14 May 2024, 15:03
ޒިޔުރިޚް (14 މޭ 2024) : ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިސްރާއީލު ހިންގަމުން ގެންދާ ގަތުލުއާންމުތަކާ ގުޅިގެން "ފެޑަރޭޝަން އޮފް އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން" (ފީފާ) އިން އިސްރާއީލު ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށް އުރުދުންގެ ފުޓްބޯލް އެސޯސިއޭޝަނުން ބުނެފިއެވެ.
"ޖޯޑޭނިއަން ފުޓްބޯލް އެޗޯސިއޭޝަން" ގެ ރައީސް އަލްއަމީރު އަލީ އިބްނު ހުސައިން ވިދާޅުވީ "ފީފާ" އިން އިސްރާއީލު ބޭރުކޮށްލުމަކީ ނުވަތަ އިސްރާއީލުގެ ސަސްޕެންޑް ކުރުމުގެ މައްސަލައަކީ އެއެސޯސިއޭޝަނުން އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާމިންވަރު ދުނިޔެއަށް ހާމަވެގެންދިޔުމުގެ އިމްތިހާނެކެވެ.
ފަލަސްތީނުގެ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް ދުނިޔެ (އެމެރިކާއާއި ޔޫރަޕް ގެ ސަރުކާރުތައް ފިޔަވައި) އަޑުއުފުލަމުން ގެންދާއިރު އެމެރިކާއާއި ޔޫރަޕްގެ އާންމުން ތިބީ އިސްރާއީލުގެ އަނިޔާވެރިކަމާ އަދި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ޖަރީމާތަކާ ދެކޮޅަށްކަން އެމެރިކާއާއި ޔޫރަޕްގެ ކިޔަވާކުދިން އިސްރާއީލާ ދެކޮޅަށްކުރާ އިހްތިޖާޖްތަކުން އެނގެއެވެ.

އުރުދުންގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް އަލްއަމީރު އަލީ އިބްނު ހުސައިން
"ފީފާ" އިން އިސްރާއީލު ސަސްޕެންޑް ކުރުމުގެ މައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހު ތައިލެންޑްގެ ވެރިރަށް ބެންގްކޮކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއެސޯސިއޭޝަންގެ ޖެނެރަލް އެސެމްބްލީ އަށެވެ.
އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ހަނގުރާމައިގެ ޖަރީމާ ހިންގާކަމުގެ ކުށުގައި "ފީފާ" އިން އިސްރާއީލު ސަސްޕެންޑް ކުރުމަށް އެދި ހުށަހަޅާފައިވަނީ ފަލަސްތީނުގެ ފުޓްބޯލް އެސޯސިއޭޝަން ކަމަށްވާ "ޕަލެސްޓައިން ފުޓްބޯލް އެސޯސިއޭޝަން" ގެފަރާތުންނެވެ. މިކަމާބެހޭ ގަރާރު ކޯ ސްޕޮންސަރު ކުރުމުގައި އުރުދުންއާއި އެ ނޫން ވެސް އެތައް ގައުމަކުން ބައިވެރިވެއެވެ.
އީރާނުންވަނީ "ފީފާ" އިން އިސްރާއީލުގެ އެއްކޮށް ވަކިކުރުމަށް އެދި އެތައް ފަހަރަކު އެ އެސޯސިއޭޝަނަށް ހުށަހަޅާފައެވެ. އިސްރާއީލުފަދަ ކުޑަކުދިންނާއި އަންހެނުންމަރާ އަދި ބައެއްގެ ބިންތަކަށް ވެރިވެގަނެގެންއުޅޭ ނާތަހުޒީބު ބާބެރިކް އެންޓިޓީއެއް "ފީފާ" ގެ މެންބަރުކަމުގައި އޮތުމަކީ އިންސާނިއްޔަތަށް ވެސް ލަދުވެތި ކަމެއްކަން ފާހަގަކޮށް "އީރާނިއަން ފުޓްބޯލް އެސޯސިއޭޝަން" ގެ މަންދޫބުވަނީ އެތައް ފަހަރަކު ވާހަކަ ދައްކަވާފައެވެ.
އިސްރާއީލަކީ މި ޒަމާނުގެ ހިޓްލަރުކަމަށް، އީރާނުގެ އިތުރުން ބްރަޒިލް އާއި ކޮލަންބިޔާ، ވެނެޒުއެލާއާއި ނިކަރާގުއާ، އަދި ތުރުކީ ފަދަ "ފީފާ" ގައި ހިމެނޭ އެތައް ގައުމަކުން ގެންދަނީ ސިފަކުރަމުންނެވެ.
މީގެތެރެއިން ކޮލަންބިޔާއާއި ނިކަރާގުއާއިންވަނީ އިސްރާއީލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ގޮވާލާފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތްފަދަ ޖަމާއަތްތަކުން އިސްރާއީލުގެ އިސްތިއުމާރުން ފަލަސްތީނުގެ ބިމާއި ރައްޔިތުން މިނިވަންކުރަން މަސައްކަތްކުރާތީ އިސްރާއީލު ގެންދަނީ ޣައްޒާގެ އާންމުން ހާހުން މަރައި ހޮސްޕިޓަލްތަކާއި ސްކޫލްތައް ސުންނާފަތިކުރަމުންނެވެ.
އިސްރާއީލުން ސިއްރުން ޣައްޒާގެ ހޮސްޕިޓަލްތަކުން ގިނަ ބަޔަކު މަރައި ބޮޑެތި ކަށްވަޅުތަކުގައި އެމީހުން ވަޅުލާފައިވަނިކޮށް އެކަންވެސްވަނީ ފަޅައިއަރާފައެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގާ ނާޒީ ޖަރުމަނުން ހިންގިފަދަ ޖަރީމާތަކެވެ. އިސްރާއީލަކީ މިޒަމާނުގެ ނާޒީ ޖަރުމަނުކަމަށް ދަނީ ސިފަކޮށް ލޭބަލް ކުރެވެމުންނެވެ.
ޣައްޒާގައި އާންމުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ހިންގާ ގަތުލުއާންމުތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށާ އަދި ބައިނަލްއަގްވާމީ އިންސާފުގެ ކޯޓަށް ދުނިޔޭގެ އެތައް ގައުމަކުންވަނީ އެތައް މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އިސްރާއީލާ ދެކޮޅަށް އަމުރެއް ނެރެފާނެތީ އެމެރިކާ ގެންދަނީ އެ ދެކޯޓަށް ބިރުދައްކައި އިންޒާރުތައް ދެމުންނެވެ.