06 Mar 2010, 10:44
10:00
ބިދޭސީންތަކެއް ދިރިއުޅޭ ތަނަކަށް ވައްކަންކުރަން ވަތް 18 އަހަރުން ދަށުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ގާތްގަނޑަކަށް 7:45 ހާއިރު ހިނގި އެ ހާދިސާ އަކީ މައްޗަންގޮޅި ގުމްރީގޯޅި ތެރޭގައި ހުންނަ ބިދޭސީން ދިރިއުޅޭ ގެއަކަށް 18 އަހަރުން ދަށުގެ އެ ކުއްޖާ ވަދެ ވައްކަން ކުރަން އުޅުމުން އެގޭ ތެރޭގައި ތިބި ބިދޭސީންތަކެއް އެކުއްޖާއާ މާރާމާރީ ހިންގުމަށް ފަހު ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި އެ ސަރަހައްދަށް ފުލުހުން ގޮސް ބިދޭސިން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ގުރޫޕްތަކަކުން އައިސް އެ މީހުންނަށް ހަމަލާދީފައިވާ ކަމަށާއި ނަމަވެސް އަނިޔާވި ކުއްޖާ ފިޔަވައި އެހެން ދިވެއްސަކު އެމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީން މިހާރު ދޫކޮށްލާފައިވާ ކަމަށާއި އަދި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިން ކުއްޖާއަށް މިހާރުވެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.