މިދިޔަ 24 ގަޑި އިރުތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ލ. ކައްދޫއަށް ކަމަށާއި، 135.7 މިލިމީޓަރަށް ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވާކަމަށް މެޓު އޮފީހުން ބުނެފިއެވެ.

ރިކޯޑު އަދަދަކަށް ކައްދުއަށް ވާރޭ ވެހިފައިވާއިރު، ކައްދުއާ ޖެހިގެން ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެގޮތުން 109.5 މިލިމީޓަރުގެ ވާރޭ އެ ރަށަށް ވެހިފައިވެއެވެ.

އަދި އެޔާ ޖެހިގެން އެންމެ ގިނައިން ފ. ނިލަންދޫއަށް ވާރޭ ވެހިފައިވާއިރު އެ ރަށަށް ވެސް 59.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މި ތިން ރަށަށް ރިކޯޑު އަދަދަކަށް ވާރޭ ވެހިފައިވާއިރު އުތުރުން ފެށިގެން ދެކުނުގެ ރަށްތަކަށް އާދައިގެ ވަރަކަށް ވަނީ ވާރޭ ވެހިފައެވެ.

އިއްޔެ ވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަކޮށްފައިވާއިރު، މިއަދު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ވެސް އުތުރުގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާ ކޮށްފައިވާއިރު މެދު ރާއްޖެތެރެއަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ވެސް މެޓުން ބުނެފައިވެއެވެ.

އަދި، ކަނޑުތައް ވެސް ގަދަ ވުމާއެކު މެޓު އޮފީހުން ވަނީ ވާރޭ ވެހޭ އިރު ކަނޑު ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އެހެން ނަމަވެސް އާދައިގެ ވަރަކަށް އޮންނަ އިރު ކަނޑު ދަތުރު ކުރުމަކުން މައްސަލައެއް ނެތް ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

މެޓު އޮފީހުން ބުނީ މިހާރު ހުރިހާ ހިސާބަކަށް ވެސް ހާލަތު އޮތީ ވައިޓް އެލާޓުގައި ކަމަށެވެ.

އަދި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވެ ތިބުމަށް ވެސް އެ އޮފީހުން އިލްތިމާސް ކުރެއެވެ.