15 May 2024, 07:31
ހޮލީވުޑްގެ މަޝްހޫރު ސައިންސް ފިކްޝަން މީޑިއާ ފްރެންޗައިސްގެ ސީރީޒް "ޑޫން: ޕްރޮފެސީ"ގެ ރޯލަކަށް ބޮލީވުޑްގެ ކާމިޔާބު ބަތަލާ ތާބޫ ހަމަޖައްސައިފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ތާބޫއަށް ހުށަހަޅާފައިވާ ރޯލަކީ ވަރަށް ވިސްނުންތޫނު އަދި ވަރަށް ހިތްގައިމު ކެރެކްޓާއެއްގެ ގޮތުގައި ބެލުންތެރިން ސިފަކުރާ ސިސްޓަ ފްރެސެންސްކާގެ ރޯލެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ވެރައިޓީ ނޫހުން ތާބޫ ފިލްމަށް ހަމަޖެއްސިކަން ކަށަވަރުކޮށްދީފައިވާއިރު ތާބޫގެ ފަރާތުން މި ޚަބަރު ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

ބަތަލާ ތާބޫ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މީގެ ފަސް އަހަރު ކުރިން "ޑޫން: ދަ ސިސްޓަހުޑް"ގެ ނަމުގައި ގެނެސްދޭންފެށި މި ސީރީޒްއަކީ މަޝްހޫރު ލިޔުންތެރިޔާ ބްރިއަން ހާބަޓްއާއި ކެވިން ޖޭ ގުޅިގެން ލިޔެފައިވާ "ސިސްޓަހުޑް އޮފް ޑޫން" ވާހަކަ އަސްލަކަށް ބަލައިގެން އުފައްދަމުން އަންނަ ސީރީޒްއެކެވެ.
މި އަހަރުގެ މާޗު މަހު ފިލްމު "ކްރޫ"އިން ބެލުންތެރިންނަށް ފެނުނު ބަތަލާ މީގެ ކުރިން ވެސް ވަނީ އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައެވެ.
އޭގެ ތެރޭގައި، "ދަ ނޭމް ސޭކް"، "ލައިފް އޮފް ޕައި"، ބީބީސީން ގެނެސްދިން މިނީ ސީރީސް "އަ ސޫޓަބްލް ބޯއި" ހިމެނެއެވެ. ފިލްމު "އަންދާދުން"،"ހައިދަރު" އަދި "ބޫލް ބުލައްޔާ" ފަދަ ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާއަކީ ދެ ފަހަރު މަތިން އިންޑިއާގެ ޤައުމީ އެވޯޑު ހާސިލުކޮށްފައިވާ ތަޖުރިބާކާރު ބަތަލާއެކެވެ. "ޑުން" ޕްރޮފެސީ"އިން ތާބޫއާ އެކު ފެންނާނެ އިތުރު ހޮލީވުޑް ތަރިންގެތެރޭ، އެމިލީ ވެޓްސޮން، އޮލީވިއާ ވިލިއަމްސް، މާކް ސްޓްރޯންގް އަދި ސާރާ ސޯފީ ހިމެނެއެވެ.