14 May 2024, 07:46
ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނާ އެއްކޮޅަށް ވާހަކަ ނުދައްކައި އަދި ވަކި އެއްޗެއް އެކަމާ ގުޅޭގޮތުން ނުބުނާ ތަރީންތައް ބްލޮކްކުރުމުގެ ބޮޑު ކެމްޕެއިނެއް ފަށައިފިއެވެ.
"ބްލޮކްއައުޓް"ގެ ނަމުގައި މިހާރު ކުރިއަށްދާ މި ކެމްޕެއިންގައި ހޮލީވުޑްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކްޓަރުންނާއި ލަވަކިޔުންތެރިން އަދި އިންފްލުއެންސަރުންގެ އިތުރުން މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި އުޅޭ ގިނަ ބަޔަކު ބްލޮކްކުރަމުން އެބަަދެއެވެ.
މިއީ ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ވަކި އެއްޗެކޭ ނުބުނެ ހިމޭނުން ތިބި ތަރިންނާއި ފަލަސްތީނާ ދެކޮޅަށް ވާހަކަދައްކާ ތަރީންނަށް އަމާޒުކޮށްގެން ފެށި ކެމްޕެއިނެކެވެ.
މި ކެމްޕެއިން ފެށިގެން އައީ ޓިކްޓޮކްގެ ތެރެއިންނެވެ. މަޝްހޫރު ޓިކްޓޮކާއެއް ކަމަށްވާ ހެއިލީ ބެއިލީ، މެޓް ގާލާ އިވެންޓާ ދިމާކޮށް ޕޯސްޓުކުރި ވީޑިއޯއަކާ ގުޅިގެން މި ކެމްޕެއިން ފެށިގެން ދިޔައެވެ. މި ޕޯސްޓުގައި އިޝާރަތް ކުރަމުންދިޔައީ ފަލަސްތީނުގެ ކޮންމެ ހާލަތެއްވި ނަމަވެސް މުއްސަނދިންނާއި ނުފޫޒުގަދަ މީހުން އުޅެން ބޭނުން ގޮތަކަށް ދޫކޮށްލުމަށެވެ.
ހެއިލީގެ ވާހަކަ ގިނަ ބަޔަކަށް ހަޖަމެއް ނުވިއެވެ. އެއާއެކު އާންމުން ގޮވަން ފެށީ މިފަދަ ނުފޫޒު ގަދަ ފަންނާނުންނާއި ތަރީން އެ ނުފޫޒުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުން ނުކުރާނަމަ ބްލޮކް ކުރުމަށެވެ. މި ބްލޮކް ލިސްޓުގައި އެތައް ސަތޭކަ ތަރީންނެއް ހިމެނޭއިރު މުނިފޫހިފިލުވުމުގެ ދާއިރާގެ ބޮޑެތި ނަންތައް ވެސް ހިމެނެއެވެ.
ބައެއް ބޮޑެތި ނަންތަކުގެ ތެރޭގައި ޓޭލާ ސްވިފްޓާއި ޖަސްޓިން ބީބާގެ އިތުރުން ސެލީނާ ގޮމޭޒްއާއި ޖެނިފާ ލޯރެންސް ފަދަ ތަރީން ހިމެނެއެވެ. އެތައް ބަޔަކު އަންނަނީ ބޮޑެތި ތަރީންތައް ބްލޮކް ކުރަމުންނެވެ. އަދި, އެއާއެކު މި ތަރީން ފޮލޯކުރާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ.