13 May 2024, 08:58
"ދުނިޔެއިން ކުރެވޭނެ އެންމެ އުފާވެރި އެއް އިހުސާސްއަކީީ ތިބާގެ ސަބަބުން އެހެން ފަރާތަކަށް ހިނިތުންވުމެއް ނޫނީ އުފަލެއް ލިބުމެވެ."
***
" ތޭންކްސް....." އުރުޖުވާން ގެ ހިތުގައިވެސް އޮތީ ހަމަ އެ ލަފްޒު ކަން ބުނަން ބޭނުން ވި ނަމަވެސް މާޒިމް ގެ ހިތް ތަޅުވާލަން ބޭނުންވިއެވެ. އެވަގުތު ބޯކޮށް ސްނޯ ވެހިގަތުމާއެކު މުޅި ތަނަށް އަލި އެޅުގެން ދިޔައީ ވިދާލުމުންނެވެ. އަދި އެޔާ އެކު ގުގުރުވެސް ޖެހިއެވެ. އުރުޖުވާން އަށް މާޒިމް ގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ.
"ކޮބާ.....ޖަވާބަކީ؟" މާޒިމް އަދިވެސް ބޭނުންވީ އުރުޖުވާން ގެ ފަރާތުން ޖަވާބެކެވެ. އުރުޖުވާން ގެ ހިތުގައި އޮތް ގޮތް ޔަގީންކުރަން ބޭނުންވިއެވެ.
" ސުވާލެއް ނުކުރަމެއްނު....."މަޖާ ވެފައި ބުނެލި ނަމަވެސް ބާރަށް ގުގުރާތީ އޭނަ ހުރީ ބިރުގެންފައެވެ.
***
މަދިނާ ނަމާދުކުރާތަން ފެނުމުން އުވެއިސް ގެ ހިތަށް ގޮތް ނޭނގޭ ކަހަލަ ބާރެއް ވަނެވެ. އަވަހަށް އެތަނުން ދޫކޮށް ދާން ނިންމީ މުޝްރިކާ ނޫނީ ރޮތްސްވިލްގެ ފާރަވެރިއަކު އުޅެނީ ބާވައޭ ހިތަށް އަރާފައެވެ. ޚުޝޫއަތްތެރިކަމާއެކު ނަމާދުކުރަން މަދީނާއަށް އުނދަގޫ ވިއެވެ. މީހަކު ފަހަތުގައި ބަލަހައްޓައިގެން ހުންނަހެން ހީވިއެވެ. ސުޖޫދުގައި އޮތްއިރުވެސް އެތައް ޓަނެއްގެ ބަރެއް ބޮލަށް އަރާފައިވާކަން އިހުސާސްކުރެވުނެވެ. ނަމާދުގެ ރުކުންތައް ވެސް ހަމަ ވިކަމުގެ ޔަގީންކަމެއް ނެތި ނަމާދު ނިންމައިލެވުނު އިރު ވަގުތުން ބޭނުންވީ މުސައްލަ މަތިން ތެދުވުމަށެވެ. ބޯ އަނބުރައިގަންނަ ގޮތްވެފައި ހުރުމުން އަރާމްކޮށްލަންވެގެން އެނދުގައި އޮށޯވެލުމާއެކު ލޯ މެރޭގޮތްވިއެވެ. އުވެއިސް ގެ ގޯނާއެއް ކަމަށް ހީވެ ރުޅިވެސް ގަދަވިއެވެ. އެހެން އޮތްވާ ބޮލުގެ ރިހުން ގަދަވާން ފެށުމުން މިއީ ޖިންނި އަކާއި ރައްޓެހިކަން ބޭއްވުމުން ވާ ކަންތައްތައް ކަމުގައި ހީކުރެވުނެވެ. ދެރައެއް ނުދޭނޭކަމަށް ބުނި ކަމުގައި ވިޔަސް އުވައިސް އަކީ ދޮގުވެރިޔެއްކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ލޯ ފުސް ވަމުން ދިޔަ ވަގުތު ދިގު ބޯ ފަން އިސްތަށިގަނޑެއްވެރި އަންހެން ސޫރައެއް ފެންނާންފެށިއެވެ. އެއީ ކުރިންވެސް މަދީނާ އަށް ފެނުނު މަންޒަރަކާއި ވައްތަރުވިއެވެ. ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް އަނގައިން އެއްޗެއް ބުނެ ނުލެވުނެވެ. ހީވީ ދުލުގައިވެސް މީހަކު ހިފައި ބާރުކޮށްލައިގެން ހުރި ހެންނެވެ. ލޮލުގެ ފެނުން ފުސް ވެ އެސްފިޔަ ޖަހާލަން ބޭނުންވިޔަސް އެ ހަރަކާތެއް ވެސް ކުރާނެ ހިތްވަރެއް ގައިގައި ނެތެވެ. އެއާއެކު ފެނުނީ ގަޔާ ދިމާލަށް ބާރަށް އެއްޗެއް އުދުހިފައި އަންނަތަނެވެ. އަދި ކަންފަތް ކައިރީ ގޮވާލި އަޑު އެއީ މަދީނާ އަށް ބީރައްޓެހި އަޑެއް ނޫނެވެ. މަދީނާ.....ދަރިފުޅާ....މަންމަ ދެކިލަން ނާންނާނަންތަ؟" ނަބިލާގެ އަޑުން ވާހަކަ ދެއްކީ އީވޯން އެވެ. އެ އަޑަށް ފަހު އިވުނީ ބާރު ހުނުމެއްގެ އަޑެވެ. އެއާއެކު ލޮލަށް އަނދިރިކަން ވެރިވެ އޭނަގެ ޚަބަރު ހުސްވިއެވެ.
