ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހައްޔަރު ކުރި މައްސަލާގައި ފުލުހުންގެ އިސް ތިން ވެރިޔަކު މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް ހާޒިރުކޮށް ސުވާލު ކުރަމުން ދަނިކޮށް ކޮމެޓީ ހޫނުވެ މެންބަރުން އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެއްވަމުން ކޮމެޓީ ހުއްޓާލައިފި އެވެ.

ފުލުހުން އިންތި ހައްޔަރު ކުރީ އުސްފަސްގަނޑު މައްސަލައިގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ޓްރެކް ސަރަހައްދުގައި އެމްޑީޕީން ކުރި މުޒާހަރާގެ ތެރެއިންނެވެ. އެ މައްސަލާގައި ކޮމެޓީ އަށް ހާޒިރު ކުރީ އެސިސްޓެންޓް ކޮމިޝަނަރު ހަސަން ހަބީބާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ސައުދީ އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒެވެ.

ކޮމެޓީގައި މިއަދު އެޖެންޑާ ކޮށްފައި އޮތީ އިންތި ހައްޔަރު ކުރި ކުރުމާބެހޭ ގޮތުން އެ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިންތިި ހައްޔަރު ކުރުމުގައި ކަން ހިނގާފައިވާ ގޮތް ފުލުހުންގެ އިސް ތިން އޮފިސަރުންގެ ކިބައިން އޮޅުން ފިލުވުމެވެ.

މައްސަލައިގައި މައިގަނޑު ނުކުތާއަކަށްވެފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރުމުގެ ކުރިން މަޖިލީހުގެ ރައީސަށް އަންގަން ޖެހޭ އިރު އޭގެ މާފަހުން އަންގާފައިވުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ބުނެ ހައްޔަރު ކުރުމަށް ފަހު ކޯޓްގައި އަންހެން ފުލުހަކަށް ހަމަލާ ދިން ކަމަށް ބުނުމާއި އިންތިގެ ޔޫރިން ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް އިންތިގެ ފަރާތުން ނެގި ބަޔާނުގައި ބުނާ ބުނުންތަކާ ބެހޭ ގޮތުން ސުވާލު ކުރުމެވެ.

ކޮމެޓީގެ މުގައްރިރު ހުސައިން މުހައްމަދުގެ ރިޔާސަތުގައި މެންބަރުން ސުވާލުތަކަށް ޖާބު ދެއްވެވީ ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒާއި އެސިސްޓެންޓް ކޮމިޝަނާ ހަސަން ހަބީބެވެ. އެސިސްޓެންޓް ކޮމިޝަނާ ސައުދީ އިންނެވީ އެވެ. މައިގަނޑު ޖަވާބުތައް ދެއްވީ މުހައްމަދު ރިޔާޒެވެ.

ކޮމެޓީގައި ފުރަތަމަ މެންބަރުން ސުވާލު އުފެއްދީ އިންތި ބެރިކޭޑުން ބޭރުގައި ހުންނަވަނިކޮށް ފުލުހުން 200 ފޫޓް ދުރަށް ބެރިކޭޑް ޖެއްސީ ކަމަށް ބުނެ އުފެއްދި ސުވާލެވެ.

އެ ސުވާލާއެކު މުޅި ޕްރޮސެސްއަށް ބިނާކޮށް ރިޔާޒު ވިދާޅުވީ އިންތި ހައްޔަރުކޮށްފައި ވަނީ ސެކިއުރިޓީ ލައިންގެ ތެރެއިން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ގަބޫލުފުޅު ނުކުރައްވައި ހަމަނުޖެހުން ހިންގަން މަސައްްކަތް ކުރެއްވުމާއި ބެލި ބެލުންތަކުން އަންހެން ފުލުހަކަށް ހަމަލާ ދެއްވިކަން އެނގުމުން ކަމަށެވެ. އަދި ވިދާޅުވީ ފުހުން އެ ދުވަހު ސެކިއުރިޓީ ލައިން ފުޅާކޮށްފައި ވަނީ މުޒާހަރާ ކުރި ސަރަހައްދަކީ ޕެޓްރޯލް ޝެޑެއް ހުރި ސަރަހައްދަކަށް ވެފައި އެތަނުގައި ޕަބްލިކް އޯޑާ ނުހިފަހައްޓައިފި ނަމަ ހިނގާ ހަމަނުޖެހުމެއްގެ ސަބަބުން ފޫނުބެދޭ ވަރުގެ ގެއްލުމެއް ވެދާނެތީ ކަމަށެވެ. އަދި އެތަނުން ދުރަށް ވަޑައިގަތުމަށް އިންތިއަށް ތަކުރާރުކޮށް އެންގުނު ކަމަށް ވެސް ވިދާޅުވި އެވެ.

\"މުޒާހަރާ ކުރުމަކަށް ހިޔާލުފާޅުކުރުމަކަށް ފުލުހުން ހުރަހެއް ނާޅާނެ. އެކަމަކު އެފަދަ ކަމެއްގެ ތެރެއިން ހަމަނުޖެހުމަށް މަގުފަހިވާ ހިސާބުން ފެށިގެން ފުލުހުން ވާޖިބު އަދާކުރަން ފަށާނެ،\" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަހަކަށް އައިސް މުޒާހަރާތަކުގައި ހައްޔަރު ކުރާ މީހުން މަސްތުގެ ހާލުގައި ތިބޭކަން ފާހަގަ ކުރެވިފައި ވާތީ ހާލަތަށް ބަލައި ޔޫރީން ޓެސްޓް ކުރަން ފުލުހުން ހުށަހަޅާފާނެ ކަމަށާއި އިންތިގެ މައްސަލައިގެ ކަން އޮތް ގޮތް ބަލައި ސާފު ކުރުމަށް ފަހު ލިޔުމުން ޖަވާބު ދެއްވާނެ ކަމަށެވެ.

