14 May 2024, 07:43
ބޮލީވުޑްގައި 90އިގެ އަހަރުތަކުގެ ތެރޭ ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ޕޫޖާ ބަޓް އިތުރު ފިލްމަކަށް ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ ލަޔަންސްގޭޓް އިންޑިއާއިން އުފައްދާ ވަރަށް ވަރުގަދަ ޕްރޮޖެކްޓެކެވެ. ވަކި ނަމެއް ހަމަޖެހިފައިނުވާ މި ޕްރޮޖެކްޓުގެ ލީޑް ރޯލުން ފެންނާނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީއެވެ.
ލަޔަންސްގޭޓް އިންޑިއާއާ ގުޅިގެން ވަރަށް ވަރުގަދަ އެކްޝަން ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުން އަންނަކަން މީގެ ހަފުތާއެއް ކުރިން އެކްޓަރު ސުނިލް ޝެޓީ އިއުލާނުކޮށްފައިވާއިރު މިއީ ފިލްމެއްކަމެއް ނުވަތަ ވެބް ސީރީޒްއެއްކަމެއް އިއުލާނުކޮށްފައެއް ނުވެއެވެ. މީގެ ކުރިން ވެސް ސުނިލް ޝެޓީއާ އެކު ފިލްމު "ބޯޑާ"ގައި މަސައްކަތް ކޮށްފައިވާ ޕޫޖާ ބަޓް ބުނެފައިވަނީ ސުނިލްއާ އެކު މި ފަހަރު ފެންނާނީ އަންހެނުން ބާރުވެރިކުރުވާ ކަހަލަ ރޯލަކުން ކަމަށެވެ.

ފިލްމީ ތަރި ސުނިލް ޝެޓީ--ފޮޓޯ/ބޮލީވުޑްހަންގާމާ
މީގެ ކުރިން ވެސް އެފަދަ ރޯލްތައް ކުޅެން ޝައުގުވެރިވާ ޕޫޖާ ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ފިލްމުގައި ކުޅޭ ކެރެކްޓާގެ ފޮޓޯއެއް ވެސް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
ބަތަލާ އާލިއާ ބަޓްގެ ދައްތަ ޕޫޖާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭ "ދިލްހޭ ކެ މާންތާ ނެހީ"، "ސަޅަކް"، "ޒަޚަމް" އަދި "ޖުނޫން" ފަދަ ފިލްމުތައް ހިމެނެއެވެ. ޕޫޖާ މިހާތަނަށް ކުޅުނު ގިނަ ފިލްމުތަކަކީ ބައްޕަ އަދި ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ފިލްމު ކުންފުނިން އުފައްދާފައިވާ ފިލްމުތަކެކެވެ.
ފިލްމު އިންޑަސްޓްރީގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ މި ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޗުޕް:ރިވެންޖް އޮފް ދަ އާޓިސްޓް"އިންނެވެ. ޕޫޖާ ވަނީ 2021 ވަނަ އަހަރު ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒް "ބޮމްބޭ ބޭގަމްސް"އިން ފެނިފައެވެ. މި ވެބް ސީރީޒްއަކީ ނެޓްފްލިކްސްގެ އުފެއްދުމެކެވެ.