13 May 2024, 20:11
ދިވެހި ފުލުހަކު ކާރު ގެނެސްދޭނެ ކަމަށް ބުނެ ފައިސާ ނަގައި ފިލައިގެން އުޅޭ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ރާއްޖޭން ބޭރުން ކާރު ގެނެސްދޭނެ ކަމަށް ބުނެ ފުލުހަކު ލާރި ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓެއް އާންމުކޮށްފައެވެ. އެ ޕޯސްޓުގައިވާ ގޮތުން، އެ ފުލުހުން މީހާ ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ލާރި ނަގައިގެން ވަނީ ފިލައިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން އެ ފުލުސް މީހާގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ މަކަރާއި ހީލަތް ހަދައިގެން ފައިސާ ނެގުމުގެ މައްސަލަތަކެއް މިފަހުން ފެންމަތިވެފައިވެއެވެ.
އެގޮތުން، ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި ކަމަށް ތުހުމަތުކުރެވޭ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލްގެ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.