ފުވައްމުލަކުގެ ބައެއް ސަރަހައްދުތަކަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ކަމުގައި ކަނޑައަޅަން ކެބިނެޓުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް މަޝްވަރާ އަރުވައިދި އެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ހިމާޔަތް ކުރުމަށް ވަޒީރުން ރައީސް ވަހީދަށް މިއަދު މަޝްވަރާ ދެއްވެވީ ފުވައްމުލަކު ބަންޑާރަކިޅިއާއި، އެކިޅިއާ އިންވެގެންވާ ޗަސްބިމާއި، ދަޑިމަގިކިޅިއާ އެކިޅިއާ އިންވެގެންވާ ޗަސްބިމާ އަދި ފުވައްމުލަކުގެ އުތުރު ކޮޅުގައިވާ ތުނޑީގެ ސަރަޙައްދެވެ.

ވަޒީރުން ރައީސަށް މި މަޝްވަރާ އެރުވީ އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މިއަދު ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ކެބިނެޓްގައި ވަޒީރުން މިއަދު ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކަކީ ޤުދުރަތީ ގޮތުންނާއި، ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭ ތަކެތީގެ ނަޞްލުތަކުން މުއްސަނދި ރަށެއްކަން ފާހަގަކުރެއްވިއެވެ

މި މަޝްވަރާ މިއަދު ދެއްވެވި އިރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މިދިއަ އަހަރު ފުވައްމުލަކު ބިޅިފޭށި ސަރަޙައްދާއި، ތޫނޑުސަރަޙައްދަކީ، ދެ ރަށުގެ ގޮތުގައި ރައީސް ނަޝީދު ވަނީ ގަރާރު ކުރައްވާފަ އެވެ.