12 Jun 2012, 12:30
ގާނޫނޫ އަސާސީގެ 241 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީގައި އެމްޑީޕީ ތަމްސީލު ކުރަމުން ދިޔަ މެންބަރުންގެ ތެރެއިން ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެމްޑީޕީން ވަކިވެވަޑަގަތުމާ ގުޅިގެން، އެ ކޮމެޓީ އަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ހަމަޖައްސަވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އަލްހާން އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން ދެ ކޮމެޓީއަކަށް ބަދަލު ގެނައުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން 241 ކޮމެޓީ އަށް އަލްހާންގެ ބަދަލުގައި އަލީ ވަހީދު ހަމަޖައްސަވާފައިވާ އިރު، ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ ތެރެއިން އަލްހާންގެ ބަދަލުގައި އެ ކޮމެޓީ އަށް ހަމަޖެއްސީ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒެވެ.
އެމްޑީޕީގައި އަލްހާން ހުންނެވި އިރު، އޭނާ ވަނީ ވެރިކަން ބަދަލުވި ގޮތް ބެލުމަށް 241 ކޮމެޓީ އަށް މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް 241 ކޮމެޓީގައި އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެމްޑީޕީ އަލްހާނަކަށް ފުރުސަތެއް ނުދީ ކޮމެޓީ ހުއްޓުވާފައިވެ އެވެ.
އަލްހާން ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުވީ ބޮލުގައި ބަޑި ޖައްސާއިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވާތީ އަނެއްކާ ވެސް އެ މައްސަލަ އެ ކޮމެޓީ އަށް ހުށަހަޅުއްވާނެ ކަމަށެވެ.