12 May 2024, 15:53
ކޮންމެ އަހަރެއްގެ ވެސް ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީން މި އަހަރު ކުރިއަށް ގެންދިޔަ އަތު ލިޔުމުގެ މުބާރާތަށް މި އަހަރު ވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ އެކެޑަމީން މިއަދު ބުނެފިއެވެ.
އެ އެކެޑަމީން ބުނީ މި މުބާރާތަކީ ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ހިންގާ މުބާރާތެއް ކަމަށެވެ.
އެގޮތުން 2022 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ބައިވެރިވުމަށް އޮންލައިންކޮށް ހުޅުވާލާ ކަމަށް އެ އެކެޑަމީން ވަނީ ބުނެފައެވެ. އަދި މި މުބާރާތަށް އަތޮޅު ތެރެއިން ލިބޭ ތަރުހީބު ބޮޑުކަން ވެސް އެ އެކެޑަމީން ފާހަގަ ކޮށްފައިވެއެވެ.
މި އަހަރުގެ އަތުލިޔުމުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވީ ދެ ކެޓަގަރީއަކަށް ބަހައިލައިގެންނެވެ. އެއީ ރީތިކޮށް ތާނަ ލިޔުމުގެ ބަޔާއި އަވަސް ތާނަ ލިޔުމުގެ ބައެވެ.
މި އަހަރު މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވި އިރު 73 އިދާރާއަކުން މުބާރާތުގައި ބައިވެރިވާން އެދިފައިވެއެވެ. އަދި ޖުމުލަ 363 ފަރާތުން ބައިވެރިވެފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ
19 ކައުންސިލެއް
- 29 ސްކޫލެއް
- 7 މިނިސްޓްރީއެއް
- 5 ހޮސްޕިޓަލެއް
- އެހެނިހެން 13 އިދާރާއެއް
މި މުބާރާތުގެ ނަތީޖާ ފާޅުކުރަން ޚާއްސަ ރަސްމިއްޔާތެއް އޮންނަ އިރު މި މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެންމެ ރީތި 10 ލިޔުން ހޮވުމަށް ހަމަޖެހިފައި ވެއެވެ.
އަދި އެއިން ކޮންމެ ލިޔުމަކަށް ދޭން ހަމަޖެހިފައި ވަނީ 500 ރުފިޔާގެ ފައިސާގެ އިނާމާއި ތަށްޓާއި ސެޓްފިކެޓް ކަމަށް އެ އެކެޑަމީން ބުނެއެވެ.
އަދި އެއްވަނަ އޮފީހަށް ތަށްޓާއި ސެޓްފިކެޓާއި އިނާމު ދޭއިރު، ދެވަނަ އަދި ތިންވަނަ އޮފީހަށް ސެޓްފިކެޓާއި އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބާއްވަނީ ދިވެހިބަހާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމަށާއި ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ މަގުސަދުގައި ކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުނެއެވެ.