އދ.ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ދިވެހިރާއްޖެއިން އަނެއްކާވެސް ގޮވާލައިފިއެވެ.

ދިވެހިރާއްޖޭގެ ފަރާތުން މިހެން ގޮވާލާފައިވަނީ އދ.ގެ އާންމު މަޖިލީހުން މިދިޔަ ހުކުރު ދުވަހު "އެޑްމިޝަން އޮފް ނިއު މެންބަރު ސްޓޭޓްސް ޓު ދަ ޔުނައިޓެޑް ނޭޝަންސް"ގެ ނަމުގައި ފާސްކޮށްފައިވާ ގަރާރަށް ނިސްބަތްކޮށް، އ.ދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް މެންބަރު ގައުމުތަކުން ލިބުނު ތާއީދަކީ ސަލާމަތީ މަޖިލީހަށް ފޮނުވުނު ވަރުގަދަ މެސެޖެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ދިވެހިރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ހިތްދަތިކަމާއި ތަހައްމަލުކުރަމުންދާ އަނިޔާތައް ހުއްޓުމަށް އަވަސް ފިޔަވަޅު އެޅުމަށާއި، އިސްރާއީލުން ކުރަމުންދާ އަމަލުތަކަށް އެގައުމު ޖަވާބުދާރީކުރުމަށް އދ.ގެ މެމްބަރު ގައުމުތަކަށް ގޮވާލާފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ، 1967ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމުކުރުން ކަމަށް ވެސް ދިވެހިރާއްޖޭގެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.

އދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުން މިދިޔަ ހުކުރުދުވަހު އަލުން ހުޅުވާލާފައިވަނީ އަރަބް ގްރޫޕް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަދި ނޮން-އެލައިންޑް މޫވްމަންޓްއިން އެދިގެންނެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންގައި ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 35،000އަށް އަރައިފައެވެ. ހަމަލާތަކުގެ ސަބަބުން މުޅި ޣައްޒާއަށް ވަނީ އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ.