15 May 2024, 09:26
"އާނ." އެ ސުވާލަށް އިޝްފާން ޖަވާބު ދިނީ އެއްވެސް ޖެހިލުމެއް ނެތި އެވެ.
ހީވަނީ ފަތުޙީގެ ރުޅިވެރި މޫނާ އެ އަޑުގައިވި ހަރުކަށިކަމުން އިޝްފާންއަށް އެއްވެސް އަސަރެއް ނުކުރާހެންނެވެ. އިޝްފާންގެ ޖަވާބު އައި ގޮތުން ފަތުޙީގެ ރުޅިގަނޑު އިތުރުވުން ނޫން ކަމެއް ނުވިއެވެ.
"ކިހިނެއްވީ؟ އެކަމާ ޖެހިލުންވީތަ؟ އެއީ ދޯ ދުނިޔޭގަ ކަލޭ ޖެހިލުންވާ ހަމައެކަނި ކަމަކީ. ތީ އަމިއްލަ އެދުމުން ފޯވެފަ ހުރި މީހެއް. އާއިލާއާ އަމިއްލަ ޒިންމާތައް ވަކިކުރަން ނޭނގޭ މީހެއް." ފަތުޙީ ރުޅި އަރުވާލެވުމުން އިޝްފާންއަށް ހީވަނީ އުފަލެއް ލިބޭހެންނެވެ.
"މިތަނުގައި އިތުރަށް ޑްރާމާ ކުޅޭނެކަމެއް ނެތް. ހިނގާ ދާން." ފަތުޙީ އެނބުރުނެވެ.
"މަ ނުދާނަމޭ ބުނަފިއްޔާ." ހިނިގަނޑެއް ޖަހާލާފައި އިޝްފާން އެހެން ބުނެލުމާއެކު، ފަތުޙީ އެނބުރި އިޝްފާންއަށް ބަލައިލިއިރު، އޭނާގެ ރުޅިގަނޑުވަނީ ފަޅައިގެން ދާން ކައިރިވެފައެވެ. ފުލުހުންގެ އިދާރާގައި ހުރީތީ އަތް އިސްނުކޮށްވޭތޯ ފަތުޙީ ދިޔައީ މަސައްކަތްކުރަމުންނެވެ.
"އޯކޭ ޕީސް." އޭނާގެ ދެއަތް އުފުއްލާލަމުން އަމާންދޭ ފަދައަކުން އިޝްފާން ބުނެލިއެވެ. އެއަށްފަހު، އެތަނުން ނުކުންނަން ހިނގައިގަތެވެ. ފަތުޙީއާ ހަމައަށް އަރާ މަޑުކޮށްލާފައި އިޝްފާން ބަލާލިއެވެ.
"ވަޑައިގަންނަވާ.." ކުޑަކޮށް ގުދުވެލާފައި އަތުން ނުކުތުމަށް އިޝާރާތްކުރާ ފަދައަކުން އިޝްފާން ބުނެލިއިރު އެ އަޑުގައިވަނީ މަލާމާތާއި ފުރައްސާރައެވެ.
"ގޮތެއް ވެސް ނެތޭ ދޯ." އިޝްފާންއަށް ބަލައިލަމުން ފަތުޙީ ގޮސް ދޮރު ހުޅުވާލާފައި ނުކުތުމާއެކު އިޝްފާންވެސް، ލަސްނުކޮށް ނުކުތެވެ.
"ގޮތެއް ނެތިގެން މިއުޅެނީ އެހެންމީހުންވިއްޔަ." ކިރިޔާ އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް އިޝްފާން ބުނެލިއެވެ.
ދެމީހުން ގެއަށް ގޮސް ވަތްއިރު، މަދީހާއާއި ސަވާއާ ދެމީހުން ހާސްކަމާއެކު، ބޮޑުކޮޓަރީގައި ތިއްބެވެ. އިޝްފާން ފެނުމާއެކު މަދީހާއަށް ފުންމައިގެން ސޯފާއިން ތެދުވެވުނެވެ.
"ދަރިފުޅާ. ކިހިނެއްވެފަ ތި ހުރީ؟" އިޝްފާންގެ ނިތުގައި އަތް ޖައްސާލާ ރަނގަޅަށް ބަލާލަމުން މަދީހާ ސުވާލުކޮށްލިއެވެ. ސަވާވެސް ތެދުވެލާފައި އައިސް އިޝްފާންގެ ކައިރީގައި ހުއްޓުނެވެ.
