12 Jun 2012, 14:40
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ހަތް ފަހަރު ކޯރަމް ގެއްލިގެން ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލާލައިފި އެވެ.
މިއަދުގެ ޖަލްސާގައި ހަތް ފަހަރު ކޯރަމް ގެއްލިފައިވާ އިރު، ކޯރަމް ހަމަނުވެގެން ތިން ފަހަރެއްގެ މަތިން ޖަލްސާ ފަސްކުރަން ޖެހުނެވެ. އެއީ ހެނދުނު ދަންފަޅި އާއި މެންދުރު ދަންފަޅީގަ އާއި މެންދުރު ފަހުގެ ދަންފަޅީގަ އެވެ. ޖަލްސާ ފަސްކުރަން ޖެހެނީ ކޯރަމް ގެއްލިގެން ދެތިން ފަހަރެއްގެ މަތިން ކޯރަމް ގެއްލުނު ރަނގަބީލު ޖެހުމަށް ފަހު ވެސް، މަޖިލީހުގެ ގަވާއިދުގައި ބުނާ 20 މެންބަރުންގެ މަޖިލީހުގެ ތަޅުމުގައި ނެތުމުންނެވެ.
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނިންމާލީ 2:00 ޖެހިފަހުންނެވެ. މިއަދުގެ ޖަލްސާގައި ބަހުސްކޮށްފައި ވަނީ ރައީސް ނަޝީދާ ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރާއި ފަނޑިޔާރުންގެ ގާނޫނަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަފްރާޝީމް އަލީ ހުށަހެޅުއްވި އިސްލާހުގެ ބިލުގެ ބަހުސް އެވެ.
މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަނެ އިގްތިސާދީ ކޮމެޓީ އަށް ފޮނުވާފައިވެ އެވެ. ބިލު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓްގައި ބައިވެރިވެވަޑައި ގެންނެވި 67 މެންބަރުންގެ ތެރެއިން 40 މެމްބަރުން ވޯޓް ދެއްވީ ބިލު މަޖިލީހަށް ބަލައިގަތުމަށެވެ. ބިލް ބަލައިގަތުމަށް ނުފެންނަ ކަމަށް 27 މެންބަރަކު ވޯޓު ދެއްވި އެވެ.