12 Jun 2012, 22:28
އދ. މަޖިލިސް (ޖޫން 12): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އެޤައުމުގެ އދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ ސޫރިޔާ ސިފައިން އެޤައުމުގެ ކުޑަކުދިން ދިފާޢީ އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުން ގެންދާކަމަށް އދ. ން ތުހުމަތުކޮށްފި އެވެ.
އދ. ން ނެރުނު ރިޕޯޓެއް ބުނާގޮތުން ސޫރިޔާ ސިފައިން ގެންދަނީ 8 އަހަރާއި 15 އަހަރުގެ ކުދިން ދިފާޢީ އައްޑަނައެއްގެ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރަމުންނެވެ. މިކަމަށް ދެކޮޅުހަދާކުދިން ދަންޖައްސައި މަރަމުން ގެންދާކަމަށާއި ދިފާޢީ އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ފާއިތުވި ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ސޫރިޔާގެ 1200 ކުއްޖަކު މަރުވެފައިވާ ކަމަށްވެސް އދ. ގެ ރިޕޯޓް ބުނެއެވެ.
މިރިޕޯޓް ބުނާގޮތުން ރައީސް ބައްޝާރުލްއަސަދުގެ ސިފައިން ގެންދަނީ އެމީހުންގެ ސަފުގައި ހަނގުރާމަ ކުރުމަށް ކުޑަކުދިންނަށް މަޖްބޫރު ކުރުވައި ހަނގުރާމައިގެ މައިދާނަށް ކުޑަކުދިން ވައްދަމުންނެވެ. ނަމަވެސް ސޫރިޔާ ސިފައިން މިކަންކުރާކަމަށް ކުރާ ތުހުމަތުތަކުގެ އެއްވެސް ހެއްކެތް އދ. ގެ ރިޕޯޓްގައި ހާމަކޮށްފައެއްނުވެއެވެ.
ސޫރިޔާގައި ޙަރަކާތްތެރިވާ އދ. ގެ އޮބްޒާވަރުން ބުނާގޮތުން ބައްޝާރުގެ ނިޒާމް ވައްޓާލަން މަސައްކަތްކުރާ އެޤައުމުގެ އދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ސިފައިން ކުރަމުންގެންދާ ހަނގުރާމަ ފާއިތުވި ދެތިން ހަފްތާގައިވަނީ ކުރިޔަށްވުރެ އެތަށްތަނެއް ވަރުގަދަކޮށްފައެވެ. ހަނގުރާމަވެރިން، ސަރުކާރު ސިފައިންނަށް ދެމުންގެންދާ ޙަމަލާތައްވެސް މިމުއްދަތުގައި އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް އދ. ގެ އޮބްޒާވަރުން ބުނެއެވެ.
އދ. އާއި އެމެރިކާއިންވަނީ ސޫރިޔާގެ މައްސަލަ އިތުރަށް ގޯސްވެ އެޤައުމުގައި އިތުރު ޤަތްލު ޢާންމު ހިނގައިފާނެ ކަމަށްބުނެ އިންޒާރުދީފައެވެ. ސޫރިޔާ އިންވަނީ އެޤައުމުގެ ހަނގުރާމަވެރިންނަށް ފައިސާއާއި ހަތިޔާރާއި ތަމްރީންދީގެން ޤައުމުގައި ހަމަނުޖެހުން އުފައްދައި ޢިރާޤަށް ހެދިގޮތް ސޫރިޔާއަށް ހެދުމުގެ ރޭވުމެއްގެ ދަށުން މަސައްކަތްކުރާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކޮށްފައެވެ. -- އަލްޖަޒީރާ