"ކަލޭއާ ބެހޭކަމެއް ނޫން މީ." އިޝްފާން މަދީހާއާ ދިމާލަށް ލޯ އަޅާލިއެވެ.
"އިޝްފާން. މަންމައާ ތިހެން ވާހަކަ ދައްކާކަށް ނުވާނެ. މީތަ އިޝްފާންއަށް އުޅެން އެނގުނު ގޮތަކީ. އަހަރެމެން ދެކެ ކިތަންމެ ރުޅި އަޔަސް އިޝްފާންއަށް ތި ގެއްލުން ދެވެނީ މި ޢާއިލާއަކަށް ނޫން. ތީ ދުނިޔެއާ އާޚިރަތުގެ ހަލާކު. ހެޔޮ ނުވާނެ ތިކަމުން ސަލާމަތްވާން ހިނގާ… އާދޭސްކޮށްފަ ބުނަން." ސަވާ އާދޭސްކުރަން ފެށިއެވެ.
"އޭނަ ނުވާނެ ރަނގަޅެއް. މަގޭ އަބުރު ވެއްޔާ މޮޑެނުލެވެނީސް މައިތިރިވާނެ މީހެއް ނޫން އެއީ." އެހެން ބުނެލާފައި ފަތުޙީ ދުރަށް ދިޔައީ އެތަނުގައި ހުންނަން ބޭނުން ނުވުމުންނެވެ. ހަމަ ހަޤީގަތުގައިވެސް އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
އެ ދުވަހުގެ ފަހުން ސަވާ އިޝްފާންއާ އެކު ވަގުތު ހޭދަކޮށް އިޝްފާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ދުނިޔޭގައި އުޅޭނީ އެކި މިޒާޖުގެ މީހުންކަމާއެކު، ބޭނުންވާ ހުރިހާކަމެއް ނުވާނެކަމުގައި ބުނެއެވެ. ބައްޕަގެ ވަގުތާއި ލޯބި ނުލިބުމަކީ، ގޯސް މަގު ޚިޔާރުކޮށް، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލައިލަންވާނެ ސަބަބެއް ނޫންކަމުގައި، ސަވާ ތަކުރާރުކޮށް ބުންޏެވެ. އަހަރެމެން އިންސާނުން ދުނިޔެއަށް ފޮނުއްވީ ވަކި މަޤްސަދެއްކަމުގަޔާއި، އެ މަޤްސަދު ހާސިލްނުކުރެވޭ މީހަކަށް ފަހުން ލިބޭނެ އުފަލެއް ނެތްކަމުގައި އޭނާ ބުނަމުން ދިޔައެވެ. ދުނިޔޭގައި އިންސާނުން އިމްތިޙާން ކުރައްވަނީ އެކި ގޮތްގޮތަކަށެވެ. ބައެއް މީހުންނަކީ މައިންބަފައިންނާ ނުލާ ދުނިޔޭގެ ވަގުތުތައް ގުނަން މަޖުބޫރުވެފައިވާ މީހުންނެވެ. އަނެއްބައި މީހުންނަކީ މައިންބަފައިން ތިބެމެ، އެ ލޯބިން މަޙުރޫމްވާ މީހުންނެވެ. އެއީ ވެސް ދުނިޔޭގައި ކުރިމަތިކުރައްވާ އިމްތިޙާނެކެވެ. އެ އިމްތިހާނު ތަކުގެ މަޤްސަދަކީ ﷲ އާ އަޅާއާ ކުއްތަން ކުރުވުމެވެ. އެކަމުގެ ފަހަތުގައި ސަބަބުތަކެއް ވާނެކަން ގައިމެވެ. އަހަރެމެން އިންސާނުނަށް ނޭނގޭ އެތަކެއް ކަމެއް ﷲ ދެނެވޮޑިގެންވެއެވެ.
ސަވާގެ އެފަދަ ަވާހަކަތަކުން އިޝްފާންގެ ހިތަށް އަސަރުކުރަން ފެށިއެވެ. އެންމެފަހުން އޭނާ އެކަމުން ސަލާމަތްވާން އެޑިކްޝަން ސްޕެޝަލް ކައުންސެލިން ނަގަންވެސް ފެށިއެވެ. އިޝްފާންއަށް އަންނަމުން ދިޔަ ރަނގަޅު ބަދަލުތަކުގެ ސަބަބުން ސަވާ ހިތްހަމަޖެހުނެވެ. ހަމައެއާއެކު އޭނާ އިޝްފާންއާ އެކު ގިނަވަގުތު ހޭދަކުރަން މަސައްކަތްކުރީ، އެކަނިވެ ސިކުނޑި ހާސްވާނެ ވަގުތު އިޝްފާންއަށް ނުދިނުމުގެ ބޭނުމުގައެވެ.