"މަދީނާ......މަދީނާ....." ކެނާން ވަރަށް ކަންބޮޑުވެފައިހުރެ ކޮއްކޮގެ އަތުގައި ހިފާ ތަޅުވަންފެށިއެވެ. އަހްމަދުވެސް ހުރީ ހާސްވެ ގޮތް ހުސްވެފައި ކަހަލަ ގޮތަކަށެވެ. މޫނަށް ފެން އެޅުމުންވެސް މަދީނާ ހަރަކާތެއް ނުކުރެއެވެ. މަދީނާގެ މުޅި ހަށިގަނޑުވެސް އަލިފާންގަނޑެއް ހާ ހޫނެވެ.
"ހާދަ ހުން ގަދަ ވެފަ.....މަދީނާ އަނެއްކަ ފިޓް ޖެހުނީ ތަ؟މިހާ ހުން ގަދަވެފަ ހުރި ކަމެއް ނުވެސް އެނގޭ.....ބޭރުގަވެސް ހުރެފަ ދޯ އެއީ..." އަހްމަދަށް ބުނެލެވުނެވެ. ކެނާން އަށް އެވަގުތު ވިސްނުނީ މަދީނާ އެއިރު މީހަކު ފެނިގެން ދެއްކި ވާހަކައެވެ. މަދީނާ އަށް މިވާ ކަމަކީ އާދަޔާ ޚިލާފް ކަމެއްކަން ހިތް ބުނަމުން ދިޔައެވެ. ކެނާން ވަގުތުން ފެން ތަށްޓެއް ގެނެސް ފާތިހާ ސޫރަތް ކިޔަވައި މަދީނާ ގެ މޫނަށް ފެން ބުރުއްސައިލުމާއެކު އަނގައިން ނެރެލީ ވޭނީ އާހެކެވެ. އެއާއެކު ލޯ ހުޅުވާލިއެވެ. ފުން ނިންޖެއްގައި އޮވެފައި މީހަކު ލޯ ހުޅުވާނޭ ފަދައިންނެވެ.
" ކުޑަބެ....ކިހިނެއްވީ؟" މަދީނާ ގެ ހަނދާނުގައި އެހިނގި ހާދިސާގެ އެއްވެސް ކަމެއް ނެތް ފަދައެވެ. ހިވީ ނިދިން ހޭލައްވަން ކެނާން ފެން ބުރުވާލީ ކަމަށެވެ. އަހްމަދު ހައިރާންވެފައި ހުރީ ކެނާން ކުރި ކަންތައް ފެނިއެވެ. އަހްމަދަށް އެއީ އާ ކަމެކެވެ. ނަމަވެސް މަދީނާ ކުރިމަތިގައި އެ ސުވާލު ނުކުރުމަށް ހިތް ބުނަމުން ދިޔައެވެ.
" ކާން ނައީމަ.....ކާން ހަދާފަ މަދީނާ ތިއޮތީ ނިދަން ވިއްޔާ...." ކެނާން ވެސް ކަންވީގޮތް ސިއްރުކުރިއެވެ. މަދީނާއާއި ސުވާލުކުރުމަށް ވުރެ ނޭހުން ބުއްދިވެރިކަމަށް ނިންމިއެވެ. އަދި އުބެއިދަށް ގުޅައި ރުޤްޔާ ކަންތައް ހަމަޖައްސަން ހިތުގައި ކަނޑައެޅިއެވެ. މަދީނާ އަށް ވަމުން އަންނަ ގޮތަކީ އާދަޔާ ޚިލާފް ކަމެއްކަން ކެނާން އަށް މިހާރު ޔަގީންވެއްޖެއެވެ.
