ހުޅުމާލޭ ސަހަރާ ކައިރީ ޕާކުކޮށްފައި އޮތް ވޭނެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މަންޒަރު ދުއް މީހަކު 'ސަން'އާ ވާހަކަދައްކަމުން ބުނީ، އެ ވޭން އެ ތަނުގައި ޕާކުކޮށްފައި ހެނދުނުއްސުރެ ވެސް އޮތް ކަމަށެވެ. އެކަމަކު، އެ ވޭނުގެ ތެރޭގައި މީހަކު މަރުވެފައި އޮތްކަން އެނގުނީ މެންދުރު ފަހުންނެވެ.

ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއް ކަމަށެވެ.

އެގޮތުން، ހުޅުމާލޭ ސަރަހާ ކުރިމަތީ ޕާކުކޮށްފައި އޮތް ވޭނެއްގައި ޚަބަރު ހުސްވެފައި އޮތް މީހެއް އޮތް ކަމަށް ރިޕޯޓު ލިބިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ.

ހުޅުމާލޭގައި މީހަކު މަރުވެފައި އޮއްވައި ފެނުނު ވޭން -- ފޮޓޯ/ ވިސާމް

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެކަމަކު، މި މައްސަަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލޭގެ ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮތް މީހަކު ވެސް ހޯމަ ދުވަހުގެ ރޭ ވަނީ ފެނިފައެވެ. އެ ތަނުން މަރުވެފައި އޮއްވާ ފެނުނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ދުވަހު މަރުވެފައި އޮތް މީހާގެ އޮޓޮޕްސީއެއް ހަދަން ފުލުހުން ވަނީ ނިންމައިފައެވެ.