ސްޓެމް ސެލްތަކުން އުފައްދާ ޕެންކްރިއޭޓިކް ސެލްތައް ޓްރާންސްޕްލާންޓްކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް ހަކުރު ބައްޔަށް ފަރުވާއެއް ހޯދައިފިއެވެ.

ޗައިނާގެ ޝަންހާއީ ސިޓީގައި މަސައްކަތްކުރާ ޑޮކްޓަރުން ތަކެއް ހޯދި އެ ފަރުވާއިން ހަކުރު ބަލި ރަނގަޅުވެފައި ވަނީ އުމުރުން 59 އަހަރުގެ ފިރިހެނެކެވެ.

ޝަންހާއީގެ ޒަންގްޒެންގް ހޮސްޕިޓަލުން ބުނި ގޮތުގައި އެ މީހާއަކީ 25 އަހަރު ވަންދެން ޓައިޕް 2 ހަކުރުބަލި ތަހައްމަލު ކުރަމުންދިޔަ މީހެކެވެ. ނަމަވެސް ސްޓެމް ސެލް ބޭނުންކޮށްގެން ދިން ފަރުވާއިން އިންސިއުލިން ނުޖަހާތާ މިހާރު 33 މަސް ވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ ފަރުވާ ހޯދުމަށް ޑޮކްޓަރުންގެ ޓީމުން ވަނީ ދިހަ އަހަރު ވަންދެން މަސައްކަތްކޮށްފައެވެ.

ހަކުރުބަލީގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިވެއެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ދިގު މުއްދަތަކަށް ލޭގައި ހަކުރު ކޮންޓްރޯލް ނުކުރެވުމުން ލޯ ފުސްވުމާއި ކިޑްނީ ފެއިލްވުމާއި ކާޑިއޯ ވެސްކިއުލާ އަދި ސެރެބްރޯ ވެސްކިއުލާ ފަދަ ބަލިތަކާ ކުރިމަތިލާންޖެހެއެވެ.

ހަކުރުބަލީގެ ބަލި މީހުންގެ އާބާދީ އެންމެ ގިނަ ގައުމަކީ ޗައިނާއެވެ. އެ ގައުމުގައި ހަކުރުބަލީގެ 140 މިލިއަން މީހުން އުޅޭއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 40 މިލިއަން މީހުން ބަރޯސާވެފައިވަނީ މުޅި އުމުރަށް އިންސިއުލިން އިންޖެކްޝަން ޖެހުމަށް ކަމަށް އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނުން ވަނީ ހާމަކޮށްފައެވެ.