އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕ) ހަސަން ހަބީބުގެ ދަރިފުޅަކު ގުރުއާން ކުލާހަށް ކިޔަވަން ފޮނުވުމުން ފުލުހުންނާއި ސިފައިންނަކީ ވަކި ބަޔަކަށް ޚިދުމަތްކުރާ ބައެއް ކަމަށް ބުނެ ކިޔަވައި ނުދީ ގެޔަށް ފޮނުވާލައިފި އެވެ.

ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އޭސީޕީ ހަބީބު މިއަދު ވިދާޅުވީ ގުރުއާން ކިޔެވުމަށް އޭނާގެ 10 އަހަރުގެ އަންހެން ދަރިފުޅު މއ. ފޮރެސްޓަށް ފޮނުވާތާ ހަތަރު އަހަރު ވެއްޖެ ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު އަންހެނުން ދަރިފުޅު ބަލާ ދިއުމުން ގްރާން ޓީޗަރު އަންހެނުންނާ ބައްދަލުކޮށް \\\"ތިމަންނާއަކީ އިއްތިހާދުގެ މީހެއް ނޫން\\\" ކަމަށާއި \\\"ފުލުހުންނާ ސިފައިންނަކީ ވަކި ބަޔަކަށް ހިދުމަތްކުރާ ބައެއް\\\" ކަމަށާއި އެމީހުންގެ ދަރިންނަށް ގުރުއާން ކިޔަވައި ނުދޭނެ ކަމަށް ޓީޗަރު ވިދާޅުވި ކަމަށެވެ.

ހަބީބު ވިދާޅުވީ ގްރުއާން ޓީޗަރު އެހެން ވިދާޅުވީ އެ ގަޑީގައި ގުރުއާން ކިޔަވަން ގޮސް ތިބި ހުރިހާ ދަރިވަރުންގެ ކުރިމަތީގައި ކަމަށެވެ.

\\\"ދަރިފުޅު ބަލާ އަންހެނުން ދިޔުމުން ނައީމާ [ގުރުއާން ޓީޗަރު] ވިދާޅުވީ ތިމަންނައަކީ އިއްތިހާދުގެ މީހެއް ނޫނޭ. ފުލުހުންނާއި ސިފައިންނަކީ ވަކިބަޔަކަށް ޚިދުމަތް ކުރާ ބަޔެކޭ. ތިމަންނަ ފުލުހުންނާއި ސިފައިންގެ ދަރިންނަށް ކިވައެއް ނުދޭނަމޭ،\\\" ހަބީބު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ފަހުން ދަރިފުޅާ ސުވާލު ކުރުމުން މިދިއަ ދުވަސްތަކުގައި ކްލާހަށް ދިޔަ ނަމަވެސް ދަރިފުޅަށް ކިޔަވައިނުދޭތާ ދުވަސްތަކެއް ވެފައިވާކަން އެނގުނު ކަމަށެވެ.

ފޮރެސްޓްގައި ގުރުއާން ކިޔަވައި ދެއްވާ ގުރުއާން މުދައްރިސަށް ގުޅުުން ހިތްހަމަނުޖެހިގެން ވާހަކަ ދައްކަވައި ވިދާޅުވީ \\\"ފުލުހުންނާއި ސިފައިންނަކީ ވަކި ބަޔަކަށް ހިދުމަތް ކުރާ ބައެއް\\\" ކަމަށެވެ. ސިފައިނާއި ފުލުހުންގެ ދަރިންނަށް ކިޔަވައި ނުދެއްވާނެ ކަމަށް މިއަދު ވިދާޅުވެފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ މިކަމާ ގުޅިގެން މައްސަލަ ޖެއްސިއަށް ފަރުވާލެއް ނެތް ކަމަށެވެ.

ހަބީބުގެ ދަރިފުޅަށް ކިޔަވައި ނުދީ ފޮނުވާލި އިރު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީގައި ބައްދަލުވުމަކަށް ހަބީބު ހާޒިރުވެވަޑައިގެން އިންނަވަނިިކޮށް ފުލުހުންނަށް ނިސްބަތްކޮށް ބައެއް މެންބަރުން \\\"ބާޣީ\\\" އޭ ގޮވުމުން ރައްދު ދެއްވާއި ފުލުހުން އެއީ \\\"ބާޣީން\\\" ނޫން ކަމަށާއި ފުލުހުންނަކީ \\\"ޣާޒީ\\\" އިން ކަމަށް ހަބީބު ވަނީ ވިދާޅުވެފަ އެވެ.