ސަވާއާ އެއް ކްލާހެއްގައި ކިޔެވި ނޫރާއާ އިޝްފާންއާ ދިމާވީ އެ ދުވަސްކޮޅުގައެވެ. އެ ތިން މީހުން އެކުގައި ކޮފީތަކަށް ދާން ފެށިއެވެ.
އިޝްފާންގެ ހިތުގައި ނޫރާ މެދު ލޯބި އުފެދެން ފެށީ އެފަދަ ބައްދަލުވުންތަކަށް ދާން ފެށިފަހުންނެވެ. އަންހެން ކުއްޖަކާ މެދު ދުވަހަކުވެސް، އެފަދަ ނަޒަރަކުން ނުދެކޭތީ އެ އިޙްސާސްތައް އިޝްފާންއަށް ކިތަންމެ އަލަސް އެ ޖަޒުބާތުތަކަކީ ލޯބިކަން އޭނާއަށް އިޙްސާސްވަމުން ދިޔައެވެ. ނޫރާ ނުފެނިއްޖެނަމަ އޭނާއަށް އުނދަގޫވެ، އެ ހިނިތުންވުން ދުށުމަށް ކެތް މަދުވާން ފެށިއެވެ. އަމިއްލަ ހިތުގައި އުފެދުނު ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވުނު އިޝްފާން އަށް ނޫރާ އޭނާއާ ލޯބީގެ ގޮތުން ގުޅެން ބޭނުންނުވާނެހެން ހީވާން ފެށިއެވެ. އޭނާއަކީ ޑްރަގް އެޑިކްޓެކެވެ. މުޖުތަމައުގައި ބާކީވެފައިވާ ޒުވާނެކެވެ. އެހެންކަމުން ސަވާއާ ނޫރާއާއެކު ބޭރަށް ދިޔުން އިޝްފާން މަދުކޮށްލިއެވެ. އެކަމާ ނޫރާގެ ސުވާލުތައް އޭނާއާ އަމާޒުވާން ފެށިއެވެ.
އިޝްފާން އެކަނި ގިނަ ވަގުތުތައް ހޭދަކުރަން ފެށުމުން ސަވާ ކަންބޮޑުވެ އެކަމާ އިޝްފާންއާ ސުވާލުކުރުމުން އޭނާ އެ ހިތުގެ ޙާލު ސަވާއަށް ކިޔައިދިނެވެ. ސަވާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވުމާއެކު، އޭނާ އިޝްފާންގާތު ބުނީ އޭނާއަށް ވެސް ނޫރާ އިޝްފާންއާ ގަޔާވާހެން ހީވާކަމުގައެވެ.
"އަސްލުވެސްތަ؟" އިޝްފާންގެ ހިތް އުފަލުން ނަށައިގަތެވެ.
ސަވާގެވެސް އެހީތެރިކަމާއެކު، އެންމެ ފަހުން ހިތްވަރުކޮށްފައި އިޝްފާން ނޫރާއަށް ލޯބި ހުށައެޅިއެވެ. ނޫރާ އިޝްފާންގެ ލޯބި ޤަބޫލުކުރިއެވެ. އޭރު އިޝްފާން މަސްތުވާތަކެތި ބޭނުން ނުކުރިއެއްކަމަކު، އޭނާ ދިޔައީ، ތެރަޕީ ނަގަމުންނެވެ. އޭނާ އެ ވަބާއިން ސަލާމަތްކޮށްދިނުމަށް، އެންމެ ބޮޑަށް އެހީތެރިކަން ދިން އެކަކީ ނޫރާއެވެ. އަދި އިޝްފާންއަށް އުނދަގޫތައް ވާ ކޮންމެ ފަރަކު ކައިރީގައި ހުރެގެން ހިތްވަރު ދޭ މީހަކަށްވެސް ނޫރާ ވެއްޖެއެވެ.
