13 May 2024, 10:28
މި މަހު ފަހުކޮޅު ހުވާ ކުރާ އާ މަޖިލީހާމެދު އުއްމީދު އެބައޮތް ކަމަށް، ފަސް ވަނަ ދައުރަށް މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވި، މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ސިޔާމްގެ އުފަން ރަށް ނ. ކުޑަފަރިއަށް ވަޑައިގެން "ސަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއޫއެއްގައި އެމްޑީއޭގެ ރައީސްކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވީ މަޖިލީހަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރާތަނެއް ކަމަށެވެ.
މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަންޖެހޭނީ އިގްތިސާދީ ގޮތުން ރަނގަޅު ވެއްޓެއް ބިނާ ކުރުމަށް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
"ކުރިއެކޭ ވެސް އެއްފަދައިން ރައްޔިތުންނަށް އެކަށީގެންވާ މަސައްކަތެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް މި މަޖިލީހުގައި ވެސް،" ސިޔާމް ވިދާޅުވިއެވެ.

އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު "ސަން" އަށް އިންޓަވިއޫ ދެއްވަނީ: ސިޔާމް ވިދާޅުވީ އާ މަޖިލީހާމެދު އުއްމީދު އެބައޮތް ކަމަށް-- ސަން ފޮޓޯ: އަމަން ލަތީފް
ސިޔާމް އިތުރަށް ވިދާޅުވީ ދިވެހީންނަކީ ވަރަށް ރަނގަޅު އަދި ހެޔޮވިސްނޭ ބައެއް ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރަން ކަމަށާއި އެކަން ކޮށްދިނުމުގައި ދެމި ހުންނަވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެންނަކީ ވެސް ދިރިއުޅުމުގެ ފެންވަރު މަތި ކުރުމަށް މަސައްކަތް ކުރާ ބައެއް ކޮންމެ ރައްޔިތަކީ ވެސް. އަޅުގަނޑުމެން ސިޔާސީ މީހުންގެ ބޭނުމަކީ ވެސް އެއީ. ރައްޔިތުންނަށް ބޭނުންވާ ކަންކަން އެންމެ ރަނގަޅު ގޮތުގައި ފުއްދައި ދިނުން," ސިޔާމް ވިދާޅުވިއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީއޭއަށް ގިނަ ވޯޓު ލިބުމުން ހާމަވަނީ، ޕާޓީން ކުރާ މަސައްކަތް ރައްޔިތުން ބަލައިގެންފައިވާކަން ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ކުޑަފަރިއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަނީ: ސިޔާމް ވިދާޅުވީ އާ މަޖިލީހާމެދު އުއްމީދު އެބައޮތް ކަމަށް-- ސަން ފޮޓޯ: އަމަން ލަތީފް
މަޖިލިސް އިންތިޚާބުގައި އެމްޑީއޭއިން ދ. މީދޫ ދާއިރާގެ އިތުރުން ދެން ކާމިޔާބު ކުރީ ނ. ވެލިދޫ ދާއިރާގެ ގޮނޑިއެވެ. މީދޫ ދާއިރާގެ ގޮނޑި ސިޔާމް ކާމިޔާބު ކުރެއްވީ މި އިންތިޚާބުގައި ދެވަނައަށް އެންމެ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުގެ ގޮތުގައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖައިން ދައްކާ ގޮތުގައި ސިޔާމަށް ވަނީ 2156 ވޯޓުގެ ތެރެއިން 1558 ވޯޓު ލިބިފައެވެ. އެއީ ވޯޓުލީ މީހުންގެ 73.73 ޕަސެންޓް ވޯޓެވެ.
އާ މަޖިލީސް ހުވާ ކުރާނީ މި މަހު 28 ގައެވެ. ޕީއެންސީގެ ޓިކެޓްގައި 66 މެންބަރުން އިންތިޚާބުވިއިރު މިނިވަން މެންބަރުންގެ ތެރެއިން އެ ޕާޓީއަށް ގުޅުނު ހަތް މެންބަރުންނާއެކު މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރާނެ ޖުމުލަ މެންބަރުންގެ އަދަދަކީ 73 އެކެވެ. މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 93އެކެވެ.