12 May 2024, 16:48
އަންނަ ޖުލައި މަހު އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށަން ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ފުނަދޫގައި ތަރައްގީ ކުރާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނާއި އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ތަރައްގީ ކުރަން ދުބާއީގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއި ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެސްޓީއޯ އާއި ވިޓޯލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަން ސޮއި ކުރި ބަންކަރިން ޚިދުމަތް މި ޖުލައި މަހު ފަށާނެ ކަމަށެވެ.
ބަންކަރިންގެ ޚިދުމަތަކީ ބޮޑެތި ބޯޓުތަކަށް ތެޔޮ އަޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.
މީގެ ކުރިން ސައީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބަންކަރިން ޚިދުމަތް ދޭން ފެށުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހައިލައިގެން ކަމަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަކީ އޮފް ޕޯޓް ބަންކަރިންއެވެ. ރާއްޖެއަކީ ކަނޑު އޮންނަ ގައުމަކަށް ވުމުން މި ފިޔަވަހީގައި ޕޯޓުގެ އެއްވެސް އިންފްރާންސްޓްރަކްޗާ މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. ދެވަނަ ފިޔަވައްސަކީ ޕޯޓުގެ ކޮންސްޓްރަކްޝަން މަަސައްކަތްތަކެވެ.
މީގެ ކުރިން މިނިސްޓަރު ވަނީ ރާއްޖޭގެ ފަޅުތަކުގެ ފުންމިނަކީ ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ ނިއުމަތެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ގާއިމުކުރާ އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީން، ބޭރުން ދާ ބޮޑެތި ބޯޓުތަކަށް ރާއްޖެ އައިސް ތެޔޮ އެޅޭނެ ނިޒާމު ހަމަޖެހޭނެކަން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
ރާއްޖޭގައި މި ގާއިމްކުރާ ފަދަ ޕޯޓެއް ސިންގަޕޫރު އަދި ސްރީލަންކާ ފަދަ އަވައްޓެރި ގައުމުތަކުގައި އެބަ ހުރި ކަމަށްވެސް ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މި ޕޯޓުތަކުން ދެނީ ވެސް އެއް ޚިދުމަތެއް ކަމަށާއި ނަމަވެސް، ރާއްޖޭގައި ގާއިމް ކުރާ ޕޯޓު ތަފާތު ވަނީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދާދި ފަހުން ރާއްޖެ ވަނީ ބަންކަރިން ޚިދުމަތަށް ޚާއްސަ މެޕުގައި ހިމެނިފައެވެ.
އިހަވަންދިއްޕޮޅަކީ ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް ހިންގޭ ގޮތަށް، ޒަމާނީ ބަނދަރެއް އަޅަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން އިއުލާންކުރި ނަމަވެސް، އެ މަޝްރޫއު ހިންގިފައިނުވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން "އައިހެވަން"ގެެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓޭޑް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށްފައި ވަނީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ގޮތަށެވެ.
ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށް އެކިއެކި ތާރީޚުތައް ދިން ނަމަވެސް އެ ޕްރޮޖެކްޓްގެ އެއްވެސް އަމަލީ މަސައްކަތެއް ފަށައިފައެއް ނުވެއެވެ.