ނޫރާއަކީ މަންމައާއި ބައްޕަ ނިޔާވެފައިވާ ޔަތީމުކުއްޖެކެވެ. އޭނާ އުޅެމުން ދިޔައީ އާއިލާ މީހެއްގެ ކައިރީގައި ކުއްޔަށެވެ. ފިހާރައެއްގައި ސޭޓެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން ހިތްވަރާއެކު ކިޔަވަމުން ނޫރާ ދިޔައީ އޭނާގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށްޓަކައެވެ. އޭނާ ހުންނަ ގޭ ނަސީމާއަކީ މާލެތެރެއަށް މަޝްހޫރު މީހެކެވެ. އޭނާއަކީ މަގުމައްޗަށް ނުކުމެ ސިޔާސީ ކަންތައްތަކާ މުޒާހަރާތަކުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހެކެވެ. އޭގެ އިތުރުންވެސް އޭނާގެ އުޅުން ހުންނަ ގޮތުން އެއީ ވަރަށް ގޮތެއް ނެތް އަންހެނެއްގެ ގޮތުގައި ވަރަށް ގިނަ މީހުން ސިފަކުރެއެވެ. ނަސީމާ ހަތަރު މީހުންނާ އިނދެ ކޮންމެ މީހަކަށްވެސް ކުދިން ލިބުނެވެ. އެންމެ ފަހުން އޭނާ އިން މީހާވެސް މައްސަލަ ޖެހި ވަރިކޮށްލާފައި ދިޔުމާއެކު، ނަސީމާ އުޅެނީ އޭނާގެ ބައްޕަގެ މާލޭ ގޯތިން ބަހައިގެން ލިބުނު ކުޑަ ތަންކޮޅެއްގައެވެ. އޭނާއަށް ލިބިފައިވާ ހަ ކުދިންގެ ތެރެއިން ދޮށީ ހަތަރު ކުދިން އުޅެނީ އެ ކުދިންގެ ބައްޕަމެން ގާތުގައެވެ. ހަގަށް ތިބި ދެ ކުދިން އުޅެނީ އޭނާއާ އެކު އެގޭގައެވެ.
ނޫރާއާއި އިޝްފާންގެ ގުޅުމަށް ހަމަސް ވެގެން ދިޔައިރު ވެސް އެ ދެމެދުގައި މައްސަލައެއް ނުޖެހެއެވެ. ޑްރަގްގެ ސަބަބުން ވާ އުނދަގޫތައް ވެސް މިހާރު އިޝްފާންއަށް ވަނީ ވަރަށް މަދުމަދުންނެވެ. އެކަންތަކުން އެކީ ސަލާމަތްވުމަށް، އަދިވެސް ދުވަސްކޮޅެއް ބޭނުންވާނެކަމަށް ޑޮކްޓަރު އޮތީ ލަފާ ދީފައެވެ. ނޫރާ ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން ވިޔަސް، އިޝްފާން ބޭނުމީ އޭނާ އެކަމުން އެކީ ސަލާމަތްވެ ކައިވެނިކުރާށެވެ. އެގުޅުން ސަވާ ނޫން އިތުރު މީހަކަށް އަންގަން ދެމީހުންވެސް ބޭނުންނުވީ އެހެންވެގެންނެވެ.
ދެމީހުން އެކުގައި ދުއްވާލަން ދިޔުމާއި، ވަގުތު ހޭދަކުރުމަކީ ލިބޭ އުފަލެކެވެ. އެއީވެސް އެ ފަދަ ރެއެކެވެ. އުޑުމަތީގައި ރަސްކަންކުރަމުން ދިޔައީ ބުރުހަމަ ހަނދެކެވެ. އުޑުމަތި ސާފުވެފައި ފިޔަޖަހަޖުން ދިޔަ އެތައް ހާސް ތަރިތަކުން އުޑުމަތި ވަނީ ޒީނަތްތެރިކޮށްލާފައެވެ.
"އަހަރެން ނޫރާ ދެކެ ވަރަށް ލޯބިވޭ!" އިޝްފާން ބުނެލިއެވެ. ސައިކަލުގެ ފަހަތުގައި އިން ނޫރާ ލަދުގަތްކަން އިޝްފާންއަށް އެނގުމާއެކު، އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"އަހަރެންވެސް…" އެ ލަދުވެތިކަމާއެކު، ވެސް ބުނެލިއެވެ.
