12 May 2024, 07:21
ދާދި ފަހުން ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކްރޫ"ގެ ބަތަލާ ކްރިތީ ސަނޯން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ފިލްމުތަކަށް އަގު ހުށަހަޅާއިރު ޕްރޮޑިއުސަރުން ދެ ޖިންސުގެ މެދުގައި ބޮޑު ފަރަގެއް ގެންގުޅޭތީ ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
މީގެ ކުރިން ވެސް މި މައުޟޫއަށް ބޮލީވުޑްގެ އެކި ބަތަލާއިންތައް ވާހަކަދައްކާފައިވާއިރު ބައެއް ފިރިހެން ތަރިންނަށް ބަތަލާއިންނަށް ވުރެ ދިހަ ގުނަ އިތުރަށް އަގު ހުށަހަޅާފައި އެބަހުރި ކަމަށް ކްރިތީ ވަނީ ބުނެފައެވެ. ފިލްމު ކޮމްޕޭނިއަންއަށް ދިން އިންޓަވިއުއެއްގައި ކްރިތީ ބުނެފައިވަނީ މީގެ ކުރިން ކެރިއަރުގައި މާ ބޮޑު ކާމިޔާބީއެއް ހޯދާފައި ނެތް އެކްޓަރުންނަށް ވެސް ބައެއް ޕްރޮޑިއުސަރުން ބޮޑެތި އަގު ހުށަހަޅާފައިވާ ކަމަށެވެ.

ކްރިތީ އެކްޓަރު ޝަހިދު ކަޕޫރާއެކު ފިލްމެއްގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
އެހާ ބޮޑު ތަފާތު ކުރުމެއް ދެ ޖިންސުގެ ތަރިންގެ މެދުގައި ބޭއްވުމުގެ އެއްވެސް ބޭނުމެއް ބަތަލާއަށް ނުވިސްނޭ ކަމަށާއި އެކަމާ ގުޅޭގޮތުން ބައެއް ޕްރޮޑިއުސަރުންނާ ސުވާލުކޮށްފައިވާ ކަމަށެވެ. ބައެއް ޕްރޮޑިއުސަރުން ފިރިހެން ތަރިންނަށް ބޮޑެތި އަގު ހުށަހަޅަނީ ފިލްމުގެ ރިކަވަރީގެ ބަހަނާ ދެއްކުމަށްފަހު ކަމަށާއި ނަމަވެސް ގިނަ ފަހަރަށް ފިލްމުގެ ކޮޕީ ރައިޓްސް ޑިޖިޓަލް ޕްލެޓްފޯމަކަށް ނުވަތަ ސެޓެލައިޓް މެދުވެރިކޮށް ޕްރިމިއަކުރުމަށް ހުއްދަ ދިނުމުން އެ ފިލްމެއްގެ ރިކަވަރީގެ ބަޖެޓް ލިބޭ ކަމަށް ކްރިތީ ބުނެފައިވެއެވެ.
ފިލްމީ ދާއިރާއިގައި ބަތަލާއިންނަށް ހުށަހަޅާ އަގު އެކްޓަރުންނާ އެއް ހަމައެއްގައި ބެހެއްޓުމުގެ މަސައްކަތް އެންމެ ފުރަތަމަ ވެސް ކުރަން ފެށީ "ކްރޫ"ގެ ޕްރޮޑިއުސަރު ރެއާ ކަޕޫރު ކަމަށާއި އެކަމުގެ ފެށުމަކީ ރެއާގެ ފުރަތަމަ ފިލްމު "ވީރޭ ދި ވެޑިންގް" ކަމަށް ކްރިތީ ވަނީ ބުނެފައެވެ. ރެއާ މިހާތަނަށް ޕްރޮޑިއުސްކޮށްފައިވާ ގިނަ ފިލްމުތަކަކީ ލީޑް ރޯލުން މުޅިން ވެސް ބަތަލާއިން ފެނިފައިވާ ފިލްމުތަކެކެވެ.
ފިލްމު "ކްރޫ"އަށް ލިބިފައިވާ ކާމިޔާބު ފާހަގަކުރަމުން އަންނަ ބަތަލާ އެންމެ އަވަހަށް ފެންނާނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން ގެނެސްދޭ ފިލްމު "ދޯ ޕައްތީ"އިންނެވެ.