12 Jun 2012, 12:00
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ ޣައިރު ގާނޫނީ ކަންތައްތައް ތަހުގީގުކޮށް، އެ މަނިކުފާނާމެދު ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހެޅި ގަރާރާއެކު މަޖިލީހުގެ ތަޅުން ހޫނުވެ، މެންބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ވަރުގަދައަށް ރައްދުކޮށްފި އެވެ.
ރައީސް ނަޝީދާ ދެކޮޅަށް މަޖިލީހަށް މިއަދު ގަރާރު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރެވެ. ނަޝީދު ވެރިކަމުން ދުރަށް ވަޑައިގެންނެވި ފަހުން، އެމަނިކުފާނާ ދެކޮޅަށް މަޖިލީހަށް ވެއްދި ފުރަތަމަ ގަރާރު، ޖާބިރު ހުށަހަޅުއްވަމުން ދަނިކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ މަޖިލީހުގެ ކޯރަމް ގެއްލުވާލާފަ އެވެ. އަދި މަޖިލީހުގެ ކޯރަމް ހަމަވުމާއެކު ގަރާރު ހުށަހެޅުއްވުމަށް ހުރަސްއެޅުއްވުމުގެ ގޮތުން އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ މައްސަލަތަކެއް ނަންގަވާއި މަޖިލިސް ހަލަބޮލިކޮށްލާފަ އެވެ. އެ ހަލަބޮލި ކަމުގެ ތެރޭގައި ޖާބިރު ވަނީ ގަރާރު ހުށަހެޅުއްވާފަ އެވެ.
ޖާބިރު ވިދާޅުވީ އަދުލުއިންސާފު ގާއިމްކުރުމުގެ ބާރަށް ރައީސް ނަޝީދު ބިރުދައްކައި ނުފޫޒު ފޯރުވާފައިވާ ކަމަށާއި ސުޕްރީމް ކޯޓް ބަންދުކޮށް ތަޅުއެޅުވުމާއި ކޯޓްތަކުން ކޮށްފައިވާ އަމުރުތަކަށް ބޯނުލަނބައި، ކޯޓުތަކާ ދެކޮޅަށް ސަލާމަތީ ބާރުތައް ބޭނުންކޮށްގެން ޣައިރު ގާނޫނީ އަމުރުކުރުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސުލްޖުހޫރިއްޔާގެ ހައިސިއްޔަތުން ސިފައިންގެ އެންމެމަތީ ވެރިޔާކަމުގެ މަގާމުގައި ނަޝީދު ހުންނަވައި ގާނޫނާ ހިލާފަށް މަޖިލިހުގެ ބައެއް މެންބަރުން ހައްޔަރުކުރުމާއި ގާނޫނީ ރައްކާތެރިކަމުން ނަގާލަން އެމަނިކުފާނު އަމުރުކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާ ގާނޫނާ ހިލާފަށް ބޭނުންކުރުމާއި ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ ހަމަ ހަމަ ކަމާއި ހަމަޖެހުން ނައްތާލައި ވަކިބަޔަކަށް އަދި ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދީ އެފަރާތްތަކަށް ފައިދާ ހުރި ގޮތަށް ކަންކަންކޮށް ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ނަފުރަތު އުފެދުމަށް މަސައްކަތްކުރި ކަމަށެވެ.
ގަރާރުގެ ބަހުސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވަނީ ރައީސް ނަޝީދުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އެ މެންބަރުން ވިދާޅުވީ މިހާރުގެ ސަރުކާރުން ވެސް އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވެސް ގާނޫނާ ހިލާފު އެތައް ކަމެއްކޮށްފައިވާ ކަމަށެވެ. އަދި މައުމޫން ކުރެއްވި އަމުރުފުޅުތަކުގެ ސަބަބުން އަނިޔާ ލިބުނު ރައްޔިތުންނަށް އަދިވެސް އިންސާފު ނުލިބޭ ކަމަށް އެ މެންބަރުން ގޮވާލެއްވި އެވެ.
ސަރުކާރާ ބައިޔަތު ހިފާފައިވާ ޕާޓީތަކުގެ މެންބަރުން ރައީސް ނަޝީދާ ދެކޮޅަށް އެތައް ވާހަކަތަކެއް ދެއްކެވި އެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވި ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ދުވަހު ގާނޫނާ ހިލާފު ކަމެއް ކުރައްވާފައިވާ ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އަމިއްލަ ޕާޓީގެ މެންބަރުންނަށް ފައިދާވާ ގޮތަށް ދައުލަތުގެ މުދަލާއި ފައިސާ ހަރަދު ކުރުމާއި ސިޔާސީ ބޭފުޅުން ހައްޔަރުކޮށް، އަނިޔާ ދީފައިވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ނަޝީދުގެ ވެރިކަމާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. ވުމާއެކު ނާޝީދު ހިންގެވި ގާނޫނާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށް މަޖިލީހުން މަސައްކަތް ކުރައްވަންޖެހޭނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ ތެރެއިން ދެ އަތޮޅު ކައުންސިލްތައް ބަންދުކޮށް، ކައުންސިލްތަކަށް ހުރަސްއަޅާފައިވާ ކަމަށެވެ. އަދި ގާނޫނުގެ ދަށުން އުފައްދާފައިވާ އެމްބީސީ ހިންގުމަށް ހުރަސްއަޅާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ރައީސް ނަޝީދާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރަކީ އެމަނިކުފާނާ ދެކޮޅަށް ހުށަހަޅުއްވާ ތިން ވަނަ ގަރާރެވެ. އެގޮތުން ރައީސް ނަޝީދު ވެރިކަމުގައި އެމަނިކުފާނު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެއްގައި \\\"ސޫލާ ޝިރާބް\\\" ހިއްޕެވި ކަމަށް ބުނެ އިންޑިއާގެ ނޫސްތަކުގައި ޖެހި ޚަބަރުތަކާ ގުޅިގެން ވެސް ގަރާރެއް ހުށަހެޅި އެވެ. އަދި ޔަހޫދީ ދައުލަތް، އިޒުރޭލާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ބަދަހި ކުރި މައްސަލާގައި ވެސް ރައީސް ނަޝީދާ ދެކޮޅަށް ގަރާރެއް ހުށަހަޅާފައިވެ އެވެ.