"އަދިވެސް ލަދުގަނޭ ދޯ…" ލޯގަނޑުން އިޝްފާން ނޫރާއަށް އަވަސް ކަޅިއެއް ދިނެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތައް ނޫރާގެ އިސްތަށިގަނޑާ ސަމާސާކޮށްލާ ކޮންމެ ފަހަރަކު އޭނާ އަތުން އެ އިސްތަށިތައް ކިޔަމަން ކުރުވަން މަސައްކަތްކުރެއެވެ.
ދެމީހުން ގޮސް މަޑުކޮށްލީ ހުޅުމާލެ ބީޗުގައެވެ. އެތަނުގައި ހުރި ބެންޗެއްގައި އިށީނުމާއެކު، އޝްފާން ނޫރާގެ އަތުގައި ހިފާލިއެވެ.
"އަހަރެންގެ ލައިފްގަ އައި އެންމެ އުފާވެރި ދުވަސްތައް މީ." އިޝްފާން އެ އަތަށް ބޮސް ދިނެވެ.
"އަހަރެންގެ ވެސް." އިޝްފާންގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮވެ ނޫރާ ބުނެލިއެވެ.
އެރޭ ނޫރާ ގެއަށްލާފައި އިޝްފާން އައިސް ގެއަށް ވަނުމާއެކު، ފަތުޙީ ކޮންތާކުންތޯ އަހާ ސުވާލުކޮށްލިއެވެ.
"ބެހޭކަމެއް ނޫން." އިޝްފާންގެ އަޑުގައ ނުރުހުން ނޫން އެއްޗެއް ނުވެއެވެ. ފަތުޙީ ގޮވަ ގޮވާ ހުއްޓާ އޭނާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހައިފއެވެ. މަސްތުވާ ތަކެތި ބޭނުން ނުކުރި ނަމަވެސް، އިޝްފާންއާ އޭނާގެ އާއިލާއާ އޮތް ގުޅުން އަދިވެސް އޮތީ ހަމަ އެ ހީނަރުކަމުގައެވެ. އެނދުގައި އޮށޯވެލުމާއެކު، އޭނާ ނޫރާއަށް ގުޅާލިއެވެ. ފޯނުގައި ހުއްޓާ ނޫރާގެ ދައްތަ ނޫރާއާ ދިމާލަށް ހުތުރު އެއްޗެއް ބުނެލި އަޑު އިޝްފާންއަށް އިވުނެވެ.
އެރޭ ވަރަށް ބޮޑަށް ވިސްނާފައި ނޫރާއާ ވީހާވެސް އަވަހަކަށް ކައިވެނިކުރަން އިޝްފާން ނިންމިއެވެ. އަދި އެކަން އޭނާ ނޫރާއަށް ހާމަކުރިއެވެ. އެ ވާހަކަ ފަތުޙީ ކައިރީގައި ބުނަން ސަވާ ނަސޭހަތް ދިނުމުންވެސް އެ ޚިޔާލު އިޝްފާންއެއް ނުކުރިއެވެ. ޙަޔާތުގެ އެހާ ބޮޑު ނިންމުމެއް ނިންމަން އުޅޭއިރުވެސް، އެކަން ފަތުޙީއާ ހިއްސާކުރުމަކީ މުހިންމުކަމެއް ކަމުގައި އިޝްފާން ނުދެކުނެވެ.
"ދަރިންގެ އެއްވެސް ކަމަކަށް ވަގުތު ދެވޭނެ މީހެއް ނޫން އެއީ. އޭނަގެ ސިޔާސީ ކުޅިވަރު ހުއްޓާލާފައި މަ ކައިވެނިކުރާ ތަނަށް ދާނެހާ ހިތްވަރެއް އޭނާގެ ނުހުންނާނެ." ސަވާގެ ސުވާލަށް އިޝްފާން ދިން ޖަވާބަކީ އެއީއެވެ. ފަތުޙީ އޭނާގެ ސިޔާސީ ޙަޔާތް ދޫކޮށްލާފައި އޭނާއަށް އެއްވެސް ވަގުތެއް ނުދޭނެކަމަށް އިޝްފާންއަށް މިހާރު ވަނީ ޤަބޫލުކުރެވިފައެވެ. އެހެންކަމުން ފަތުޙީގެ މުހިންމުކަން އޭނާއަށް މިހާރު އިޙްސާސްއެއް ނުކުރެވެއެވެ.
"މަންމަ ކައިރީގައި ނުބުނާނަންތަ؟" ސަވާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ނޭނގެ. އިނީމަ އިނގޭނެއެއްނު އިންކަން." އިޝްފާން ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ.
