ރާއްޖެއަށް ގަތަރުން ފޯރުކޮށްދޭ އިޤްތިސާދީ އެހީތެރިކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ޤައުމަށް ޝުކުރު އަދައިކުރައްވައިފިއެވެ.

މިހާރު ޤަތަރަށް ކުރައްވަމުން ގެންދަވައި ދަތުރު ފުޅުގައި މިނިސްޓަރު ވަނީ އެ ޤައުމުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު އައްޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ ބައްދަލުކުރެއްވިއެެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖެއާއި ގަތަރުގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަދައްކަވައި، އިޤްތިސާދީ ތަރައްޤީއަށް އެ ޤައުމުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފައެވެ.

އަދި އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ދެ ބޭފުޅުން ވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.

އިތުރަށް މިނިސްޓަރު ވަނީ ޣައްޒާގެ ދަތިކަމާ ގުޅޭ މެދުވެރިކަމުގެ މަރުހަލާގައި ގަތަރުން އަދާކުރާ ދައުރުގެ އަގު ވަޒަން ވެސް ކުރައްވައިފައެވެ.

އަދި ދުނިޔޭގެ ކަންބޮޑުވުން ހުރި ކަންކަމާ ގުޅޭ މަލްޓިލޭޓަރަލް ފޯރަމްތަކުގައި މަޝްވަރާ ކޮށްގެން ކަންކަަން ހައްލު ކުރެއްވުމާ މެދު ވެސް ދެ ވަޒީރުން މަޝްވަރާ ކުރައްވައިފައިވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރާއެކު ބައިލެޓަރަލްގެ ސެކްރެޓަރީ ޑރ ހާލާ ހަމީދާއި އެމްބެސެޑަރު އެޓް ލާޖް ޑރ. ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓަރު ލަމްހާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.