12 May 2024, 12:38
މާލެ ކައިރީ އޮތް ފުނަދޫގައި ތަރައްގީ ކުރާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނާއި އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ތަރައްގީ ކުރަން ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއެކު ދިވެހި ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އިފްޒާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މާޓިން ޕީޓަސަންއެވެ.
ސަރުކާރުގެ ޕްލޭނުގައި އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ އިކޮނޮމިކް ގޭޓްވޭ ތައްޔާރުކުރަން ހަމަޖެހިފައި އޮތީ ތިން ފޭސްއަކަށް ބަހައިލައިގެންނެވެ.
އަދި މި އިކޮނޮމިކް ގޭޓްވޭ އެއްކޮށް ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި އިސްލާމިކް ފައިނޭންސް ސެންޓަރުތަކާއި އާންމުންނަށް ދިރިއުޅެވޭނެ ގޮތަށް ހައުސިންގެ އިތުރުން ޔުނިވާސިޓީއާއި ރިސާޗް އެންޑް ޑިވެލޮޕްމެންޓަށް ޚާއްސަ ހަބެއް ހުންނާނެއެވެ.
މީގެ އިތުރުން ޕޯޓާއި ކްރޫޒް ޓާމިނަލްކާއި އިންޓަނޭޝަނަލް އެއާޕޯޓު ވެސް އެ ތަނުގައި ތަރައްގީ ކުރާނެއެވެ. އިންޓަނޭޝަނަލް އެއާޕޯޓާއެކު އެއިރޯ ސިޓީގެ ނަމުގައި އެއާޕޯޓުގެ ވަށައިގެން އާންމުންނަށް ދިރިއުޅެވޭގޮތަށް ސިޓީ ތަރައްގީ ކުރާނެއެވެ.
މިކަމަށް ޚާއްސަކޮށް މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، މިއަދު ސޮއި ކުރެވުން އެމްއޯޔޫއާއެކު، ފަސް މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.
މީގެ ކުރިން ވެސް އެ މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅު ތަރައްގީކުރާނީ މެރިޓައިމް ޚިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް ޚާއްސަ ސަމާލުކަމެއް ދީގެންކަމަށާއި ރިއަލް އެސްޓޭޓް ޓޫރިޒަމާއި އެހެނިހެން ވިޔަފާރިތައް މި މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ޓްރާންޝިޕްމަންޓާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ޚާއްސަކޮށްގެން ސަރުކާރުން އުފެއްފި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އުފައްދާފައިވަނީ އެސްޓީއޯ، އެމްޕީއެލް، އެމްއޭސީއެލް، އާބަންކޯ އަދި އެމްޓީސީސީ ގުޅިގެންނެވެ.