15 May 2024, 07:42
ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާން ދިރިއުޅޭ ގެއަށް ދާދި ފަހުން ދިން ބަޑީގެ ހަމަލާގެ ޒިންމާ ނަގާފައިވާ ބިޝްނޯއީ ގޭންގުން ނެރުނު ސްޓޭޓްމެންޓެއްގައި އެކްޓަރު މާފަށް އެދެން ޖެހޭ ކަމަށް ބުނެފިއެވެ.
ބިޝްނޯއީ ގޭންގުން ސަލްމާން މާފަށް އެދެންޖެހޭ ކަމަށް ބުނެފައިވަނީ، 1998ވަނަ އަހަރު ރިލީޒްކުރި ސަލްމާންގެ ފިލްމު "ހަމް ސާތު ސާތު ހޭ"ގެ ޝޫޓިންގް ކުރިއަށް ދިޔަ ދުވަސްވަރު އިންޑިއާގައި ޙިމާޔަތް ކުރެވިފައިވާ ބްލެކް ބަކް ޖަނަވާރެއް ޝިކާރަކުރުމާ ގުޅިގެންނެވެ. ބިޝްނޯއީ ސޮސައިޓީގެ ރައީސް ދޭވެންދުރަ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮލީވުޑްގެ ސުޕަސްޓާ މިކަމާ ގުޅިގެން މާފަށް އެދިއްޖެނަމަ އެ މީހުން ނިސްބަތްވާ މުޖުތަމަޢުން އެކަމާމެދު ވިސްނާނެ ކަމަށެވެ.

ސަލްމާން ޚާން އަދި އެކްޓަރު ޝިކާރަކުރި ކަމަށް ބުނާ ބްލެކް ބަކް ޖަނަވާރު--ފޮޓޯ/ޓައިމްސްއޮފްއިންޑިއާ
އެ މީހުން ބުނީ ސަލްމާން މާފަށް އެދެންޖެހޭނީ އެ މީހުންގެ ކުރިމަތީގައި ކަމަށެވެ. އެއަށް ފަހު މުސްތަޤުބަލުގައި އެފަދަ ކުށެއް ނުކުރާނެކަމަށް ވަޢުދުވެ، ކުރިއަށް އޮތްތަނުގައި ދިރުންތައް ހިމާޔަތްކޮށް ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގައި ދެމިހުންނާނެ ކަމަށް އެއްބަސްވާންވާނެ ކަމަށް ހުވާކުރަންޖެހޭނެކަން ވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ސަލްމާން މި ޝަރުތުތަކާ އެކު މާފަށް އެދެން އެއްބަސްވާނަމަ އެކަމާ މެދު ވިސްނުމަށް ފަހު ވަކިގޮތެއް ނިންމާނެކަމަށް ބިޝްނޯއީ ސޮސައިޓީގެ ރައީސް ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން މިހާތަނަށް ސަލްމާންގެ ފަރާތުން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައިނުވާއިރު ހިމާޔަތް ކޮށްފައިވާ ޖަނަވާރެއް ޝިކާރަކުރި މައްސަލާގައި ސަލްމާން ވަނީ 1998ވަނަ އަހަރު ހައްޔަރުކޮށް ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ރާޖަސްތާނު ހައި ކޯޓުން 2016ވަނަ އަހަރު އެ މައްސަލަ ނިންމުމަށް ފަހު ސަލްމާން ޚާން މިނިވަންކުރި ނަމަވެސް ރާޖަސްތާނު ސަރުކާރުން ވަނީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައެވެ.