ވީޗެޓް ޕޭ ރާއްޖެއަށް ތައާރަފް ކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށާއި ވިޔަފާރިތަކަށް ފަސޭހަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފައިސާ ދައްކަން ފަސޭހަވާގޮތަށް އަލަށް ތައާރަފްކުރާ ނިޒާމުތަކަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ.

އަދި މިނިސްޓަރުވަނީ މި ޚިދުމަތް ތައާރަފް ކުރުމުން ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ވެސް އެތައް ގުނައެއް ފަސޭހަވާނެ ކަން ފާހަގަ ކުރައްވައިފައެވެ.

އެއާއެކު އޭނާ ވަނީ ވީޗެޓް ޕޭ ރާއްޖެއަށް ތައާރަފް ކޮށްދިންކަމަށް ޓަކައި ބީއެމްއެލަށް ޝުކުރު އަދައިކުރައްވައިފައެވެ.

އަދި މި ކަމުގެ ސަބަބުން މުޅި ބޯޑުގައި ޕޭމެންޓް އެފިޝަންސީ އިތުރުވާނެކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވެއިޝިން ޕޭ، ނުވަތަ ބައިނަލްއަޤްވާމީ މާކެޓްގެ އާންމު ނަމުން ނަމަ ވީޗެޓް ޕޭ ބޭންކުގެ ޕޮއިންޓް އޮފްސޭލް (ޕީއޯއެސް) ޓާމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭނެ ނިޒާމު ޤާއިމު ކޮށްފައިވަނީ މިއަދެވެ.

މިއާއެކު، ޗައިނާގެ މި އެޕުން ކިއުއާރު ކޯޑު މެދުވެރިކޮށް މިހާރު ވިޔަފާރިތަކަށް ފައިސާ ބަލައިގަނެވޭނެއެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި މާޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެވެ.