12 Jun 2012, 13:00
އިންޑިއާގައި ތައުލީމް ހާސިލް ކުރާ ދިވެހި ދަރިވަރުނަށްދޭ ވިސާގެ މުއްދަތު އެއް އަހަރުން ދެ އަހަރަށް އިންޑިއާ ސަރުކާރުން އިތުރުކޮށްދީފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ އިން ވިސާ އިތުކޮށްދިނުމަށް ހަމަޖައްސާފައި ވަނީ މި މަހު ފަސް ވަނަ ދުވަހުން ފެށިގެން ކަމަށާއި ނަމަވެސް ވިސާ އިތުރު ކޮށްދިނުމަށް ހަމަޖެހިފައި ވަނީ ވަކިއުސޫލެއްގެ މަތިން ވިސާ ނެގުމަށް ބޭނުންވާ ލިޔުންތަކަށް ބިނާކޮށް ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ކިޔަވާކުދިންގެ ވިސާ އަށް އެދޭ ފަރާތްތަކުން ތައުލީމު ހާސިލް ކުރަމުން އަންނަ ކޮލެޖެއް ނުވަތަ އެހެންވެސް އެފަދަ ތަނަކުން ދެ އަހަރު ދުވަހުގެ މުއްދަތަށް ވިސާ އިތުރުކުރުމަށް އެދި އިމިގްރޭޝަނަށް ލިއުން ހުށައަޅަން ޖެހޭނެ ކަމަށާއި އަދި އެކިޔަވާ ތަނަކުން ވަކިނުވުން ނުވަތަ ބަދަލު ނުކުރުމާއި އަދި މަދުވެގެން ދެ އަހަރު ބައިގެ މުއްދަތު އޮތް މުއްދަތު ހަމަނުވާ ޕާސްޕޯޓެއް ހުށަހަޅަން ޖެހޭ ކަމަށެވެ.
އަދި ބުނީ އެ ވިސާގެ ތެރޭގައި އާއިލާގެ މެންބަރުނަށް ދޫކުރާ ވިސާގެ މުއްދަތު ވެސް އެ ދަރިވަރަކަށް ދޫކުރާ މުއްދަތާ އެއްވަރަށް އިތުރުކޮށްދޭނެ ކަމަށާއި އަދި އެ ވިސާ އަށް މުއްދަތު ހަމަވުމުގެ ތިން މަސް ކުރިން ވިސާ އާ ކުރުމަށް އެދި ހުށައަޅަން ޖެހޭނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއަން ހައިކޮމިޝަނުން މިހާރު ދޫކުރާ ހުރިހާ ވިސާއަކީ ވެސް މަރުކަޒީ ވިސާއެއްގެ ތެރެއިން ހަމަޖެހިގެން ދޫކުރެވޭ ވިސާއެއް ކަމަށާއި އެހެންކަމުން ވިސާ ކެންސަލް ކުރުމާއި ވިސާގެ ބާވަތް ބަދަލުނުކުރެވޭނެ ކަމަށް އިންޑިއާ ސަރުކާރުން ބުނާ ކަމަށެވެ.