އިސްރާއީލުން ފަލަސްތީނުގެ ރަފަޙުގައި ދެކޮޅަށް ހިންގާ ލާއިންސަނި އަމަލުތައް ހުއްޓުވަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ ބައިނަލްއަޤުވާމީ ކޯޓުން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ރައިސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާވެރި ހަމަލާތައް އެއްފަހަރާ ހުއްޓުވައި, ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވާން ޖެހޭ ކަމަށެވެ.

އަދި އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކަށް ބައިނަލްއަޤުވާމީ ކޯޓުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.

ހަމައެއާއެކު މި ފަހުން ރަފަޙަށް ދިން ހަމަލާތަކާއި ގުޅިގެން އެފްރިކާއިން ވަގުތީގޮތުން ފިޔަވަޅު އެޅުމަށް ގޮވާލި ގޮވާލުމަށް ވެސް ރާއްޖެއިން ތާއީދު ކުރާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ރަފަޙުން ފެންނަ ގެދޮރު ދޫކޮށް ދާން ޖެހުމާއި މީހުން މަރާ މަންޒަރަކީ މާޔުސީ މަންޒަރެއް ކަމަށެވެ. އަދި އިސްރާއީލުގެ އަތުން ޣައްޒާ ހަލާކުވެގެން ދާއިރު ބައިނަލްއަޤުވާމީ މުޖުތަމައުތަކުން ހިމޭނުން ނުތިބޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަން ރައިސް ވަނީ ފާހަގަ ކުރައްވައިފައެވެ.

އަދި ރައީސް ވިދާޅުވީ ފަލަސްތީނުގެ ދައުލަތުގެ ވެރިކަން ހަޤީގަތަކަށްވެ، އެ ޤައުމުގެ އަޚުންނާއި އުޚްތުންނަށް ސުލްހައާއި ތަނަވަސްކަމުގައި ދިރި ނޫޅެވޭހާ ހިނދަކު ދިވެހިން އަޑުއުފުލުން ހުއްޓައިނުލާނެ ކަމަށް ވެސް ވިދާޅުވެފައެވެ.