15 May 2024, 07:36
މި މަހުގެ އެއްވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާކުރި ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ އަލަތު ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބަޒާރު"އަކީ 14 އަހަރު ދުވަހުގެ ބުރަ މަސައްކަތް ކަމަށް ޕްރޮޑިއުސަރު ބުނެފިއެވެ.
ނެޓްފްލިކްސްގައި ޕްރިމިއާކުރުމަށް ފަހު މި ސީރީޒް ބެލި ގިނަ ބައެއްގެ ތައުރީފު ސަންޖޭއަށާއި ފިލްމުގެ ކާސްޓުންނަށް އޮހެމުން އަންނައިރު ބެލުންތެރިންނަށް ސީރީޒް ގެނެސްދޭން 14 އަހަރު ނެގި ކަމަށް ސަންޖޭ ވަނީ ބުނެފައެވެ. ސީރީޒް އުފެއްދުމަކީ ފަސޭހަ މަސައްކަތެއް ނޫންކަން ތަޖުރިބާކުރެވުނީ އެ މަސައްކަތުގެ ތެރެއަށް ވަނުމުން ކަމަށް ކާމިޔާބު އެތައް ފިލްމެއް ސިނަމާއަށް އުފަންކޮށްފައިވާ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

ބަތަލާ މަނީޝާ ކޮއިރަލާ އަދި ސޮނާކްޝީ ސިންހާ ވެބް ސީރީސް "ހީރާމަންޑީ"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ސަންޖޭއަކީ އަބަދު ވެސް އުފައްދާ ފިލްމުތައް އެންމެ ފުރިހަމައަށް ސިނަމާއަށް ގެނެސްދިނުމުގެ ހުނަރު ހުރި ޕްރޮޑިއުސަރެއް ކަމުން ސަންޖޭގެ ފިލްމަކުން ނުވަތަ ސީރީޒްއަކުން ފުރުސަތު ލިބުމަކީ އެވޯޑެއް ލިބުމަށްވުރެ މާ ބޮޑު އުފަލެއް ކަމަށް ފިލްމީ ތަރިން ދެކެއެވެ. ފިލްމު އިންޑަސްޓްރީގެ އެންމެ އަގުހުރި އެންމެ އިތުބާރުކުރެވޭ ބްރޭންޑް ނަމަކަށް ސަންޖޭ ވެފައިވާއިރު ސަންޖޭއަކީ އިންޑިއާގެ ކުރީގެ ސަޤާފަތާއި އާދަކާދަތައް އެންމެ ފުރިހަމައަށް ސިނަމާގެ މޫނުމައްޗަށް ގެނެސްދިނުމުގައި މި ވަގުތު އިންޑިއާގައި ހުރި އެންމެ ކުޅަދާނަ ޕްރޮޑިއުސަރެވެ.
"ހީރާމަންޑީ" ބެލި ކޮންމެ ބެލުންތެރިއެއް މިކަމާ ހެކިވާނެއިރު ސަންޖޭއާ އެކު މަސައްކަތް ކުރި ފިލްމުގެ ކާސްޓުން ވެސް ބުނެފައިވަނީ ސީރީޒްގެ ކޮންމެ މަންޒަރެއް ވެސް ސަންޖޭ ބޭނުންވީ އެންމެ ފުރިހަމައަށް ނަގަން ކަމަށެވެ.
"ހީރާމަންޑީ"ގެ ވާހަކައިން އިންޑިއާގެ ތާރީޚުގައި ހިނގާދިޔަ މުހިއްމު ހާދިސާތައް ކިޔައިދިންއިރު މި ސީރީޒްގެ މިއުޒިކް އުފައްދާފައިވަނީ ސަންޖޭގެ އަމިއްލަ މިއުޒިކް ކުންފުނިންނެވެ. ސަންޖޭ ބުނެފައިވަނީ އޭނާގެ އަމިއްލަ ސީރީޒްގައި ހިމެނޭ ކެރެކްޓާސް ކިޔާނެ ލަވަތައް އެންމެ ރަނގަޅަށް ތަސައްވަރުކުރެވޭނެ އިތުރު މީހަކު ހުންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އިންޑިއާގެ ލާހޯރުގައި ދިރިއުޅުނު ޖާރީއާއިންތަކެއްގެ ވާހަކަ ގެނެސްދިން މި ސީރީޒްގެ މުހިއްމު ތަރިންގެ ތެރޭ މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންހާ، އަދިތީ ރޯއި، ސަންޖީދާ ޝައިހް، ޝަރްމިން ސޭގަލް، ރިޗާ ޗައްދާ އަދި ފަރުދީން ޚާން ހިމެނެއެވެ. މި ތަރިން "ހީރާމަންޑީ"އަށް ހަމަޖެއްސުމުގެ ކުރިން ސަންޖޭ ވަނީ ވަރަށް ގިނަ އެހެން ފިލްމީ ތަރިން "ހީރާމަންޑީ"އަށް ގެނައުމާ މެދު ވިސްނާފައެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ ރޭކާ، ކަރީނާ ކަޕޫރު އަދި ޕާކިސްތާނު ފިލްމީ ތަރިން ކަމަށްވާ މާހިރާ ޚާން އަދި ފަވާދު ޚާން ހިމެނެއެވެ.