ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރުމަށް އެހީ ހޯދުމަށް ޓަކައި، އިނގިރޭސީ ވިލާތުގައި އޮންނަ ކޮމަންވެެލްތް ޓްރޭޑް އެންްޑް އިންވެސްޓްމެންޓް އެންޑް ރައުންޑްޓެބަލް މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ފުރާވަޑައިގެންފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ދަތުރުގެ މަގުސަދަކީ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ދިރުން ގެނައުމާއި، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރުމަށް އިނގިރޭސިވިލާތުގެ އެހީ ހޯދުން ކަމުގައެވެެ.

މި މަޝްވަރާގައި ރާއްޖޭގެ ބައިނަލްއަގްވާމީ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކް ތަރައްގީކުރުމަށެވެ.

މިގޮތުން މި ދަތުރުގައި އިނގިރޭސިވިލާތުގެ ފައިނޭންޝަލް ސާވިސަސް ފަރުމާތަކާއެކު ރަސްމީ މަސައްކަތުގެ ގުޅުންތައް ގާއިމްކުރާނީ ރާއްޖޭގައި ބައިނަލްއަގްވާމީ ފައިނޭންޝަލް ސެންޓަރުތައް ގާއިމްކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ގާނޫނީ އޮނިގަނޑާއި މާލީ ދާއިރާގެ އިންފްރާސްޓްރަކްޗާ މޮޑެރައިޒްކޮށް، ޒަމާނީ އަދި ދުނިޔޭގެ ފެންވަރުގެ ގަވާނަންސް، ސްޓްރެޓެޖީ އަދި އޮޕަރޭޝަން ފްރޭމްވޯކް ތަރައްގީކުރުމަށް މަޝްވަރާ ކުރާނެ ކަމަށް އެ މިނިސްޓަރީން ބުންޏެވެ.

މި ދަތުރުގައި ސައީދު އިނގެރޭސިވިލާތުގެ ސަރުކާރުގެ ވެރިންނާއި އަދި ޕްރޮފެޝަނަލް ސާވިސް އިންޑަސްޓްރީގެ މަންދޫބުންނާ ބައްދަލު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ސައީދު އިއްޔެ ވަނީ އޭޝިއާ ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމް އިފްތިތާހުކޮށްދެއްވައިފައެވެ.