ކެއުމުގެ ކަންތައް ކުރިޔަށް ދިޔަ ވަގުތުވެސް މަދީނާގެ މިޒާޖުގައި ތަފާތު ކަމެއް ނެތެވެ. ހަމަ ކުރިން އެހުންނަ ލާނެތް މިޒާޖެވެ. ހިނދުކޮޅެއް ކުރީން ހުރި ގަދަ ހުންގަނޑު ވެސް ނެތެވެ. ނެތެވެ. އެކަމަކު ހަގީގަތުގައި އެކުއްޖާގެ ހަށިގަނޑު ތެރޭގައި ފިލާ އިނީ އީވޮންއެވެ. މަދީނާ ގެ މިޒާޖު މިހާރު ކޮންޓްރޯލް ކުރަމުން ދަނީ އީވޯން އެވެ. އީވޮން ގެ ބާރު ދޫކޮށްލަން ޖެހުނީ އެވަގުތު ކެނާން ކިޔެވުމުންނެވެ.
***
" މިއަދު ރާޤީ އަކަށް ނާދެވޭނެ އޯ ބުނީ......މާދަން ހެނދުނަށް އާދެވޭނީ..." މީކާއިލް ބުނިގޮތުން ރާޤީ ވެސް ހުރީ ތަންކޮޅެއް ދުރު ހިސާބެއްގައި ކަމުން މިއަދު އާދެވޭ ގޮތެއް ނުވީއެވެ. ނަމަވެސް ކިޔަވަން ދީފައި ހުރި ތަކެތި ފޮނުވާފައި ހުއްޓެވެ. ފެން ފުޅިޔަކަށް ޤުރުއާންގެ އާޔަތްތައް ކިޔަވައި އެ ބޯން ދިނުމަށް އޭނަ އިރުޝާދުދިނެވެ. މެހެކް އާއި މީކާއިލް ވެސް މިރޭ އެގޭގައި މަޑު ކުރުމަށް ގަސްތުކުރިއެވެ. އެއީ ނަބީލާ އަށް އެހީތެރިވެ މައިތިރިކުރަން މެހެކްއަށް ބޮޑަށް އެނގޭނޭތީއެވެ.
" އޭނަޔަކަށް ނުވާނެ.....ދުނިޔޭގެ އެންމެ މޮޅު ރާޤީ ގެނެޔަސް އަހަރެން ބަލި ނުކޮށްލެވޭނެ....." ނަބީލާ ވާހަކަ ދެއްކި ބަރު އަޑަކުންނެވެ. އެވަގުތު މެހެކް އަވަސް ވެގަތީ ޤުރުއާން ޖެހުމަށެވެ. ނަބިލާ ތެޅި ފޮޅޭތަން ފެނުނަސް މެހެކް ބިރެއް ނުގަނެއެވެ. އެސައިލަމްގާ މީހުން އުޅޭ ގޮތް ފެނި މެހެކް ހުންނަނީ އެކަމަށް ހޭނިފައެވެ.
" މާ ނޫން ކަމަށް ހެދިގެން ހުޝަލް އަތުގަ އަޅުވަން ދޯ އައީ....ކަލޭ ތިހެން އުޅެނީ މީހުން ލޮލުގައި އަނދުން އަޅުވަން...ރޭގަނޑުވުމުން ދަނީ ޑިސްކޯ އަށް..." ނަބީލާ ދޮގުހަދަމުން ދިޔައީ މެހެކް ގެ ފަރާތުން ކޮންމެވެސް ކަހަލަ ނުރުހުންތެރިކަމަކަށް އެދެމުންނެވެ. ބޭނުންވީ ތަނުގެ މަސްލަހަތު ނަގާލާ ކަހަލަ ވާހަކަ ދެއްކުމަށެވެ. މިކާއިލް ގެ އަތް މުށްކަވާލެވުނީ އެ ވާހަކަ އަޑު އިވުމުންނެވެ. އެއީ ހަގީގަތުގައި ނަބީލާ ގައިތެރޭގައި ހުރި ޖިންނީގެ ވާހަކަކަން ޚުޝަލްއަށްވެސް އެނގުނެވެ. ނަމަވެސް އެއީ ހިތަށް އުނދަގޫ ކުރުވި ލަފުޒުތަކެކެވެ.
