12 Jun 2012, 14:00
ކައުންސިލަރުން ތިބުމަށް ގދ. އަތޮޅު ކައުންސިލް އިދާރާ އަށް ގޮނޑިއާއި މޭޒު ގަތުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބެލެވޭތީ ގދ. އަތޮޅު ކައުންސިލްގެ ޑީއާރްޕީ އަށް ނިސްބަތްވާ ކައުންސިލަރުންގެ މައްޗަށް ދައުވާ ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ދައުވާ ކުރަން އެންޓި ކޮރަޕްޝަނުން ފޮނުވާފައި ވަނީ އެ އަތޮޅު ކައުންސިލްގެ ރައީސް ހުޅުމާލޭ ފްލެޓް 10144 މުހައްމަދު ނިޒާމާއި ކައުންސިލްގެ ނާއިބް ރައީސް ގދ. މަޑަވެލީ، އަދުންގޭ، ސާހިރު ހަސަނާއި، ކައުންސިލް މެންބަރުން ކަމަށްވާ ގދ. ފިޔޯރީ، ނެލުން، މުހައްމަދު މުޚުތާރާއި ގދ. ހޯޑެއްދޫ، ޝާދީވިލާ އަބްދުﷲ ޝިފާޒުގެ މައްޗަށެވެ.
އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ކައުންސިލަރުން ތިއްބެވުމަށް އެ ކައުންސިލުން ގަތް ގޮނޑި އާއި މޭޒު އިއުލާން ނުކޮށް އެއްފަހަރާ ގަތުމަށް ނިންމާފައި ވާތީ އެވެ.
އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ އަތޮޅު ކައުންސިލަރުން ތިބުމަށް އެ ކައުންސިލުން ގަތް ގޮނޑި އާއި މޭޒު އެއްފަހަރާ ގަތުމަށް އަތޮޅު ކައުންސިލުން ނިންމުމަށް ފަހު އެތަކެތި ގަތުމަށްޓަކައި ތިން ފަހަރު މަތިން މާލޭގެ ފިހާރައަކުން ކޯޓޭޝަނެއް ހަދައިގެން އެއްތާރީޚެއްގައި ތިން ޕާޗޭސް އޯޑަރެއް ހަދާފައިވާ ކަމަށް އެ ކޮމިޝަނުން ކުރި ތަހުގީގުން އެނގޭ ކަމަށެވެ.
އޭސީސީގެ ބަޔާނުގައި ބުނަނީ އެތަކެތި އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައި ވަނީ އެއްކޮށްކަމަށް ކަމަށާއި އެތަކެތީގެ ބިލް އެ ކައުންސިލަށް ފޮނުވާފައި ވަނީ އެއްތާރީޚެއްގައި ކަމަށްވާ އިރު އެތަކެއްޗަށް ފައިސާ ވެސް ދައްކާފައި ވަނީ އެއް ޕޭމަންޓަކުން ކަމަށެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނަނީ ސަރުކާރުގެ އޮފީހަކަށް އެއްފަހަރާ ގަންނަ ތަކެތީގެ އަގު 25،000ރ. އަށް ވުރެ މަތިވާ ނަމަ އެތަކެތި ގަންނަން ޖެހޭނީ އިއުލާންކޮށްގެން ކަމަށެވެ. ނަމަވެސް އެ ކައުންސިލަށް ގަތް ފަރުނީޗަރުތަކުގެ އަގު 54،200ރ. އަށް އަރާ ކަމަށް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.