ރޭގަނޑެކެވެ. އިޝްފާން ފެންވަރާލައިގެން ނުކުމެލިތަނާ ނޫރާގެ މެސެޖެއް އޭނާއަށް އަތުވެއްޖެއެވެ. ނޫރާ އެދުނީ ބައްދަލުކޮށްލާށެވެ. އާއެކޭ ބުނެ ރިޕްލައިކޮށްލާފައި، ރީތިވެލައިގެން ނުކުމެވުނީ ސަވާ ކުރިމައްޗަށެވެ..
"ހޫމް ހޫމް ހޫމް. ދަނީ ދޯ." ބުމަ އަރުވާލަމުން ސަވާ އިޝްފާންއާ ދިމާކޮށްލިއެވެ. އިޝްފާން ހިިނިތުންވެލާފައި ގޮސް ގެއިން ނުކުތްއިރު ފަތުޙީ އޭނާއަށް ބަލަން ހުއްޓެވެ. އެޕާރޓްމެންޓުން ނުކުމެ އިޝްފާން ލިފްޓަށް އަރާ ތިރިއަށް ދިޔުމަށް ފިތާލިއެވެ.
ލިފްޓު އެންމެ ތިރިއަށް ހުއްޓުމާއެކު، ގޮސް ގެއިން ނުކުމެ ސައިކަލަށް އަރައިގެން އޭނާ ނޫރާމެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އެ ގެ ކައިރިއަށް ގޮސް ސައިކަލު މަޑުކޮށްލިއިރު، ނޫރާ ހުރީ އޭނާގެ އިންތިޒާރުގައެވެ.
"ލޯބީ… ރޮއިފަތަ؟" އިޝްފާން ނޫރާކުރެން ސުވާލުކޮށްލީ އެ މޫނުމަތިން ފެނުނު މާޔޫސްކަމާއި ދެލޮލުގައިވި ރަތްކަން ފާހަގަވުމުންނެވެ.
"ލޮލަށް އެއްޗެއް ވެއްްޓުނީ." ނޫރާގެ އަޑުގައި ވެސް ވަނީ މަޑުމޮޅިކަމެކެވެ. ކިތަންމެ ދޮގު ހެދިއެއްކަމަކު ނޫރާއަށް ކަމެއްވެއްޖެކަން އިޝްފާންއަށް އެނގުނެވެ. ބޮޑުތަކުރުފާނު މަގުން ގޮސް އާރޓްފިޝަލް ބީޗަށް ސައިކަލު ހުއްޓާލާފައި އޭނާ ނޫރާގެ އަތުގައި ހިފައިގެން ގޮސް ގޮނޑުދޮށުގައި ހުރި ބެންޗުތަކުން ބެންޗެއްގައި އިށީނެވެ. އިޝްފާން ވަރަށް ފުން ނަޒަރަކުން ނޫރާގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތި އެހާ ބޮޑަށް މިލާފައިވާތަން އޭނާއަށް ފެނުނީ އަލަށެވެ. އެ ދިގު އެސްފިޔަތައް ދެމިފައިވާކަން ވަރަށް ރީތިކޮށް ހާމަވަމުން ދިޔައެވެ. އެހެންކަމުން ވެގެން އުޅެނީ ކުޑަކަމެއް ނޫންކަން އިޝްފާންއަށް ޔަޤީންވިއެވެ. ނޫރާއަށް ވީ ގޮތާ ބެހޭ ގޮތުން ސުވާލުކުރިއެއްކަމަކު އޭނާ އިތުރު އެއްޗެއް ނުބުންޏެވެ. ދިނީ ކުރިންވެސް ދިން ޖަވާބެވެ.
"ނޫރާ… ކިހިނެއްތަ ވީ؟ އަހަންނަށް ކިޔައިދީބަލަ. ދައްތަ އެއްޗެކޭ ކީ ދޯ. އަހަރެން ބޭނުމެއް ނޫން އެންމެ ހިނދުކޮޅަކުވެސް ނޫރާ އެގޭގައި ބަހައްޓާކަށް. ހިނގާ އިންނަން. އިތުރަކަށް މަޑެއް ނުކުރާނަން." އިޝްފާން ނޫރާގެ އަތުގައި ހިފައްޓާލަމުން ބުނެލިއެވެ.
(ނުނިމޭ)