އުތީމުގައި ކުޑަ އަންހެންކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތަށް އެރަށު ކައުންސިލްގެ މެންމަބަރަކު ހައްޔަރުކޮށްފި އެވެ. ޖިންސީ ގޯނާގެ މި މައްސަލައާ ގުޅިގެން ކައުންސިލަރާއެކު އިތުރު ތިން މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފި އެވެ.

ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި 16 އަހަރުގެ ކުޑަ އަންހެންކުއްޖާއާ މެދު ބަދުއަޚްލާގީ އަމަލެއް ހިންގި ކަމަށް ތުހުމުވަގެން ހައްޔަރުކުރީ އުތީ ކައުންސިލް މެންބަރުންގެ ތެރެއިން އަބުދުއް ރަޝީދު މަންސޫރެވެ.

އުތީމު ކައުންސިލްގެ ރައީސް އަސްރާރު އާދަމް މިއަދު ވިދާޅުވީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީ މެމްބަރު އަބުދުއް ރަޝީދު މަންސޫރު މިދިއަ ހޮނިހިރު ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާ ހައްޔަރުކުރީ ކޮންހަލަ ތުހުމަތެއްގައި ކަން ކައުންސިލަށް އެނގިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ ހުކުރު ދުވަހު ކަމަށާއި ޖެހިގެން އައި ހޮނިހިރު ދުވަހުގެރޭ ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭ 17 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އެ އެންމެން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ބުންޏެވެ.

މި މައްސަލައިގައި ތުހުމަތަށް ކައުންސިލަރަކު ހައްޔަރު ކުރި އިރު މިހާރު ވެސް އުތުރާއި ދެކުނުން ދެރަށެއްގެ ދެ ކައުންސިލަރެއްގެ މައްޗަށް މިފަދަ ދެ މައްސަލައެއްގައި ތުހުމަތުކޮށް ތަހުގީގު ކުރަމުން އެބަދެ އެވެ.

އުތީމުގައި މި ހާދިސާ ހިންގި އިރު މީގެ އަހަރެއްހާ ދުވަސް ކުރިން އެ ރަށުގައި ދެމަފިރިއެއްގެ ގުޅުންތައް ވީޑިއޯކޮށް، ބެލި ކަމުގެ ތުހުމަތުގައި ވެސް ބަޔަކު ހައްޔަރު ކުރި އެވެ. ނަމަވެސް އެ މައްސަލައިގައި ތަފުސީލުތައް ފަހުން އާންމުކޮށްފައެއް ނުވެއެވެ.