12 Jun 2012, 13:30
ޖުމުހޫރީ ޕާޓީގެ ހިޔަނި ކެބިނެޓެއް އެކުލަވާލުމުގެ މަސައްކަތް އެ ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ ބެއްލެވުމުގެ ދަށުން ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމުހޫރީ ޕާޓީ އަށް އަލަށް އިތުރުކުރި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވީ އެ ޕާޓީ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި މިހާރު ކުރަން ކަނޑައަޅާފައިވާ އެއްކަމަކީ ހިޔަނި ކެބިނެޓެއް އެކުލަވާލުމަށް އެ ޕާޓީގެ ގައުމީ މަޖިލިހުން ފާސްކުރުމާ ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
އެ މަސައްކަތް ކުރިއަށް ގެންދަވާނީ އެ ޕާޓީގެ ރައީސް ކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި ޑރ. އިބްރާހިމް ދީދީ އާއި ނާއިބު ރައީސް އަމީން އިބްރާހިމުގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
\\\"ޕާޓީ އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ޓަކައި ކުރެވޭ ކަންތައްތަކުގެ ތެރޭގައި ކެބިނެޓް އެކުލަވާލުމަށް ގައުމީ މަޖިލިހުން ވަނީ ނިންމާފައި. ޕާޓީގެ ރައީސް އާއި ނާއިބު ރައީސް ހޮވިވަޑައިގަތުމާ ގުޅިގެން އެ މަސައްކަތް ކުރުން މާލަހެއް ނުވެ ކުރިއަށް ދާނެ،\\\" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެބިނެޓެއް އެކުލަވާލުމުގެ މުހިންމު ބޭނުމަކީ ޖުމްހޫރީ ޕާޓީ އިތުރަށް ޑިމޮކްރެޓިކުކޮށް ކުރިއަށް ގެންގޮސް އިތުރު ތައުލީމީ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށާއި އެއީ އެފަދަ ފަރާތްތައް އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމަށް ހުޅުވިގެންދާނެ ފުރުސަތެއް ކަމަށެވެ.
ގާސިމް ވިދާޅުވީ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އައި ބަދަލުވުމުގެ ސަބަބުން އެ ޕާޓީގެ ލީޑަރަކާއި ރައީސެއް ހުންނެވި ނަމަވެސް އެ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތާ ފުށުނާރާނެ ކަމަށެވެ. އަދި ރައީސާއި ނާއިބު ރައީސާއި ޕޮލިސީ ސެކްރެޓަރީ އަދި ސެކްރެޓަރީ ޖެނެރަލަށް ވެސް ޕާޓީގެ ކައުންސިލްގައި ބައިވެރިވެވަޑައިގެންނެވޭ ގޮތަށް އަސާސީ ގަވާއިދުގައިވާ ކަމަށް ވިދާޅުވި އެވެ.
ޑީޑީ ވެސް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރާއި ރައީސްގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެއްވެސް ކަހަލަ ފުށުއެރުމެއް ނެތް ކަމަށާއި ލީޑަރާއި ރައީސްގެ މަސްއޫލިއްޔަތުތައް ވަރަށް ސާފުކޮށް ގަރާރެއްގެ ގޮތުގައި ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.
\\\"ދެން އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި އަޅުގަނޑު ކުރިން ހުރި ޕާޓީގައި ވެސް ކޮންމެހެން ލިޔެކިޔެމުން ފެންނަން ނެތިގެނެއް ނޫން މައްސަލަތަކެއް ދިމާވީއަކީ. އެކަން ކުރަން ތިއްބަވާ ބޭފުޅުންގެ އިހުލާސްތެރިކަން ނެތީމައޭ ދެންނެވޭނީ. މިސާލަކަށް ބައެއް ފަރާތްތަކުން ޑިމޮކްރަސީ އެ ބަސް ވެސް ބޭނުން ކުރެވެނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި،\\\" ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ ޖުމްހޫރީ ޕާޓީތެރެ އިން ޑިމޮކްރަސީގެ މިސާލުތަކެއް ފެނިގެން ގޮސްފައިވާ ކަމަށާއި ވޯޓުލަމުން ދިޔައިރު ވެސް ޕާޓީގެ ލީޑަރުގެ އެއްވެސް ނުފޫޒެއް ނެތި ވޯޓްލުމުގެ ފުރުސަތު ހުރިހާ މެންބަރުންނަށް ވެސް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވި ޖުމުހޫރީ ޕާޓީގެ ތެރޭގައި ނުލަފާ ކަން ދައްކާ ލީޑަރަކު ނުހުންނަވާ ކަމަށެވެ.