14 May 2024, 17:19
ހުޅުމާލު ދެވަނަ ފިޔަވަހީގެ އަތިރިމަތީގައި ހަދައިފައި ހުރި ހަޓުތައް ނަގަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަނެއްކާވެސް އަންގައިފިއެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ، ހުޅުމާލެ ދެވަނަ ފިޔަވީގެ ރުއްގަނޑު ތިނެއްގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓުތަކާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި މި މަހުގެ 30ގެ ކުރިން ނަގަން އަންގާ ކަމަށެވެ.
"މި ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓުތައް ނަގަނީ މި ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް،" އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، ދެވިފައިވާ މުއްދަތުގައި އެ ތަކެތި ނަގާފައި ނުވާނަމަ، އެ ކޯޕަރޭޝަނުން ތަކެތި ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ހަދާފައިވާ ހަޓުތައް-- ފޮޓޯ/ އެޗްޑީސީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދަކީ ހަޓުތައް ހަދައި، އެކިއެކި ވިޔަފާރީގެ ބޭނުމަށް ގިނަ އަދަދެއްގެ މީހުން ބޭނުންކުރާ ތަނެކެވެ. ނަމަވެސް އެ ސަރަހައްދަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ އެފަދަ މަސައްކަތްތައް ކުރުމުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
"މީގެ އިތުރުން އެ ސަރަހައްދު މިހާރު ބޭނުންކުރެވެމުންދާ ގޮތުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ވެސް ގިނަ ދަތިތަކެއް ދިމާވެފައިވޭ،" އެޗްޑީސީން ބުންޏެވެ.
"އެހެންކަމުން މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް މި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން."
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ވީހާ ވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށާއި މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ދޭ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.
މީގެ ކުރިން ވެސް އެޗްޑީސީން ވަނީ އެ ސަރަޙައްދުގައި ހުރި ހަޓުތައް ނަގަން އެކި ފަހަރު މަތިން އަންގައިފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ހަޓުތައް ނެގުމަށް ދެކޮޅު ހަދައި، ބައެއް މީހުން އަންނަނީ ކާބޯތަކެތި ވިއްކުމުގެ ވިޔަފާރި ކުރަމުންނެވެ.