ކުޑަކުދިން މެރުމާއި ހަނގުރާމަތަކުގައި ކުޑަކުދިން ބައިވެރިކުރުމާއި އެ ކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ޖަރީމާތައް ހިންގާ ސަރުކާރުތަކާއި ހަތިޔާރު އެޅި ޖަމާއަތްތައް ހިމެނޭ ލިސްޓްގައި ސޫރިޔާގެ ނަން އދ. އިން ފުރަތަމަ ފަހަރަށް ހިމަނައިފި އެވެ.

ސަރުކާރުތަކާއި ހަތިޔާރު އެޅި ޖަމާއަތްތައްް ހިމެނޭ ގޮތުން 52 ނަން ހިމެނޭ އެ ލިސްޓް އދ. އިން އިއްޔެ އާއްމު ކުރި އިރު ލިސްޓްގައި ސޫރިޔާ ސަރުކާރުގެ އިތުރުން އެ ސަރުކާރަށް ތާއީދުކުރާ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަަަމަށްވާ ސަބީހާ ވެސް ވަނީ ހިމަނާފަ އެވެ.

އދ. އިން އިއްޔެ އާއްމު ކުރި 52 ގައުމުގެ ލިސްޓް ހިމެނޭ ރިޕޯޓްފައި ބުނެފައި ވަނީ ސޫރިޔާގައި ހިންގާ ގަތުލުކުރުންތަކާއި ހައްޔަރު ކުރުމާއި ޖިންސީ އަނިޔާ ކުރުމާއި އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުން ކުރުމުގެ ޖަރީމާތަކުގެ ޝިކާރައަކަށް އުމުރުން އެންމެ ނުވަ އަހަރުގެ ހަގު ކުދިން ވެސް ވަމުންދާ ކަމަށެވެ.

\"ރެކޯޑްކުރެވިފައިވާ ގާތްގަނޑަކަށް ހަމަ ހުރިހާ ހާދިސާއެއްގައި ވެސް ސޫރިޔާ ސަރުކާރުގެ ސިފައިންނާއި ޖާސޫސީ ލަޝްކަރުތަކާއި ސަބީހާ ހަނގުރާމަވެރިންގެ އޮޕަރޭޝަންތަކުގެ ޝިކާރައަކަށްވީ މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނެ އެވެ.\" އދ.ގެ ރިޕޯޓްގައިވެ އެވެ.

ހަނގުރާމަތަކާއި ކުޑަކުދިންނާ ހުރި ގުޅުމާ ބެހޭ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން މިދިޔަ އަހަރު ނެރުއްވި ރިޕޯޓްގައި ދާއިމީ ގޮތެއްގައި ކުޑަކުދިންނާ ދެކޮޅަށް ޖަރީމާ ހިންގާ 32 ފަރާތެއް ފާހަގަކުރައްވާފައިވާ އިރު އެ ފަރާތްތަކަކީ ފާއިތުވި ފަސް އަހަރު ދުވަހު ވެސް އެލިސްޓްގައި އޮތް ފަރާތްތަކެވެ. އެ ފަރާތްތަކުގެ ތެރޭގައި ހަތް ގައުމެއްގެ ސަލާމަތީ ބާރުތައް ހިމެނެ އެވެ. މިދިޔަ އަހަރުގެ ލިސްޓްގައި 32 ފަރާތް ހިމެނިފައިވާ އިރު އެއީ އޭގެ ކުރީ އަހަރަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.

ކުޑަކުދިންނާ ދެކޮޅަށް ޖަރީމާ ހިންގާ ފަރާތްތައް މިހާ ގިނަވެފައި ވާތީ ބާންކީމޫން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ބާން ވިދާޅުވެފައިވާ ގޮތުގައި ސޫރިޔާގައި ކުޑަކުދިންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ކަމުގެ ރިޕޯޓްތައް، މިދިޔަ އަހަރު ސޫރިޔާ ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން މުޒާހަރާތައް ފެށީއްސުރެ އދ. އަށް އަންނަނީ ލިބެމުންނެވެ.

އދ.ގެ ރިޕޯޓްގައި ސޫރިޔާ ސިފައިންގެ ތެރޭގައި ކުރިން މަސައްކަތްކޮށްފައިވާ މީހަކާ ހަވާލާދީ ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަލް ކަލަޚުގައި އޮތް މުޒާހަރާއެއް ރޫޅާލުމުގެ ތެރޭގައި، ކޮމާންޑަރެއްގެ އުމުރުން 10 އަހަރާއި 13 އަހަރުގެ ތިން އަންހެން ކުދިންގެ ގަޔަށް ބަޑިޖަހައި މަރާލި ކަމަށެވެ. އަދި ސޫރިޔާގެ އިންޓެލިޖެންސް ފޯސްގެ ކުރީގެ މެމްބަރަކާ ހަވާލާދީ އެ ރިޕޯޓްގައި ބުނެފައި ވަނީ އަލެއްޕޯގެ ސެކަންޑްރީ ސްކޫލެއްގެ ތެރޭގައި ފަސްކުދިން މަރާލި މަންޒަރު އޭނާއަށް ވަނީ ފެނިފަ އެވެ.

އދ.ގެ ރިޕޯޓަށް ހެކިބަސްދިން ފަރާތްތަކުން ސަބީހާ ހަނގުރާމަވެރިން ހިންގާފައިވާ ތިން ޖަރީމާއެއް ވަނީ ކިޔައިދީފަ އެވެ. އެގޮތުން މި އަހަރުގެ މާޗް މަހުގެ ނުވަ ވަނަ ދުވަހު އެމީހުން ސޫރިޔާގެ އިދްލީބް ޕްރޮވިންސްގެ އައިނުލް އަރޫސް ނަަމަކަށް ކިޔާ އަވަށަށް ދިން ހަމަލާގައި އުމުރުން އަށް އަހަރާ 13 އަހަރާ ދެމެދުގެ އެތައް ކުދިންނެއް އެކުދިންގެ ގެއިން ގަދަކަމުން ނެރެގެން ގެންދިޔަ އެވެ. އަދި ހަނގުރާމަވެރިން ދަތުރުކުރާ ބަސްތަކުގެ ކުޑަދޮރުތައް ކައިރީގައި އައްޑަނައެއްގެ ގޮތުގައި އެކުދިން ބޭތިއްބި އެވެ.

އދ.ގެ ރިޕޯޓްގައި ހިމެނޭ އެހެން ގައުމުތަކުގެ ތެރޭގައި އަފުޣާނިސްތާނާއި ސޯމާލިޔާއާއި އިރާގާއި އައިވަރީ ކޯސްޓް ހިމެނެ އެވެ. ( އެސޯސިއޭޓެޑް ޕްރެސް)