަރުކާރާ ވާހަކަ ދެއްކުމަށެވެ. އަދި މިޔަންމާގެ މުސްލިމުން މަރައި އެމީހުން އަމިއްލަ ވަޒަނުން ބޭރުކުރަމުންގެންދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް މިޔަންމާ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށް ވެސް އިސްލާމީ ޤައުމުތަކަށާއި ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހެން ޤައުމުތަކުގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

މިޔަންމާގެ ރެކިން ސްޓޭޓްގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ބުދުދީނުގެ މީހުން އިއްޔެ ހިންގި ޖަރީމާތަކުގައި ވެސް މުސްލިމުންގެ 10 މީހަކު މަރާލައި މުސްލިމުންގެ އެތަށް ބައެއްގެ ގެދޮރު އަންދާލާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިޖަރީމާތަކަށް ކެތްނުކުރެވިގެން މިޔަންމާގެ ބައިމަދު މުސްލިމުން މިހާރުގެންދަނީ އަވަށްޓެރި އިސްލާމީ ޤައުމެއް ކަމަށްވާ ބަންގްލަދޭޝް ގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެޤައުމަށްވަދެ ޙިމާޔަތް ހޯދަމުންނެވެ.

އދ. ބުނާގޮތުން މިޔަންމާއާއި ބަންގްލަދޭޝްއާ ގުޅުނު ހިސާބުގައި ދިރިއުޅޭ ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންނަކީ މިޔަންމާއިން އެޤައުމުގެ ރައްޔިތުންގެ ގޮތުގައި ބަލައިނުގަންނަބައެކެވެ. މިކަމުގެ ސަބަބުން ރޮހިންގާ ދަރިކޮޅުގެ މިސްލިމުންނަކީ ހުރިހާ ހައްޤުތަކަކުން މަޙްރޫމް ކޮށްލެވިފައިވާ އަދި ދުނިޔޭގައި އެންމެ ފަގީރު އަދި އެންމެ ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ ބައިމަދު ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ޖަމާއަތެއް ކަމަށްވެސް އދ. ން ސިފަކުރެއެވެ. -- އަލްޖަޒީރާ