13 May 2024, 19:26
މިއަހަރު އޭޕްރީލް މަހު މީރާއިން 2.11 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، އެއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 13.6 ޕަސެންޓް އިތުރު އަދަދެއް ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިއަހަރުގެ އާމްދަނީ އިތުރުވީ ޖީއެސްޓީ އަދި އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުންނެވެ.
މީގެ އިތުރުން، މިއަހަރުގެ މާޗު މަހުގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ ފަތުރުވެރިންގެ އަދަދު 8.3 އިންސައްތަ އިތުރުވުމާ ގުޅިގެން ޓީޖީއެސްޓީ، އެއާޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދިނެވެ.
މީރާއިން ބުނީ ފާއިތުވެ ގޮސްފައިވާ ޓީޖީއެސްޓީގެ ސުންގަޑިތަކަށް ނުދައްކާ ހުރި ފައިސާ މިދިޔަ މަހުގެ ތެރޭގައި ދައްކާފައިވާތީ، ލިބުނު އާމްދަނީ އިތުރުކަމަށެވެ.
މިއަހަރު އޭޕްރީލް މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 68.7 އިންސައްތަ ނުވަތަ 1.45 ބިލިއަން ރުފިޔާއެެވެ.
މީރާއިން ބުނީ ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކުހުން ކަމަށެވެ. އެއީ ހަތް އިންސައްތަ ނުވަތަ 148.81 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓްގެ ފީގެ ގޮތުގައި 108.76 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 106.32 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 105.79 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 192.44 މިލިއަން ރުފިޔާ ލިބުނެވެ.
މީރާއިން ބުނީ މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 91.87 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.