ކޮމެޓީގައި މެންބަރުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވެމުން އެސިސްޓެންޓް ކޮމިޝަނާ ހަސަން ހަބީބު ވިދާޅުވީ އިންތިގެ މައްސަލައިގައި ޝަރީއަތަށް ފޮނުވޭވަރުގެ ހެކި އެބަހުރި ކަމަށެވެ.

ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި ދެފަރާތުން ކޮމެޓީ އަޑުއައްސަވަން ވަޑައިގެންނެވި މެންބަރުންގެ މެދުގައި މިއަދު ވަނީ ހޫނުކޮށް ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ.

ކޮމެޓީ ފެށުމުގެ ކުރިން ވެސް އެފަދަ ގޮތަކަށް ކަން ކުރައްވައިފި ނަމަ ކޮމެޓީ ހުއްޓާލައްވާނެ ކަމަށް މުގައްރިރު އިންޒާރު ކުރައްވާފައި ވަނިކޮށް ފުރަތަމަ އަޑު ގަދަވީ މައުލޫން ބޭރުވެ ވަޑައިގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު، ކޮމެޓީއަށް ހާޒިރުވަޑައިގެން ތިއްްބެވީ ފެބުރުއަރީ އަށް ވަނަ ދުވަހު މެންބަރުންނަށް އަނިޔާ ކުރި \"ބާޣީން\" ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަން ފެއްޓެވި ހިސާބުންނެވެ.

އޭގެ ފަހުން ކޮމެޓީ ހޫނުވީ މިއަދު އެންޖެންޑާކޮށްފައިވާ މައްސަލަ ރައްދުވާ އިންތިގެ ވާހަކަފުޅުގައި ފުލުހުން ހާޒިރު ކުރުމަކީ މާނައެއް ނެތް ކަމެއް ކަމަށާއި މާނައެއް އެކުލެވޭނީ \"ބާޣީން\" ފައްސާލައިގެން ކަމަށް ވިދާޅުވެ ދައްކަވަން ފެއްޓިވި ވާހަކަފުޅު މައުލޫގައި ހިފެހެއްޓެވުމަށް މުގައްރިރު އެންގެވުމުންނެވެ.

\"މިއީ ކުޅޭ ކުޅޭ ބައެއް ނޫނޭ! މިއީ އެތައްހާސް ބަޔަކު ތަމްސީލު ކުރާ ރައްޔިތުންގެ މެންބަރެއް ސަމާސާއަކަށް ހައްޔަރެއް ނުކުރެވޭނެ، އަޅުގަނޑަކީ ގާނޫނު ދަަންނަ މީހެއް. ގާނޫނު ހަދާ މީހެއް ސަމާސާއަކަށް މެންބަރުން ހައްޔަރެއް ނުކުރެވޭނެ. ހައްޔަރު ކުރެވޭނީ މާނަ ހުރި ކަންކަމުގައި!\" އިންތި ވިދާޅުވި އެވެ.

އިންތިގެ ވާހަކަފުޅު މައުލޫގެ ތެރެއަށް ގެންދެވުމަށް މުގައްރިރު މަސައްކަތް ފެއްޓެވި ވަގުތު ދެފަރާތުގެ ބައެއް މެންބަރުން ކޮޅަށް ތެދުވެ ވަޑައިގެން ބަހުގެ ހަމަލާތައް ދެއްވާ އަޑު ގަދަ ކުރެއްވުމުގައި ދެ މިނެޓެއްހާއިރު ވުމާއެކު ކޮމެޓީ ކުރިޔަށް ނުގެންދެވިގެން ހުއްޓާލެއްވީ އެވެ.

ކޮމެޓީ ހުއްޓާލުމުން ފުލުހުންގެ ތިން އޮފިސަރުން ވެސް މެންބަރުންގެ ތެރެއިން ބޭރަށް ނުކުމެ ވަޑައިގެންނެވި ވަގުތު \"ބާޣީ\" އޭ ބައެއް މެންބަރުން ގޮވި އެވެ. އަދި އެވަގުތު އެސިސްޓެންްޓް ކޮމިޝަނާ ހަސަން ހަބީބު ވަނީ އެއަށް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވި އެވެ: \"ބާޣީންނެއް ނޫން މިއީ، މިއީ ޣާޒީން!\"

އެ ވަގުތު ހަބީބާ ދިމާއަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު \"ކީކޭ ހެއްޔޭ؟\" އެއްސެވުމާއެކު ވެސް ހަބީބު ތަކުރާރު ކުރައްވާ އެއީ ބާޣީން ނޫން ކަމަށާއި އެއީ ޣާޒީން ކަމަށް ވިދާޅުވަމުން ގެންދެވި އެވެ. އެހިސާބުން މޫސައާ ހަބީބު ކޮރިޑޯގެ ހަރުފަތްބަރިއާ ހަމައަށް ވަޑައިގެންނެވެންދެން ވެސް ބަހުގެ ހަމަލާތައް ބަދަލު ކުރި އެވެ.

އިމްތިޔާޒު ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދާއި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރާއި އުނގޫފާރު ދާއިރަގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފު ނައީމެވެ.