***
މާޒިމް އަށް ސިއްސައިގެންގޮސް ހޭލެވުނެވެ. އުރުޖުވާން އޮތީ އަރާމު ކޮށް ނިދާލާފައެވެ. މޫނުމަތިން ފެންނަނީ މައުސޫމްކަމެވެ. ނަމަވެސް މާޒިމް ގެ ހިތަށް ވެރިކުރުވީ ނުތަނަވަސްކަމެކެވެ. އެނދުގެ ސައިޑްޓޭބަލް މަތީގައި ހުރި ފެން ތަށީން ކޯވަރެއް ބޯލުމަށް ފަހު ހިތް ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ. މަންމަގެ މަތިން ހަނދާން ވަނީއެވެ. ހޭލެވުނީވެސް ނަބީލާގެ ހުވަފެެނަކުންނެވެ. ނަބީލާ މޫދަށް ގެނބޭ މަންޒަރެވެ.
"މާޒް..." އުރުޖުވާން އަށް ހޭލެވިގެން މާޒިމްގެ އަތުގައި ހިފައިލިއެވެ. އެއާއެކު މާޒިމް އަށް ނޭގި އުރުޖުވަން އަތް ފޮޅާލެވުނެވެ.
"ސޮރީ...." ވަގުތުން މާފަށް ވެސް އެދެވުނެވެ.
"ކިހިނެއްވީ ތިހާ ބިރުގެންފަ؟ ހުވަފެނެއް ފެނުނީތަ؟" އުރުޖުވާން ކަންބޮޑުވިއެވެ.
" މަންމަ.....ސަބީބީ ވެސް ބުންޏެއް ނު މަންމަ ދުނިޔޭގައި އެބަހުއްޓޭ......މަންމަ ހަގީގަތުގައިވެސް މަރެއް ނުވޭ.....އަހަންނަށް ވަރަށް ޔަގީން..." މާޒިމް ހިއްސާކުރިއެވެ.
" މާމަ ކިޔައިދިން އެކަމަކު ނުބުނޭ ކިހިނެއް ކަމެއް..." އުރުޖުވާން ވިސްނާލާފައި ބުނެލިއެވެ.
" އުރޫޖް ބޭނުމެއް ނުވޭތަ އުރޫޖް ގެ މަންމަ އެއީ ކާކުކަން ބެލުމަށް؟" މާޒިމް ސުވާލު އަމާޒު ކުރީ ވަރަށް ހުޝިޔާރުކަމާއެކުއެވެ. އުރުޖުވާން އަށް ހުރެވުނީ ޝޮކެއްގައެވެ. އެއީ އެންމެ ދައްކަން ބޭނުން ނުވާ ވާހަކަ ވެސް މެއެވެ.
" އުރޫޖް ގެ ހަޔާތުގަ މަންމަވެސް ބައްޕަ ވެސް ނެތި ބޮޑު ކުރީ މާމަ.....މަންމަ ނިޔާވެފަ ކަން އެނގޭ...ދުޢާވެސް ކުރަން މަންމަ އާއި ބައްޕައަށްޓަކައި...އެކަމަކު ނޭނގޭ އެންމެ ޅަ އިރުގައިވެސް އެއީ ކޮންބައެއްކަން ބެލުމަށްވެސް ބޭނުމެއް ނުވި......މެއިބީ އައިމް ޓޫ ސްކެއަޑް ޓު..." ދެ އަތް ދެއަތާ މޮޑެމުން އުރުޖުވާން ވާހަކަ ދެއްކިއެވެ.
"ކޮންކަމަކާ ބިރުގަންނަނީ؟" މާޒިމް ހުރީ އެނގެން ބޭނުންވެފައެވެ.
" ދެޓް މައި ހާޓް މައިޓް ވޯންޓް ދެމް.....އަލްޙަމްދުލިއްﷲ އުރޫޖް އަށް ދުވަހަކުވެސް ޕޭރެންޓްސް ނެތް ކަމުގެ އިހުސާސެއް ނުކުރުވޭ...މާމަ އެހާ ވެސް ފުރިހަމަ ކޮށްދިން ކަންތައްތައް....އުރޫޖް ގެ ހިތް މަންމަ އާއި ބައްޕަ ހޯދުމަށް ވިސްނައިފިއްޔާ މާޔޫސް ވެ ބަލިކަށިވާނެ...ދުނިޔޭގައި އެތައް ކުދިން ތަކެއް ތިބެނީ ހަމަ މަ ހާލުގަ....އެކުދިން ބަލާނެ މާމަ އެއްވެސް ނުތިބެ އެއްނު،،،އުރޫޖް ވިއްޔަ ކިހާ ލަކީ..." އުރުޖުވަން ގެ ލޯ ފުރިފައިވީ ކަރުނުންނެވެ.
ނުނިމޭ