އޮންލައިންކޮށް ކުރާ ސުވާލުތަކަށް ނުވަތަ ގޫގުލް ސާޗްގެ ނަތީޖާގައި އޭއައި ޖެނެރޭޓެޑް ޖަވާބު ލިބޭ ޚިދުމަތެއް ގޫގުލްއިން ތައާރަފުކުރަން ނިންމާފައިވާކަން އެ ކުންފުނިން އިޢުލާންކޮށްފިއެވެ.

ގޫގުލްއިން ބުނީ، އޮންލައިން ސުވާލުތަކަށް އޭއައި ޖެނެރޭޓެޑް ޖަވާބުތައް ތައާރަފުކުރާނެ ކަމަށާއި މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި އެ ކުންފުނީގެ ދުނިޔޭގެ ލީޑިން ސާޗް އިންޖީނަށް ގެނައި އެންމެ ބޮޑު އެއް ބަދަލު ކަމުގައެވެ.

އަންގާރަ ދުވަހު ކެލިފޯނިއާގައި ބޭއްވި ރަސްމިއްޔާތެއްގައި ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ ވިދާޅުވީ މުޅިން އާ ބަދަލުތަކާ އެކު މި ތަޖުރިބާ، "އޭއައި އޯވަވިއުސް" މި ހަފުތާގައި އެމެރިކާގެ ހުރިހާ އެންމެންނަށް ތައާރަފުކުރަން ފަށާނެ ކަމަށާއި، މި އިއުލާނަކީ އޭނާ ވަރަށް އުފަލުން ހުރެ ކުރައްވާ އިއުލާނެއް ކަމަށެވެ.

މި ބަދަލު ވަރަށް އަވަހަށް އެހެން ގައުމުތަކަށް ވެސް ފެތުރި، ބިލިއަނަކަށް ވުރެ ގިނަ މީހުންނަށް އެ ޚިދުމަތް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލާ އެކު ގޫގުލްގެ ސާޗް ނަތީޖާގައި ލިންކްތައް ފެނުމުގެ ކުރިން ޕޭޖުގެ އެންމެ މަތީގައި އޭއައި ޚުލާސާއެއް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގޫގުލް ސާޗް ޓީމްގެ ވެރިޔާ ލިޒް ރީޑް ވިދާޅުވި ގޮތުގައި ސިކުނޑީގައިވާ ކޮންމެ ކަމެއް ނުވަތަ ކުރަން ޖެހޭ ކޮންމެ ކަމެއް ވެސް ކުރާނެގޮތް މި ޓެކްނޮލޮޖީން އޮޅުންފިލުވައިދެވިދާނެއެވެ.

މި ބަދަލު ގެނެސްފައިވަނީ ޕާޕްލެކްސިޓީ ފަދަ އޭއައި ޕަވާޑް ސާޗް އިންޖީނުތަކުން ގޫގުލްއަށް ޕްރެޝަރު ބޮޑުވަމުންދާކަމުގެ އިހުސާސްކުރެވޭތީއާއި ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައިއިން އަމިއްލަ އޭއައި ސާޗް ޓޫލެއް ހަދަމުންދާ ކަމަށް ތަކުރާރުކޮށްދެކެވޭ ވާހަކަތަކުގެ ސަބަބުންނެވެ.

މި ބަދަލާ ގުޅިގެން ކްރިއޭޓަރުންނާއި ކުދި ޕަބްލިޝަރުން ނުތަނަވަސްވެފައި ތިބީ، މައުލޫމާތު ހޯދަން ވެބްސައިޓުތަކަށް ކްލިކްނުކުރާނެކަމުގެ ބިރު އޮތުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިސާޗް ފާމް ގާޓްނާއިން ލަފާކުރާ ގޮތުގައި އޭއައި ބޮޓް ބޭނުންކުރުމުގެ ސަބަބުން 2026 ވަނަ އަހަރު ސާޗް އިންޖީނުތަކުން ވެބްގެ ޓްރެފިކް 25 ޕަސެންޓް ދަށަށް ދާނެއެވެ.

ޗެޓްޖީޕީޓީ ސްޓައިލްގެ އޭއައި އިންޓަރެކްޝަންތަކުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރިއަށް އަސަރުކޮށްފާނެ ކަމަށް ބުނެ ގޫގުލްއިން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.